04 Apr 2013, 13:41
ބުނެވޭ ގޮތުގައި އެއީ އެއްބަނޑު އެއްބަފާ ދެ ބެއިންނެވެ. އެކެއްގެ ނަމަކީ އަރްތޫރު މަރްގަރްޔާނެވެ. އަނެކެއްގެ ނަމަކީ އަރްތޫރް ސަރްގަސްޔާނެވެ. އެ ދެ ބެއިންނަކީ ފައިސާއަށް މީހުން މަރައިދޭ ދެ ޖައްލާދުންނެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ބަނގުގެ (މަސްތުވާ ތަކެތީގެ) ވިޔަފާރި ކުރާ ދެ ގަންޖާގަރުން ނުވަތަ ޑްރަގް ޑީލަރުންނެވެ. ގައުމުތަކުގެ ސިޔާސީން، ތިމާމެންގެ ކަޅު މަޝްރޫތައް ތަންފީޒު ކުރުވުމަށް ޓަކައި، ބޭނުން ކުރާ ކުލީ ސިފައިންގެ ދެ މީހުންނެވެ. އެ ބައެއްގެ މުއްސަނދިކަމުގެ މިންވަރު އެއްވެސް އެހެން ބަޔަކަށް ނޭނގޭހައި މުއްސަނދި ދެ މަހުޖަނުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކަށް ވުރެ ބާރުގަދަ، އެންމެ ބިރުވެރި، އެންމެ ނުރައްކައުތެރި ބާވަތުގެ ދެ މުޖުރިމުންނެވެ.
މިއީ ހައްތާ ވެސް ދެކެވޭ ވާހަކަތަކެވެ. މި ވާހަކަތައް އިވުމުން، މި ދެކެވެނީ އާތަރ ކޮނަން ޑޮއިލްސްގެ ވާހަކައެއްގައި ޝަރލޮކް ހޮލްމްސް، ނުވަތަ އިއާން ފްލެމިންގްގެ ވާހަކައެއްގައި ޖޭމްސް ބޮންޑް، އެ ބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރާން ޖެހޭ ބާވަތުގެ ނުބައި ބައި ބޮހުންތަކެއްގެ ވާހަކައޭ ވެސް ބައެއް މީހުންގެ ހިތަށް އަރައިފާނެއެވެ.
ސުވާލަކީ، އަރްތޫރް ދެ ބެއިންނާ ބެހޭގޮތުން އިވެމުން މިދާ ވާހަކަތަކަކީ ހަމަ ހަގީގަތް ހެއްޔޭ، މިއެވެ.
ކުލީ ސިފައިން
މޭރީ ވާމްބުއީ އަކީ ކެންޔާގެ އެންމެ މުއްސަނދި، އަދި އެންމެ މަޝްހޫރު މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީޑިއާ އާއި ސިޔާސީ ބައެއް ފަރާތްތައް ތަކުރާރުކޮށް ތުހުމަތު ކުރާ ގޮތުގައި، އޭނާ އަކީ ކެންޔާގެ ރައީސް އެމްވައި ކިބާކީގެ ވަގު އަނބިކަނބަލެކެވެ. ނަމަވެސް ރައީސް ކިބާކީ ވަނީ މި ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
ރައީސް އެމްވައި ކިބާކީ އާއި މޭރީ ވާމްބުއީއާ ދެމެދު ނާޖާއިޒު ގުޅުންތަކެއް އޮންނަ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް، މޭރީ ވާމްބުއީ އަކީ ކިބާކީގެ ޕާޓީގެ އިސް ބޭފުޅެކެވެ. ތަފާތު އެތައް މަސްދަރަކުން މައުލޫމާތު ލިބޭ ގޮތުގައި ކިބާކީގެ ކަޅު މަޝްރޫތަކާއި ވަގު ކުޅިތައް ރާވައި ތަންފީޒު ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާ އެއް ބޭފުޅަކީ ވެސް މޭރީ ވާމްބުއީއެވެ.
މަޝްހޫރު ވިކިލީކްސްއިން 2011 ވަނަ އަހަރު ފަޅައި އަރުވައިލި ސިއްރު ލިޔުންތަކަކުން އެނގޭ ގޮތުގައި، އަރްތޫރް ދެ ބެއިން ކެންޔާއަށް ގެންދިއުމުގައި ވެސް އަމަލީ ގޮތުން ހުރިހާ ކަމެއް ކުރެއްވި ބޭފުޅަކީ މޭރީ ވާމްބުއީއެވެ. ވިކިލީކްސްއިން ފަޅައި އަރުވައިލި މި ދެންނެވި ލިޔުންތަކަކީ، ކެންޔާގައި ހުންނަވާ އެމެރިކާގެ ސަފީރު ވިލިއަމް ބެލަމީ، 2006 ވަނަ އަހަރުގެ މާރިޗު މަހު، ވޮޝިންގޓަނަށް ފޮނުއްވި ސިއްރު މެސެޖުތައް ހިމެނޭ ލިޔުންތަކެކެވެ.
