04 Apr 2013, 15:03
ފުވައްމުލަކުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫއަށް ކުވައިތު ފަންޑުން އެހީވެދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ކުވައިތައް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ ފުވައްމުލަކުގައި ގާއިމުކުރާ ފެނާ ނަރުދަމާގެ މަޝްރޫއަށް އެހީވެދޭނެ ކަމުގެ ޔަގީން ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ކުވައިތު ފަންޑުން ދިނުމަށް ހަމަ ޖެހިފައި ވަނީ ލޯނެއް ކަމަށް ނުވަތަ ހިލޭ އެހީއެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރުއަކީ ގާތްގަނޑަކަށް 50،000،000ރ. މަޝްރޫއެއް ކަމަށެވެ.
ފުވައްމުލަކުގައި ފެނާއި ނަރުދާމާގެ މަޝްރޫއު ފެށުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތް ކުވައިތު ފަންޑުގެ ފަރާތުން ދެ ހަފްތާގެ ތެރޭގައި ހަމަ ޖެހިގެންދާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
"ގާތްގަނޑަކަށް ފަންސާން މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެއީ. ވަރަށް ބޮޑު ޕްރޮޖެކްޓެއް. އަޅުގަނޑަށް ލަފާކުރެވޭ ކުރިއަށް އޮތް ދެ ހަތްފާގެ ތެރޭގައި އެ މަޝްރޫއު މުޅިން އެޕްރޫވް ވެގެންދާނެ. އެދެން ނިމިފަ އޮތް ކަމެއް ކަމަށް ބަލާށޭ އެބޭފުޅުން ވިދާޅުވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކުގެ މަޝްރޫއުގެ އިތުރުން ހުޅުމާލެގައި ގާއިމުކުރާ މެޑިކަލް ސެންޓަރު އެޅުމަށް ނުވަތަ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ސަރުކާރުން އެދޭ ކޮންމެ ވެސް އެއް މަޝްރޫއަކަށް ކުވޭތު ފަންޑުން އެހީތެރިވެދޭނެ ކަމަށް ކުވޭތު ސަރުކާރުން ބުނެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ކޮންމެ މަޝްރޫއަކަށް ވެސް އެހީވުމަށް ކުއޭތު ސަރުކާރުން ތިބީ ތައްޔާރަށް ކަމަށާއި އޭގެ ތެރެއިން މަޝްރޫއު ކަނޑައަޅާނީ ދިވެހި ސަރުކާރުން ކަމަށެވެ.