04 Apr 2013, 16:46
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގެ ތިން މާއްދާއެއް ބާތިލް ކުރުމަށާއި އަދި އެ ގާނޫނުގެ ދެ މާއްދާއެއް ހުދޫދެއް ނެތި ބޭނުން ކުރުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދިއްޖެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީ އުޝާމާ މޫސާ ވިދާޅުވީ ދައުލަތުން އެދެނީ އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި 16 ވަނަ މާއްދާ އާއި އަދި 18 ވަނަ މާއްދާގެ (ށ) އަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާތަކެއް ކަމަށް ކަނޑައަޅައި ދެއްވައި އެ މާއްދާތައް ބާތިލް ކޮށްދެއްވުމަށް ކަމަށެވެ.
އިމްތިޔާޒުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމެޓީއަކަށް ނޫންނަމަ ރަސްމީ މަސައްކަތަކަށް ހުރަސްއެޅޭ ގޮތަކަށް ޝަރުއީ ކޯޓަކަށް ނޫންނަމަ އެނޫންވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ.
އެ މާއްދާއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އުޝާމާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އެ މަޖިލީހުގެ ރަސްމީ ދުވަހާއި ނުރަސްމީ ދުވަހު ވެސް މަސައްކަތް ކުރާތަނެއް ކަމަށެވެ. އެހެންކަމުން އެ މާއްދާ އެކުލަވާލެވިފައިވާ ގޮތުން މަޖިލީހުގެ މެންބަރުން އެހެން މުއައްސަސާތަކަށް ހާޒިރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެ އެ މުއައްސަސާތަކުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްތަކަކާ ކުރިމަތިވެގެން ދާނެ ކަމަށެވެ.
އިމްތިޔާޒުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނަނީ މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ތަހުގީގު މަރުހަލާގައި ނުވަތަ ޖިނާއީ ކުށެއްގައި އަހަރަކަށް ވުރެ ކުރުހުކުމެއް ތަންފީޒު ކުރުމަށް މެންބަރަކު ހައްޔަރު ކޮށްފައިވާނަމަ އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށެވެ.
އެ މާއްދާއާ ބެހޭގޮތުން ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލާ އުޝާމާ ވިދާޅުވީ އެ މާއްދާ ބައްޓަންކުރެވިފައިވާ ގޮތުން ޖިނާއީ ކުށެއްގެ ތަހުގީގަށް މެންބަރަކު ހައްޔަރު ކޮށްފައި ވަނިކޮށް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން މަޖިލީހުގެ ގޯތިތެރޭގައި ހުރެ މީސްމީހުންނާއި ބައްދަލުކޮށް މީހުންނަށް ފޯނުކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންވާ ކަމަށާއި އެކަމުގެ ސަބަބުން ތަހުގީގު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެގެން ދާނެ ކަމަށް ވެސް އުޝާމާ ވިދާޅުވި އެވެ.
އިމްތިޔާޒުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރެވޭ މީހާއާ ކުރެވޭ ސުވާލުތަކަށް ޖަވާބު ނުދީފިނަމަ އެމީހަކީ މަޖިލީހުގެ އަމުރަށްނުކިޔަމަންތެރިވި މީހެއްކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 1000ރ. އާއި 3000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށް ލުންކަމަށް އެ ގާނޫނުގައި ބުނެފައި ވެއެވެ.
އެ މާއްދާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުޝާމާ ވިދާޅުވީ އެ މާއްދާ އެކުލަވާލެވިފައި ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކަމަށެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ އިދާރާ ފަދަ ތަހުގީގީ އިދާރާތަކަށް ހާޒިރުކުރުމުން ބަޔާން ނުދޭ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅޭނެ އުސޫލެއް ހަމަޖެހިފައި ނުވާއިރު މަޖިލީހުގެ ކޮމެޓީއަކަށް ބަޔާން ނުދޭ މީހަކު ޖަލަށް ލެވޭގޮތަށް ކަނޑައަޅާފައި ވުމަކީ އެކަމުގެ ސަބަބުން އާންމު ފަރުދުންގެ ދުސްތޫރީ ހައްގުތަކަށް ގެއްލުންވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ގާނޫނު ހެދުމުގެ ބާރާއި ޝަރީއަތް ކުރުމުގެ ބާރު އެކުވެގެން ހިނގައިދާނެ ކަމަށް ވެސް އުޝާމާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އިތުރުކަމެއް އުއްތަމަ ފަނޑިޔާރު އިއުލާން ކުރައްވާފައެއް ނުވެއެވެ.