ވިކިލީކްސްއިން ޝާއިއު ކުރި ސިއްރު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އަރްތޫރް ދެ ބެއިންނަށް ކެންޔާއަށް ދާން ދައުވަތު ދެވުނީ ރައީސް އެމްވައި ކިބާކީގެ އަމުރުފުޅަށެވެ. އޭނާ އާއި އޭނާގެ އަރިސް ބޭފުޅުންގެ ރޭއްވެވުމެއްގެ ދަށުންނެވެ. އެ ބޭފުޅުންގެ މަގުސަދަކީ، ކިބާކީގެ ސަރުކާރުން ހިންގައިފައިވާ ފަސާދައިގެ ބޮޑެތި މައްސަލަތަކެއްގެ ހަގީގަތް ހޯއްދަވައި އާއްމު ކުރައްވާން، ކެންޔާ ސަރުކާރުގެ"ޕަރމަނަންޓް ސެކްރެޓަރީ ފޯރ އެތިކްސް އެންޑް ގަވަރނަންސް" ޖޯން ގިތޮންގޯ ކުރެއްވި މަސައްކަތްތަކެއް ހުއްޓުވައިލެއްވުމެވެ.
ގިތޮންގޯ އަކީ ކެންޔާގެ އެންމެ ފުންނާބު އުސް ނޫސްވެރީންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. ސިޔާސީ ލީޑަރެކެވެ. ފަސާދައާ ދެކޮޅަށް ހަރަކާތްތެރި ވެވަޑައިގެންނެވި މުހައްރިކެކެވެ. އޭނާގެ ދުރުމި، ކިބާކީގެ ސަރުކާރުގެ ފަސާދައިގެ އަމަލުތަކަށް އަމާޒު ވުމުން އެކަން ސަރުކާރަށް ވަރަށް ބޮޑު ޗެލެންޖަކަށް ވިއެވެ. އެ ޗެލެންޖާ ކުރިމަތި ލުމަށް ޓަކައި ސަރުކާރުން ނިންމީ އަރްތޫރް ދެ ބެއިންގެ ބޭނުން ހިފާންށެވެ. އެއީ 2003 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެއިރު އެ ދެ ބެއިން ތިބި ކަމަށް ވަނީ މެދުއިރުމަތީގެ ޢަރަބި ގައުމެއް ކަމަށް ވާ ޔޫއޭއީގެ ދުބާއީގައެވެ. އެ ދެ ބެއިން ކެންޔާއަށް ގެނައުމުގެ ވަޒީފާ ހަވާލު ކުރެވުނީ މޭރީ ވާމްބުއީއާއެވެ.
އަރްތޫރް ދެ ބެއިންނާ ބައްދަލު ކުރެއްވުމަށް ޓަކައި، މޭރީ ވާމްބުއީ ދުބާއީއަށް ވަޑައިގަތީ 2003 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ހަ ލައްކަ ޔޫއެސް ޑޮލަރުގެ ޗުއްޓީއެއް ދުބާއީގައި ހޭދަ ކުރެއްވުމަށް ފަހު، މޭރީ އެނބުރި ގައުމަށް ވަޑައިގަތީ އަރްތޫރް ދެ ބެއިން "ކުއްޔަށް ހިފުމުގެ" މަސައްކަތް ކާމިޔާބު ކުރައްވައިގެންނެވެ. ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކަކާއި ކުރެވުނު އިންތިޒާމުތަކަކަށް ފަހު، އަރްތޫރް ދެ ބެއިން ކެންޔާއަށް އައީ ޖެހިގެން އައި 2004 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
ކެންޔާ ގައި
ކެންޔާގެ ވެރިރަށް ނައިރޯބީގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު، "ޖޯމޯ ކެންޔައްޓާ އިންޓަރނޭޝަނަލް އެއަރޕޯރޓް" (ޖޭކޭއައިއޭ)އަށް އަރްތޫރް ދެ ބެއިން ފެއިބީ ބޮޑެތި މަހުޖަނުންނާއި ފިލްމާއި މިޔުޒިކުގެ ދުނިޔޭގެ އެންމެ މަތީ ފަޑީގައި އުޅޭ ތަރީންގެ ފެންވަރުގައެވެ. އެންމެ އަގުބޮޑު އަވި އައިނު އަޅައި، އަތްފަޔާއި ކަރާއި ކަންފަތުގައި އެތައް ލައްކަ ޑޮލަރުގެ އަގުހުރި، ރަނާއި ޖަވާހިރުގެ ކަރުގިލެ އާއި އަބާރަނަ އަޅައިގެންނެވެ. ބުނެވޭ ގޮތުގައި އެ ދެ ބެއިން އަބަދުވެސް ފެންނަނީ މި ކަހަލަ ގޮތަކަށް ތިއްބައެވެ.
އަރްތޫރް ދެ ބެއިންގެ މުއްސަނދިކަމާ މެދު ދެކެވި، މަޝްހޫރު ވެފައި އޮތް ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، ޖޭކޭއައިއޭއަށް އެމީހުން ފެއިބި އިރު ވެސް، އެމީހުންގެ އިސްތިގުބާލުގައި ކެންޔާގެ ސިޔާސީންނާއި ވިޔަފާރިވެރީންނާއި ފިލްމީ އަދި މިޔުޒިކީ ދުނިޔޭގެ އެތަކެއް ފަންނާނުންނެއް ތިއްބެވެ. އެމީހުން ނައިރޯބީއަށް ދިއުމަށް ފަހު، ހައި ސޮސައިޓީ ޕާޓީތަކާއި ހަފުލާތަކުގައި އެންމެ ސަމާލުކަން ދަމައިގަންނަ މޫނުތަކަކަށް އެމީހުން ވެގެން ދިޔައެވެ. އެމީހުންނާ އެކު ކެއުމުގެ މޭޒެއްގައި އިށީދެލުމަކީ ފަޚުރެއް ކަމަށް، ގައުމުގެ ބޮޑެތި ވިޔަފާރިވެރީންނާއި މަޝްހޫރު މީހުން ދުށްޓެވެ. އެއިރު އެ ދެ މީހުންނާ އެކު އެންމެ ގިނައިން ފެންނަ އެއް މޫނަކީ މޭރީ ވާމްބުއީގެ ރީތި، ޅަބާޅަ ދަރިކަނބަލުން ވިނީ ވާމްބުއީއެވެ.
