ހައި ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފާ ދެކޮޅަށް އެ ކޯޓުގެ އެހެން ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިއްޔެ ހުށަހެޅި ސުލޫކީ މައްސަލަ ބަލަން ނުފެންނަ ކަމަށް އެ ކޮމިޝަނުން ނިންމައިފިކަން ސަން އޮންލައިނަށް ކަށަވަރު ވެއްޖެ އެވެ.

ނަން ނުޖެހުމަށް ޝަރުތު ކޮށް ސަންއަށް މައުލޫމާތު ދެއްވި ޖޭއެސްސީގެ މެންބަރަކު ވިދާޅުވީ ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި، ޝަރީފުގެ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް ނިންމީ ހުޅުމާލޭ ބެންޗް އެކުލަވާލީ ޖޭއެސްސީން ކަމަށް ވާތީ، އެ ކަމުގައި ކޮމިޝަންގެ މަސްލަހަތު ފުށު އަރާތީ ކަމަށް މެންބަރުންނަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައިގައި ކޯޓުގެ އިޖުރާއާތުތަކާ ގުޅޭ ކަންކަން ހުށަހަޅައިފައިވާތީ، އެ ފަދަ މައްސަލައެއް ބެލޭނީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމަށް ފަހު ކަމަށް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންނަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

މިއަދު ޖޭއެސްސީގައި އެ މައްސަލަގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ އެ ކޮމިޝަން ގައި ހިމެނޭ 10 މެންބަރުންގެ 7 މެންބަރުން ކަމަށް ސަންއަށް މައުލޫމާތު ދެއްވި އެ ކޮމިޝަންގެ މެންބަރު ވިދާޅުވި އެވެ. އަދި ފަނޑިޔާރު އަހުމަދު ޝަރީފްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ ހަ މެންބަރުން ކަމަށާއި އަދި ބަލަން ފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ މެންބަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރު ފިޔަވައި، އަނެއް އަށް ފަނޑިޔާރުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތް ހުއްޓައިލުމަށް އިސް ފަނޑިޔާރު ސޮއިކުރައްވައި އަމުރު ނެރުނީ ނަޝީދު ހުށަހެޅުއްވި މައްސަލަ ރަޖިސްޓްރީ ނުކޮށް، ގަޒިއްޔާ ނަންބަރެއް ވެސް ކަނޑަނާޅައި އަދި އެހެން ފަނޑިޔާރުންނާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ކަމަށެވެ.

ޖޭއެސްސީގެ މެންބަރު އިތުރަށް ވިދާޅުވީ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ގަޒިއްޔާ ނަންބަރު ނުޖަހައި ނުވަތަ އެއްމެ ފަނޑިޔާރަކު ސޮއި ކުރައްވައި ސްޕްރީމް ކޯޓުން ވެސް އަދި އެހެން ކޯޓުތަކުން ވެސް އެ ގޮތަށް އަމުރު ނެރޭ ކަން މެންބަރުން ފާހަގަ ކުރެއްވި ކަމަށެވެ.