އައްޑޫ ސިޓީގެ ފޭދޫގައި ބަލިވެ އިނދެ ވިހެއި އުމުރުން 11 އަހަރުގެ އަންހެން ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގި ދެ މީހުން ދިގު މުއްދަތަކަށް ޖަލަށް ލާން ފޭދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ އަންހެން ކުއްޖާ ވިހައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. އޭރު އޭނާގެ ބަނޑަށް ހަތް މަހެވެ. އަދި އޭރު އޭނާ ދިޔައީ ފޭދޫ ސްކޫލްގެ ގްރޭޑް ހަޔެއްގައި ކިޔަވަމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާގެ ބޮޑު ބޭބެއެއް ކަމަށްވާ ފޭދޫ ކޯޒީކޯނާ އާދަމް ސައީދު، 46، ގެ މައްޗަށް ކުރި - އާއިލާގެ މެންބަރަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވާތީ އޭނާ 25 އަހަރަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފައިވާ ކަމަށެވެ.

އެ އަންހެން ކުއްޖާ އާ އެކު ޖިންސީ ގުޅުން ހިންގިކަން ތަހުގީގަށް ސާބިތުވުމުން ސ. މަރަދޫފޭދޫ ގުލްފާމްގޭ މުހައްމަދު ޖާވީދު، 38، ގެ މައްޗަށް ކުރި - ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުވުމުން ހުކުމް ކޮށްފައި ވަނީ އޭނާ 14 އަހަރަށް ޖަލަށް ލުމަށް ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ އަންހެން ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭއާ ޖާވީދުގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ޖާވީދު އާއި އާދަމް ސައީދާ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ އަންހެން ކުއްޖާގެ ގެއަށް ގޮސް ތަފާތު އެކި ފަހަރު މަތިން ޖާވީދު އޭނާއާ އެކު ޖިންސީ ގުޅުން ހިންގައިފައިވާކަމަށް ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ދެ މީހުން ދިގުމުއްދަތަކަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.