ވިނީ ވާމްބުއީ މީޑިއާއަށް ވިދާޅުވި ގޮތުގައި އޭނާ އާއި އަރްތޫރް ސަރްގަސްޔާނާ ދެމެދުގައި އޮތީ ލޯބީގެ ގުޅުމެކެވެ. ވަރަށް އަވަހަށް އޭނާގެ އަނބިކަނބަލަކަށް ވެވަޑައިގަންނަވާނެ ވާހަކަ ވެސް ވިނީ ވިދާޅުވެފައިވެއެވެ. ނަމަވެސް އަރްތޫރް ދެ ބެއިން ކެންޔާއިން ފުރައިގެން ދާން ޖެހުނީ މި "ލޯބީގެ ދާސްތާން" ފުރިހަމަ ނުވަނީހެވެ.
ކެންޔާއަށް އައުމަށް ފަހު، އަރްތޫރް ދެ ބެއިން އެންމެ ފުރަތަމަ ފައިބައި ތިބީ ނައިރޯބީގެ މަޝްހޫރު ހޮޓަލެއްގައެވެ. ނަމަވެސް ދާދި އަވަހަށް، އެ ދެ ބެއިން ނައިރޯބީގެ އެންމެ ހިތްގައިމު ހިސާބުން، ރީތި ބޮޑު ގަނޑުވަރެއް ކަހަލަ ހަވޭއްޔެއް ގަތެވެ. އެ ދުވަސްވަރު އެމީހުން މީޑިއާއާ ވާހަކަދައްކަމުން، ސަމާސާއަކަށް ހަދައިފައި، ބުނަމުން ދިޔަ ގޮތުގައި،"ރުންޑާ އެސްޓޭޓް"ގައި ހުރި އެ ދެ ބެއިންގެ ހަވޭއްޔަށް ކެންޔާގެ ފުލުސް ކޮމިޝަނަރަށް ވެސް ވަދެވޭނީ އެ ދެ ބެއިން ހުއްދަ ދިނުމުންނެވެ. އެ ހަވޭލީގެ ދޮރޯށިތަކާއި މުޅި އިމާރާތުގެ ސެކިޔުރިޓީ ބަލަހައްޓަމުން ގެންދިޔައީ ހަތިޔާރު އަޅައިގެން ތިބި ފާރިސުންނެވެ. އަރްތޫރް ދެ ބެއިންނަށް ވަފާތެރި، އެމީހުންގެ މުވައްޒަފުންނެވެ.
އަރްތޫރް ދެ ބެއިން ކެންޔާއަށް ގެނައީ ކޮން ބައެއް ކަމާއި، އެމީހުން ގެނެވުނު ހަގީގީ ބޭނުން އޮތީ ސިއްރު ކުރެވިފައެވެ. އާއްމުކޮށް ހާމަ ކުރެވުނު ގޮތުގައި، އެ މީހުންނަކީ ބައިނަލްއަގުވާމީ އިންވެސްޓަރުންނެވެ. ސެކިޔުރިޓީ ކޮންސަލްޓަންޓުންނެވެ. އަދި މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅިގެން ފުލުހުންނާއި ސިއްރު ފުލުހުންނަށް ތަމްރީނު ދިނުމުގައި ތަޖުރިބާކާރުންނެވެ. އެ ދެ ބެއިން ކެންޔާއަށް ދިޔައީ އެ ގައުމުގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރާ ޚާއްސަ ފުލުހުންގެ ފައުޖެއް އުފައްދައި، އެ ފައުޖު ތަމްރީނު ކުރާން ކަމަށް ވެސް ބުނެވުނެވެ. އެމީހުންގެ ހަގީގީ ހަދަފަކީ ކޮބައިކަން އެނގެނީ ރައީސް ކިބާކީ އާއި އޭނާގެ އެންމެ އަރިސް ބޭފުޅުންނަށެވެ. އޭގެ ތެރޭގައި ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުރުން، ފުލުހުންގެ ބައެއް އިސް ވެރީންނާއި، ކެންޔާގެ ވައިގެ ބަނދަރުތަކާ ބެހޭ އެންމެ މަތީ އިދާރާގެ ބައެއް އިސް ވެރީންނާއި، އިމިގްރޭޝަނާއި ކަސްޓަމްސްގެ ބައެއް އިސް ވެރީން ހިމެނެއެވެ.
ހިތުހުރި ގޮތަކަށް ...
