އެއްވެސް މައްސަލައެއްގެ ތަހުގީގު ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް މުހުލަތެއް ނުދެވޭނެ ކަމަށް ދާޚިލީ ވަޒީރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ އާއިލާތަކާއި އެކު މިރޭ އިސްކަންދަރުކޮށީގައި ބޭއްވި ހަފްލާގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދާޚިލީ ވަޒީރު ޑރ. ޖަމީލު ވިދާޅުވީ މައްސަލައެއްގެ ތަހުގީގު ވަކި މުއްދަތެއްގެ ތެރޭގައި ނިންމައި ގާނޫނީ ފިޔަވަޅު އެޅުމަށް އެންގުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ކަމަށް ދެކިވަޑައިނުގަންންވާ ކަމަށެވެ.

ޖަމީލު ވިދާޅުވީ މައްސަލައަކަށް ބޭނުންވާ ހެއްކާއި ގަރީނާއަކީ ކޮބައިކަން އެނގޭނީ ތަހުގީގު ކުރަމުންދާ ފުލުހުންނަށް ކަމަށާއި އެއްވެސް މައްސަލައެއް ތަހުގީގު ކުރުމަށް ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމަށެވެ.

މައްސަލައެއް ތަހުގީގު ކުރަން ފެށުމަށްފަހު ވަކި ހިސާބަކުން އެ މައްސަލައެއްގެ ތަހުގީގު ހުއްޓާލާފައި ނުބާއްވާ ކަމަށާއި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބުމުން ލަސްނުކޮށް ފުލުހުން އެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތައް ލަސްނުކޮށް ޝަރީއަތަށް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަހުގީގު ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ދައުވާ ކުރުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އަމަލުކުރަމުން ގެންދާ އުސޫލެއް ކަމަށާއި ރާއްޖޭގައި ވެސް އެ އުސޫލަށް އަމަލުކުރެވޭގޮތް ހަދަންޖެހޭ ކަމަށެވެ.

ފުލުހުން ފާހަގަ ކުރަމުންދާ 80 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ ފުލުހުންގެ މުވައްސަސާއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި އެއީ އެހެނިހެން މުވައްސަސާތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްމުވައްސަސާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ޑރ. އަފްރާޝީމް އަލީ އަވަހަރާކޮށްލި ހާދިސާގެ ތަހުގީގު ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.

ދިވެހި ރައްޔިތުންގެ ގައިމީ ހަރަކާތުގެ ނަމުގައި މިދިޔަ ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި އިމްރާން ވަނީ ތިން ހަފުތާގެ ތެރޭގައި އަފްރާޝީމްގެ މަރުގެ ތަހުގީގު ނިންމައި އެކަން ކުރި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި އެގޮތަށް އަމަލުނުކޮށްފި ނަމަ "ބޮޑު ހުކުރު"ގެ ނަމުގައި ވަރުގަދަ ހުކުރެއް ގެންނާނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

އިމްރާން އެގޮތަށް ވިދާޅުވެފައި ވާއިރު ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމަމް އަހްމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

އަފްރާޝީމް ގަތުލުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތަހުގީގު ފުރިހަމަކޮށް ދައުވާ އުފުލާފައިވާއިރު ފުލުހުން މިހާރު ކުރަމުންގެންދާ މަސައްކަތަކީ އަފްރާޝީމް މަރާލުމަށް ފައިސާ ޚަރަދުކުރި މީހުން ހޯދުމުގެ މަސައްކަތް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.