04 Apr 2013, 14:20
ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުން ސަސްޕެންޑް ކޮށްފައި ވާތީ ދެ ގާނޫނީ ވަކީލަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް ފޮނުވުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ގާނޫނީ ވަކީލު އަބްދުﷲ ހަސީނާއި ގާނޫނީ ވަކީލު ސ. ހިތަދޫ ފިތުރޯނުގޭ މަސްތޫރު ހުސްނީ އަށް ޝަރުއީ ކޯޓެއްގައި ވަކާލާތު ނުލުރެވޭނެކަމަށް އަންގާފައި ވަނީ ސުޕްރީމް ކޯޓުންނެވެ.
އެގޮތަށް ނިންމާފައިވާތީ އެ ދެ ބޭފުޅުން ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ޝަރުއީ ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އެންގި އެންގުމަކީ ގާނޫނު އަސާސީއާ ޚިލާފަށް އެންގި އެންގުމެއް ކަމަށް ކަނޑައަޅައި އެ ނިންމުން ބާތިލް ކޮށްދިނުމަށެވެ.
އެ ދެބޭފުޅުން ހުށަހެޅި މައްސަލަ މިއަދު ޝެޑިއުލް ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނަނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެއްވެސް ސުވާލެއް އުފެދޭނެ ނިންމުމެއް ނޫން ކަމަށެވެ. އެހެންކަމުން ހަސީނު އާއި މަސްތޫރު ދައުވާ ކުރި މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި މިހާތަނަށް ފިޔަވަޅެއް އެޅިފައިވާ ނަމަ އެ ފިޔަވަޅުތަކާއި ޔައުމިއްޔާތައް ހިމެނޭ ގޮތަށް މިއަދު މެންދުރު 12:00ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވައި ދުނުމަށް ސިވިލް ކޯޓުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.