އަރްތޫރް ދެ ބެއިން ކެންޔާ އަށް ދިޔަތާ މާކަ ގިނަ ދުވަހެއް ނުވަނީސް، ކެންޔާ ސަރުކާރުން އެ ދެ ބެއިންނަށް އެ ގައުމުގެ ރައްޔިތުކަން ދިނެވެ. ކެންޔާގެ ފުލުހުންގެ އިދާރާގެ ޑެޕިޔުޓީ ކޮމިޝަނަރުކަމާ އެއްވަރުގެ ވަޒީފާ އެ ދެ ބެއިންނަށް ވެސް ދިނެވެ. މި ޚާއްސަ އިނާޔަތްތަކާ އެކުގައި އެ ދެ ބެއިންގެ އަތުގައި ކެންޔާގައި ސެކިޔުރިޓީ ކްލިއަރެންސް އެންމެ މަތި ތަންތަނަށް ވެސް ބޭނުން އިރަކު ވަދެނިކުމެ އުޅުމުގެ ހުއްދަފާސް އޮވެ އެވެ. ކެންޔާގެ ކޮންމެ ވައިގެ ބަނދަރެއްގެ ކޮންމެ ހިސާބަކަށް، ބޭނުން އިރަކު ވަދެނިކުމެ އުޅުމުގެ ހުއްދަފާސް އޮވެ އެވެ. ޑިޔުޓީ ނުދައްކައި ކެންޔާއަށް ކޮންމެ އެއްޗެއް އެތެރެ ކޮށް، ކޮންމެ އެއްޗެއް ގައުމުން ބޭރު ކުރުމުގެ ހުއްދަ އޮވެ އެވެ. ޗެކް ކުރުމެއް ނެތި ބޭނުން ވައްތަރެއްގެ ކުއްތާއެއް ކެންޔާއަށް އެތެރެކޮށް، ބޭނުން ކުރުމުގެ ހުއްދަ އޮވެ އެވެ. އެމީހުންގެ ފޮށިވަށި އެއްވެސް ބަނދަރެއްގައި ހުޅުވައި ޗެކް ކުރުމަކީ މަނާ ކަމެކެވެ. އެ އެއްޗެއްސަށް އޮންނަނީ ޑިޕްލޮމެޓުންނަށް އޮންނަ ފަދަ ރައްކައުތެރިކަމެކެވެ. މީގެ އިތުރުން، އެންމެ ޒަމާނީ ބަޑި އާއި ފިސްތޯލަ ފަދަ ހަތިޔާރާއި އެ ތަކެއްޗަށް ލައްވާ ވަޒަން އުންޑަ ފަދަ ތަކެތި ވެސް ބޭނުން އިރަކު އެތެރެކޮށް ހެދުމަކީ އެ ދެ ބެއިންނަށް އޮތް ޚާއްސަ ހުއްދައެކެވެ.
މިފަދަ އާދަޔާ ޚިލާފު ބާރުތަކެއް ލިބިގެން، އަރްތޫރް ދެ ބެއިން ކެންޔާގައި ހަރަކާތްތެރިވަމުން ގެންދިޔައީ ފުލުހުންގެ ވެރީންގެ ހައިސިއްޔަތުގައެވެ. އެމީހުން ދުއްވައި އުޅެނީ ފުލުހުންގެ އުޅަނދުތަކެވެ. އަމިއްލަ ކާރެއް ނުވަތަ ވޭނެއް ފަދަ އެއްޗެއް ދުއްވިޔަސް، އެމީހުން އެ އުޅަނދެއް ދުއްވަނީ ފުލުހުންނަށް ދޫކޮށްފައި ހުންނަ ނަންބަރު ޕްލޭޓް އަޅުވައިގެންނެވެ.
މިފަދަ އިއްޒަތުގައި، އަރްތޫރް ދެ ބެއިން ކެންޔާގައި އުޅެމުން ދަނިކޮށް، އެމީހުންގެ ވަތުބަތާނައާ ބެހޭގޮތުން އެންމެ ފުރަތަމަ ތުހުމަތުގެ އިނގިލި ދިއްކުރެއްވި ބޭފުޅަކީ އެއިރު ކެންޔާގެ ކެބިނެޓުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި، އަދި މިހާރު އެ ގައުމުގެ ބޮޑުވަޒީރު ރައިލާ އޮޑިންގާ އެވެ.
ރައިލާ އަށް އެކިއެކި ގޮތްގޮތުން، އެކިއެކި މަސްދަރުތަކުން ލިބިވަޑައިގަތް މައުލޫމާތުތައް އޭނާ ވަރަށް ބޮޑަށް ދިރާސާ ކުރެއްވި އެވެ. އަރްތޫރް ދެ ބެއިންގެ މަސައްކަތާއި، އެ ދެ ބެއިންގެ އުޅުމާއިގުޅުންތައް ހުރިނެތްގޮތް ނިކަން ރަނގަޅަށް ބެއްލެވި އެވެ. އެއަށް ފަހު އޭނާ މީޑިއާއަށް ވިދާޅުވި ގޮތުގައި، އަރްތޫރް ދެ ބެއިންނަކީ ރައީސް ކިބާކީގެ ސަރުކާރާ ދެކޮޅު ބޭފުޅުންގެ ދުވަސް ދުއްވައިލުމަށް ޓަކައި ހިންގޭ ސިއްރު ހަރަކާތެއްގެ ތެރެއިން ގެނެވިފައި ތިބި ކުލީ ސިފައިންގެ ދެ މީހުންނެވެ.
އޮޑިންގާގެ ތުހުމަތުތައް ފެންމަތިވުމާ އެކު، ކިބާކީގެ ސަރުކާރުން އެ ތުހުމަތުތައް ދޮގު ކުރިއެވެ. އެ ތުހުމަތުތަކުގެ ސީރިއަސްކަމާ އެކު ވެސް، އެ ތުހުމަތުތަކާ ބެހޭ އެއްވެސް ތަހުގީގެއް ވެސް ނުހިންގެ އެވެ. އެއާ ޚިލާފަށް، އޮޑިންގާގެ ތުހުމަތުތައް އާއްމު ކުރެވުނުތާ ދުވަސްކޮޅެއް ފަހުން ފެނުނީ ޖޭކޭއައިއޭގެ ވީއައިޕީ ލައުންޖުގައި، އެއްކަލަ ދެ ބެއިން ބޮޑު ނޫސް ކޮންފަރެންސެއް ބޭއްވި ތަނެވެ. ގައުމުގެ ބޮޑެތި ހުރިހާ މީޑިއާ ގްރޫޕްތަކަށް ދައުވަތު ދީގެން، ބޮޑެތި ޓީވީތަކުން ވަގުތުން ދުރަށް ދައްކައިގެން ދިން މި ނޫސް ކޮންފަރެންސުގައި، އެ ދެ ބެއިން ބުނި ގޮތުގައި، އެމީހުން ކެންޔާ އަށް އައީ ވިޔަފާރި ކުރުމުގެ މަގުސަދުގަ އެވެ. ކެންޔާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމުގެ މަގުސަދުގަ އެވެ. އަދި ކެންޔާގެ ފުލުހުންނަށް، މަސްތުވާ ތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ތަމްރީނު ދިނުމުގެ މަގުސަދުގަ އެވެ. ހަމަ މި ނޫސް ކޮންފަރެންސުގައި އަރްތޫރް ދެ ބެއިން ބުނި ގޮތުގައި، އެމީހުން ވަނީ ރައިލާ އޮޑިންގާ އަށް އެއް މިލިއަން ޑޮލަރުގެ ދަރަންޏެއް ދީފަ އެވެ. އަދި އޮޑިންގާ ވަނީ އެ ދަރަނި އަނބުރާ ދެއްކެވުމުން ރެކިވަޑައިގަތުމަށް ޓަކައި ތަފާތު ބަހަނާތަކާއި އުޒުރުތައް ދައްކަވައިފަ އެވެ.
އަރްތޫރް ދެ ބެއިންގެ ނޫސް ކޮންފަރެންސާ އެކު، އެކި ވާހަކަތައް ދެކެވި، އެއް ބަޔަކު އެމީހުންގެ ވާހަކަ ގަބޫލުކޮށް، އަނެއް ބަޔަކު އޮޑިންގާގެ ވާހަކަތައް ގަބޫލު ކޮށް، ޓީވީތަކާއި ރޭޑިއޯތަކާއި މައިޒާންތަކާއި ސިޔާސީ ސްޓޭޖުތަކުގައި ބަހުސް ކޮށްކޮށް، އެއްބަޔަކު އަނެއް ބަޔަކަށް އެއްޗެހި ގޮވަގޮވައި ތިބީއެވެ. އެއްކަލަ ދެ ބެއިން، ހަމަ ކުރިއެކޭ ވެސް އެއްގޮތަށް، ހިތުހުރި ގޮތަކަށް، ނައިރޯބީގައި އުޅެމުން ގެންދިޔައީ އެވެ.
ގަންޖާބުން
އަރްތޫރް ދެ ބެއިން ކެންޔާގައި ހަރަކާތްތެރިވާން ފެށިތާމާކަ ގިނަ ދުވަހެއް ނުވެ، މުޅި ގައުމު ސިހިގެން ދިޔައީ، ކެންޔާގެ ތާރީޚުގައި އެ ގައުމަށް އެއްފަހަރާ އެތެރެ ކުރެވުނު މަސްތުވާ ތަކެތީގެ އެންމެ ބޮޑު ޝިޕްމަންޓް އަތުލައިގަތް ޚަބަރާ އެކުގަ އެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ނައިރޯބީއަށް ގެނެއި އެ ޝިޕްމަންޓުގައި އެތައް ޓަނެއްގެ ކޮކެއިން ހިމެނުނެވެ. އެ ޝިޕްމަންޓުގެ އަގަކީ ކެންޔާ ފައިސާ އިން ކިޔާ ނަމަ، 6.4 ބިލިއަން ޝިލިންގެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 1.16 ބިލިއަން ރުފިޔާ އެވެ.
މި ދެންނެވި ކޮކޭން ޝިޕްމަންޓާ ބެހޭގޮތުން ކެންޔާގެ އެންމެ ބޮޑު މީޑިއާ ގްރޫޕް "ސްޓޭންޑަރޑް ގްރޫޕް"ގެ ތަހުގީގީ ނޫސްވެރީން އެތައް އަހަރެއް ވާންދެން މަސައްކަތް ކޮށްގެން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ޝިޕްމަންޓް އެތެރެ ކުރުމުގައި އަރްތޫރް ދެ ބެއިންގެ އަތެއް ވުމަކީ ވަރަށް ކައިރި ކަމެކެވެ. އެ ޝިޕްމަންޓް ގެނައީ ކޮން ބައެއްކަން މިހާތަނަށް ވެސް ޔަގީންކަމާ އެކު ހާމަ ކުރެވިފައި ނުވިޔަސް، ކުރެވޭ ހީތަކެއްވެ އެވެ. އެ ހީތަކަށް ބާރުދޭ ގަރީނާތަކެއް ވެސް އެބަހުއްޓެވެ. އެފަދަ އެއް ގަރީނާ އަކީ، އެ ޝިޕްމަންޓް އެތެރެ ކުރީ ކާކުކަމާ މެދު، އެއިރު ކެންޔާގެ ޑެޕިޔުޓީ ޕަބްލިކް ޕްރޮސެކިޔުޓާ ފިލިޕް މާރގަރ ވިދާޅުވި ވާހަކަފުޅުތަކެވެ. އޭނާ މި ވާހަކަތައް ވިދާޅުވި ކަމަށް ވަނީ ކެންޔާގައި ހުންނެވި އެމެރިކާ އެމްބެސެޑަރުގެ އަރިއަހުގަ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ވިކިލީކްސް އިން ފަޅާއަރުވައިލި ކަމަށް އިސްވެ ދެންނެވުނު ލިޔެކިޔުންތަކުގައި ވާގޮތުން، 2004 ވަނަ އަހަރުގެ ޖަނަވަރީ މަހު އަތުލައިގަނެވުނު ކޮކޭން ޝިޕްމަންޓްތަކަކީ މޭރީ ވާމްބުއީ އާއި އެކަމަނާގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ ގަންޖާބުންގެ ވިޔުގައަކުން އެތެރެ ކުރި ޝިޕްމަންޓެކެވެ.
