04 Apr 2013, 16:29
ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން މާދަމާރޭ ބާއްވާ ޝޯގައި ހަވާ އެރުވުމުގެ ކަންތައް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ 80 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މާދަމާރޭ ބާއްވާ ޝޯ އާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް ވިދާޅުވީ މާދަމާ ރޭ 8:00 އިން 12:00 އަށް ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދާ ޝޯގައި ތަފާތު އެކި ބޭންޑުތަކުގެ އިތުރުން ފުލުހުންގެ އެކި ޑިމާޓްމަންޓު ތަކުގެ މުވައްޒަފުންގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށެވެ. ހަނީފް ވިދާޅުވީ މަދަމާރޭ 9:30ގައި އެމްއެޑީއެފުން ހަވާއެރުވުމުގެ ކަންތައް ވެސް ކުރިއަށްގެންދާނެ ކަމަށެވެ.
މާދަމާ ރޭ އޮންނަ ޝޯގެ އިތުރުން މާދަމާ ހަވީރު ޖުމްހޫރީމައިދާނުގައި "އަހަރީ ހަވީރުގެ" ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށް ހަވީރެއް ވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ހަވީރުގައި ގިނަ އަދަދެއްގެ ސްކޫލްތަކުން ބައިވެރިވެފައިވާ ކަމަށް ހަނީފު ވިދާޅުވި އެވެ.
ހަނީފް ވިދާޅުވި ގޮތުގައި އެފަދަ ހަވީރެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ފުލުހުންނާ ރައްޔިތުން އޮންނަ ގުޅުން ވަރުގަދަ ކުރުން ކަމަށެވެ. އަދި ފުލުހުންގެ އަހަރީ ދުވަހުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ އެކުވެރި މާހައުލެއް ގާއިމުކުރުން ހިމެނޭ ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން މާލެއާއި އަތޮޅުތެރޭ ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ.