މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯދް (އެމްއެންޑިއެފް)ގެ ފަޔަރު އެންޑް ރެސްކިޔު ސާވިސްއިންގެ އޮޕަރޭޝަން ޕްލޭން ޓެސްޓުކުރުމުގެ ގޮތުން ބާއްވާ ފުލް ސްކޭލް ތަމްރީން "ޖައްރާފާ"މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ މިއަދުން ފެށިގެން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހިންގާ އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00އާއި ދެމެދުގައި މާލެއާއި މާލެ ކައިރީ ރަށްތަކާއި މާލެ ހިމެނޭ ސަރަހައްދުގެ ކަނޑުމަތީގައި ކަމަށެވެ.

މިއަދު ހެނދުނު 7:30ގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަމްރީނުތައް ފައްޓަވައި ދެއްވީ ފަޔަރު އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑަރު ކާނަލް ހާމިދު ޝަފީގު އެވެ. ފަޔަރު އެންޑް ރެސްކިޔު ސާވިސްގެ އަލިފާން ނިއްވާ ހުރިހާ މީހުންނާއި މުވައްޒަފުން ބައިވެރިވި އެ ރަސްމިއްޔާތުގައި ކާނަލް ހާމިދު ޝަފީގު ވިދާޅުވި ގޮތުގައި އެ އެ ތަމްރީނަކީ އަލަށް އިސްލާޙްކުރެވުނު ފަޔާ އިމަޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރި ކުރުވުމުގެ ގޮތުންނާއި ފަޔަރު އެންޑް ރެސްކިއު ސާވިސްގެ އަލިފާން ނިއްވާ މީހުންގެ ހުނަރު އިތުރު ކުރުމުގެ އިތުރުން އަލިފާނުގެ އިމަޖެންސީ އޮޕަރޭޝަން ޕްލޭން ރިވިއު ކުރުމާއި އަލިފާނުގެ އިމަޖެންސީ އޮޕަރޭޝަނާއި އެއްގޮތަށް އެ ޕްލޭން މަސައްކަތް ކުރޭތޯ ބެލުމަށް ބެއްވޭ ތަމްރީނުތަކެއް ކަމަށެވެ. އަދި އެ ތަމްރީނުތަކުގެ ތެރޭގައި ފަޔާ ފައިޓަރުންގެ ހުނަރާއި އިލްމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވޭނެ ކަމުގައި ވެސް ކާނަލް ހާމިދު ޝަފީގު ވިދާޅުވި އެވެ.

އަލިފާން ނިއްވާ މީހުންނަށް ތައްޔާރު ކުރެވިފައިވާ ޕްލޭނާ އެއްގޮތަށް ތަފާތު ހާދިސާތަކަށް ހަރަކާތްތެރިވުމުގައި އެބައި މީހުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި އަދި އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން އަމަލީ މައިދާނުގައި ސާބިތުކޮށްދޭ މިންވަރު ދެނެގަތުމާއި ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަން ކުރިމަގުގައި ހައްލުކޮށް ހުނަރުވެރިކަމާ އެކު ރައްޔިތުންނަން ހިދުމަތް ފޯރުކޮށްދިނުމަށް ބޭއްވޭ އެ ތަމްރީނުތަކުގައި އެމްއެންޑީއެފް ފަޔަރު އެންޑް ރެސްކިޔު ސާވިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެމްއެންޑީއެފްގެ ކަމާބެހޭ ދާއިރާތަކުން ބައިވެރިވާނޭ ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެ އެވެ. އަދި އެ ތަމްރީނުތައް ކުރިއަށް ގެންދާއިރު ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާކަމަށް ވެސް ބުނެފައިވެ އެވެ.