މި ދެންނެވި ޝިޕްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔުމަށް ފަހު، ދެން ކަންތައްތައް ވަމުން ދިޔައީ ސިއްރުތަކުން ފުރިފައިވާ ގޮތްގޮތަށެވެ. އެންމެ ފުރަތަމަ ކަމަކަށް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، އެ ޝިޕްމަންޓުގެ ބޮޑު ބައެއް ގެއްލުނެވެ. އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ރައްކައުކޮށްފައި ހުރި އިމާރާތަށް، އަރްތޫރް ދެ ބެއިންގެ ތެރެއިން އެކަކު ޒިޔާރަތް ކުރިކަމަށް ރިކޯޑުތަކުން ދައްކަ އެވެ. އެ މައްސަލައާ ގުޅޭ ތަހުގީގުތަކަށް ފަހު، އެންމެ ފުރަތަމަ ތަހުގީގު ފުރިހަމަ ކުރެވުނު ދެ މީހުންގެ މައްސަލަ ކޯޓަށް ފޮނުވުނުތާ ދުވަސްކޮޅެއް ނުވަނީސް، އެއިރުގެ ޑެޕިޔުޓީ ޕަބްލިކް ޕްރޮސެކިޔުޓަރ ފިލިޕް މާރގަރ ވަޒީފާއިން ވަކި ކުރެވުނެވެ. އެއީ 2005 ވަނަ އަހަރު އެވެ.
މީގެ އިތުރުން ވެސް، ކޮކޭން ޝިޕްމަންޓާ ގުޅިގެން އެތައް ކަންތައްތަކެއް ވަނީ ހިނގައިފަ އެވެ. އެކަންތައް ހިނގައިދިޔަ ގޮތާ ބެހޭ ތަފްސީލީ ރިޕޯޓްތަކެއް، "ސްޓޭންޑަރޑް މީޑިއާ ގްރޫޕް"ގެ ފަރާތުން ހިންގާ "ކެންޔަން ޓެލެވިޜަން ނެޓްވާރކް" ނުވަތަ "ކޭޓީއެން" އާއި އެ ގްރޫޕުގެ ފަރާތުން ޗާޕުކޮށް ޝާއިއު ކުރާ "އީސްޓް އެފްރިކަން ސްޓޭންޑަރޑް" ދުވަހު ނޫހާއި، ހަމަ އެ ގްރޫޕުން ހިންގާ"ސްޓޭންޑަރޑް ޑިޖިޓަލް" އޮންލައިން ނޫހުގައި 2011 ވަނަ އަހަރު ޝާއިއު ކުރި އެވެ. އެ ރިޕޯޓުތައް ބިނާ ކޮށްފައި ވަނީ "ސްޓޭންޑަރޑް"ގެ ތަހުގީގީ ނޫސްވެރީން ކަމަށްވާ ކޭޓީއެންގެ ސީނިއާ އިންވެސްޓިގޭޓިވް އެޑިޓަރު މުޙައްމަދު ޢަލީ އާއި ސީނިއާ އިންވެސްޓިގޭޓިވް ރިޕޯރޓަރު ޑެނިސް އޮންސަރީގޯގެ ހޯދުންތަކުގެ މައްޗަށެވެ.
މުޙައްމަދު ޢަލީ އާއި ޑެނިސް އޮންސަރީގޯގެ ހޯދުންތަކުން އެނގޭ ގޮތުގައި ކެންޔާ ސަރުކާރުން ވަނީ ކޮކޭން ޝިޕްމަންޓް އަތުލައިގަން ހާދިސާގައި ހައްޔަރު ކުރި އަދި ތުހުމަތު ކުރެވުނު ފަރާތްތަކާ ދެކޮޅަށް ތަހުގީގު ކުރުމާއި ދައުވާ ކުރުމުގެ މަސައްކަތް ލަސް ކޮށް، އެ މަސައްކަތުގައި އިހުމާލު ވުމަށް ގަސްތުގައި ރާވައިގެން މަސައްކަތް ކޮށްފަ އެވެ. އަދި އެ ޝިޕްމަންޓް ގެނައި ގޮތާއި، އަތުލައިގަނެވުނު ގޮތާ މެދު ވެސް ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެއާ ޚިލާފަށް، ސަރުކާރުން މަސައްކަތްކޮށްފައި ވަނީ މުޅި އެ ކަންތައްގަނޑު މަތިއަޅައި ފޮރުވުމަށެވެ. މައްސަލައިގެ މުހިއްމު ހެކީންނާއި ތުހުމަތު ކުރެވުނު އެތައް ބަޔަކަށް ވަނީ ފިލައި ރައްކައުވެގެން އެތަންމިތަނަށް ދިޔުމުގެ ފުރުސަތު ތަނަވަސް ކޮށްދެވިފަ އެވެ. އަދި މިކަންތައްގަނޑުގެ ތެރޭގައި، ފުލުހުންގެ ހަތަރު މީހަކާއި ޖާސޫސީ އިދާރާގެ މީހަކު ވަނީ މަރާލައިފަ އެވެ. މިކަންކަން ވެސް ކުރި ކަމަށް މުޙައްމަދު ޢަލީ އާއި ޑެނިސް އޮންސަރީގޯ ބުނަނީ ގަންޖާބުންނާ ގުޅިފައި ތިބި ފުލުހުންގެ އޮފިސަރުންނެވެ.
