ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް، އެ ކޮމިޝަންގެ މެންބަރު ކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް ފަހުމީ އަލުން އަނބުރާ މަގާމަށް ނާދެވޭނެ ކަމަށް ރައީސް އޮފީހަށާއި ސީއެސްސީއަށް ލާފާ ދެއްވާފައި ވާނެ ކަމަށް ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އާޒިމާ ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމުގައި ފަހުމީ ވަޒީފާއަށް ނިކުންނެވޭނެ ކަމަށް ނުވަތަ ރީއިންސްޓޭޓް ކުރެވޭނެ ކަމަށް ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ލަފާ ދީފައި ވާނީ ފައުމީ ވަޒީފާއަށް ނުނިކުންނެވޭނެ ކަމަށް. ނުވަތަ ރީއިންސްޓޭޓް ނުކުރެވޭނެ ކަމަށް. ސްޕްރީމް ކޯޓްގެ ހުކުމުގައި ވެސް ބުނެފައި ނޮއޮންނާނެ ފަހުމީއަށް ވަޒީފާއަށް ނިކުންނެވޭނެ ކަމަކަށް. ނުވަތަ އަލުން ރީއިންސްޓޭޓް ކުރަން ޖެހޭނެ ކަމަކަށް. އެހެން ވީމަ އެ މައްސަލާގައި އަޅުގަނޑު ލަފާ ދިނީ ރައީސް އޮފީހަށާއި ސީއެސްސީ އަށް،" އޭޖީ ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން ސީއެސްސީގެ މީޑިއާ އޮފިޝަލް އަލީ ނިޒާރު ވިދާޅުވީ ބަންޑާރަނައިބްގެ ފަަރާތުން އެފަދަ އެއްވެސް ލަފައެއް ލިބިފައި ނުވާ ކަމަށެވެ. މި މައްސަލާގައި ރައީސް އޮފީހުން ފޯން ނުނަންގަވާތީ ރައީސް އޮފީހުގެ ބަހެއް ނުލިބޭ ކަމަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެން ފަހުމީ އަލުން ވަޒީފާ އަށް ނިކުންނަވަން ފެއްޓެވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި ފަހުމީ ވަޒީފާއަށް ނިކުންނަވަން ފެއްޓެވީ ރައީސް އޮފީހުން ފޮނުވި ސިޓީއަކާއި ގުޅިގެން ކަމަށް ސީއެސްސީގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ފަހުމީ ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، ފަހުމީ ވަޒީފާއިން ވަކިކުރަން ނިންމައި މަޖިލީހުން އެގޮތަށް ފާސްކުރީ ގާނޫނުއަސާސީ ހިލާފަށް ކަމަށް ބުނެ ފަހުމީ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އެންމެ ފަނޑިޔާރަކު ފިޔަވައި ދެން ތިއްބެވި ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި ބުނަނީ ފަހުމީއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލަ ބެލުމަށް އެ މަޖިލީހުން އަމަލުކޮށްފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހާއާ މެދު އަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ޝަރުއީ ކޯޓެއްގައި އެ މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާ ހިނދަކު އެއްވެސް މީހަކަށް އެ މީހަކީ ކުށްވެރިއެއް ކަމަށް ނުބުނެވޭނެ ކަމަށާއި ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ފަހުމީ ވަކިކޮށްފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުން ބޭރުން ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.