ކޭޓީއެންގެ ނޫސްވެރީން ބުނި ގޮތުގައި، 2004 ވަނަ އަހަރުގެ މަސްތުވާ ތަކެތީގެ މައްސަލަ އޮއްބައިލުމުގެ އެންމެ އަޑީގައި ތިބީ މި ދެ ބެއިންނެވެ.
ނިގާބު ނެގުން
އަރްތޫރް ދެ ބެއިންގެ މިޝަން ޚާތިމާ އާ ހަމަޔަށް ނުދަނީސް، އެ މިޝަން ފޭލިވީ 2006 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގަ އެވެ. އެ މަހުގެ ދެ ވަނަ ދުވަހު، ކަޅު ނިގާބުން މޫނު ނިވައި ކޮށްގެން ތިބިބަޑިވާރުންގެ "ސްޓޭންޑަރޑް މީޑިއާ ގްރޫޕް"ގެ އޮފީސްތަކަށް ވަދެގަނެ، ހިންގި ހަރަކާތްތަކަށް ފަހުގަ އެވެ.
"ސްޓޭންޑަރޑް މީޑިއާ ގްރޫޕް"ގެ އޮފީސްތަކަށް ބަޑިވާރުންގެ ބަޔަކު ވަދެގަތީ ދެ ސަބަބަކާ ހުރެ އެވެ. އެއް ސަބަބަކީ ނޫހުގައި ޝާއިއު ކުރެވުނު ލިޔުމެކެވެ. އަނެއް ސަބަބަކީ ނޫހުގައި ޝާއިއު ކުރާން ތައްޔާރު ކުރެވިފައި އޮތް ލިޔުމެކެވެ.
މީގެ ތެރެއިން، ޝާއިއު ކުރާން ތައްޔާރު ކުރެވިފައި އޮތް ލިޔުމަކީ ކެންޔާގައި ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ގަންޖާބީ ޖަމާއަތްތަކަކާ ބެހޭ ސިއްރު މައުލޫމާތުތައް ހިމެނޭ ލިޔުމެކެވެ. ސްޓޭންޑަރޑަށް ދެވުނު ހަމަލާގެ މަގުސަދަކީ އެ ލިޔުން ޝާއިއު ކުރުން ހުއްޓުވުމެވެ.
އިސްވެ ދެންނެވުނު ދެ ލިޔުމުގެ ތެރެއިން، ޝާއިއު ކުރެވުނު ލިޔުމަކީ އެ އަހަރުގެ ފެބުރުވަރީ މަހުގެ ފަހުކޮޅު، ރައީސް އެމްވައި ކިބާކީ އާއި އިދިކޮޅު ލީޑަރު ކަލޯންޒޯ މުސްޔޯކާއާ ދެ ބޭފުޅުން ސިއްރު ބައްދަލުވުންތަކެއް ބާއްވަވަމުން ގެންދަވާ ކަމުގެ މައުލޫމާތު ހިމެނޭ ލިޔުމެކެވެ.
ކޮންމެއަކަސް، މާރިޗު މަހުގެ ދެ ވަނަ ދުވަހުގެ ރޭގަނޑު ދަންވަރު، އެކެއް ޖެހި އިރު، ނައިރޯބީގެ އެކިއެކި ސަރަހައްދުތަކުގައި ހުރި "ސްޓޭންޑަރޑް މީޑިއާ ގްރޫޕް"ގެ އެޑިޓޯރިއަލް އޮފީސްތަކަށް ބަޑިވާރުންގެ މީހުން ވަދެގަތެވެ. ކަޅު ނިގާބުތަކުން މޫނު ނިވައި ކޮށްގެން، އޭކޭ 47ގެ ބަޑި ހިފައިގެންނެވެ. އެމީހުން ވަދެގަތް ތަންތަނުގެ ތެރޭގައި "އީސްޓް އެފްރިކަން ސްޓޭންޑަރޑް" ނޫހުގެ އޮފީހާއި ކޭޓީއެންގެ އޮފީސް ހިމެނެ އެވެ. އެމީހުން އެތަންތަނަށް ވަދެގަނެ، އެތަންތަނުގައި ތިބި މުއައްޒަފުންގެ ގައިގައި ތަޅައި އަނިޔާ ކޮށް، އެތަންތަނުގައި ހުރި ކޮމްޕިއުޓަރުތައް ފޭރިގަނެ، ޓްރާންސްމިޝަން އާލާތްތައް ނަގައި، ނޫހުގެ މާރިޗު ދެ ވަނަ ދުވަހުގެ އަދަދުގެ ކޮޕީތައް އަންދައި، އޮފީހާއި ތަނުގެ އާލާތްތަކަށް ނުހަނު ބޮޑު ގެއްލުން ދިނެވެ. ޗާޕް މެޝީންތައް ވެސް ހަލާކު ކޮށް ސުންނާފަތި ކުރި އެވެ. ކޭޓީއެން އޮފީހުން ކަރަންޓު ކަނޑާލުމާ ގުޅިގެން، ޓީވީގެ ޓްރާންސްމިޝަން ވެސް އެތައް ގަޑިއިރަކަށް މެދުކެނޑިގެން ދިޔަ އެވެ.
މި ބިރުވެރި ޖަރީމާ ހިންގީ ކޮން ބައެއްކަން ފުރަތަމަ އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށް، ކެންޔާގެ އިންފޮރމޭޝަން މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެކަން ކުރީ ފުލުހުންގެ ބައިވެރިވުމާއި އެހީތެރިކަމާ އެކު، އަރްތޫރް ދެ ބެއިންނެވެ. ސަރުކާރުގެ އިންޓަރނަލް ސެކިޔުރިޓީ ވަޒީރު ފަހުން މީޑިއާގައި ވިދާޅުވެފައި ވަނީ "ހަރުފައެއްގެ ނިގުލަށް ފިތާލައިފި ނަމަ، އެ ސޮރު ފަހަތުން އަރައި ވިހަ ލާނެ" ކަމަށާއި، އެކަން ނުދެނެ ތިބުމަކީ ސްޓޭންޑަރޑް މީޑިއާ ގްރޫޕުގެ މައްސަލައެއް ކަމަށެވެ.
އަރްތޫރް ދެ ބެއިންގެ މޫނުން "ނިގާބު ނަގައި" އެއީ ކޮން ބައެއްކަން ފަޅާ އަރުވައިލުމަށް ޓަކައި ކެންޔާގެ މީޑިއާ، ޚާއްސަކޮށް "ސްޓޭންޑަރޑް މީޑިއާ ގްރޫޕް"ގެ ތަހުގީގީ ނޫސްވެރީން ކަމަރު ބަނީ މި ހާދިސާއަށް ފަހުގަ އެވެ. ނޫސްވެރީންގެ ހޯދުންތަކުން އެނގުނު ގޮތުގައި، ސްޓޭންޑަރޑްގެ އޮފީސްތަކަށް ވަން ބަޑިވާރުންގެ ތެރޭގައި ވެސް އަރްތޫރުގެ ދެ ބެއިން ތިއްބެވެ.
ގައުމުން ބޭރު ކޮށްލުން
މި ހިސާބަށް ކަންތައްތައް ދިޔުމުން ވެސް، ކެންޔާ ސަރުކާރުން އެންމެ ފުރަތަމަ ބުނަމުން ދިޔައީ އަރްތޫރް ދެ ބެއިންނަކީ އެއްވެސް ލަކެއް މިލައެއް ނެތް، ސާފު ދެ މީހުން ކަމުގަ އެވެ. ކެންޔާގައި އިންވެސްޓް ކުރާން އުޅޭ ދެ ބިލިއަނަރުން ކަމުގަ އެވެ. މަސްތުވާ ތަކެއްޗާ ދެކޮޅު ހަނގުރާމައިގައި އެހީތެރީން ކަމުގަ އެވެ.
އަރްތޫރް ދެ ބެއިން ކެންޔާއިން ބޭރު ކޮށްލާން މަޖުބޫރުވީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅުގެ ދުވަހަކު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެ ދުވަހު އެ ދެ ބެއިން ޖޭކޭއައިއޭ އަށް ދިޔައީ އެމީހުންގެ ދައުވަތަކަށް ނައިރޯބީއަށް އައި ބައެއްގެ އިސްތިގުބާލަށެވެ. އެމީހުންގެ ފޮށިތައް ޗެކް ނުކޮށް ނެރޭން އުޅުމުން، ކަސްޓަމްސް އޮފިސަރުން އެކަމަށް ހުރަސް އެޅިއެވެ. ނަތީޖާއަކީ އަރްތޫރް ދެ ބެއިންގެ ތެރެއިން އެކަކު ރުޅި އައިސްގެން އޭނާގެ އަތުގައި އޮތް ފިސްތޯލަ ނަގައި، ކަސްޓަމްސް އޮފިސަރަކާ ދިމާޔަށް އަމާޒު ކުރުމެވެ.
މިހާ ސީރިއަސް ކަމެއް ހިނގައި، އެކަމުގެ ޚަބަރުތައް މުޅި ކެންޔާގައި ފެތުރި، ރައްޔިތުން މަގުތަކަށް ނިކުންނަ ހިސާބަށް ދިޔުމުން، ސަރުކާރަށް މަޖުބޫރު ވީއަރްތޫރް ދެ ބެއިންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށެވެ. އެއަރޕޯޓުގައި އެމީހުން ހިންގި އަމަލަކީ ބޮޑު އަދަބެއް ދޭން ޖެހޭ ކަމަށް ކެންޔާގެ ގާނޫނުގައި ކަނޑައަޅައިފައި އޮންނަ އަމަލަކަށް ވިޔަސް، ސަރުކާރުން އެމީހުން ހައްޔަރުކޮށް، ތަހުގީގު ކުރުން ފަދަ އެއްވެސް އަމަލެއް ނުހިންގަ އެވެ. ކުރިހައިވެސް ކަމަކީ "ޑީޕޯޓް" ކޮށްލުމުގެ ނަމުގައި، އެ ދެ ބެއިން ނުހަނު އިއްޒަތުގައި ކެންޔާއިން ފޮނުވައިލުމެވެ. ނައިރޯބީން ފުރައިގެން، އަނެއްކާ ވެސް ދުބާއީއަށް އެ ދެ ބެއިން ދިޔައީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
އަރްތޫރް ދެ ބެއިން ނައިރޯބީން ފުރުމަށް ފަހު، ރުންޑާ އެސްޓޭޓްގައި ހުންނަ އެ ދެބެއިންގެ ހަވޭލި ފާސް ކުރި އިރު، 2006 ގެ މާރިޗު މަހު ސްޓޭންޑަރޑް ގްރޫޕްގެ އޮފީސްތަކަށް ހަމަލަ ދިން މީހުން ބޭނުން ކުރި ވައްތަރުގެ ބަޑިއާއި އެ ބަޑިއަށް ލައްވާ އުންޑަ އެ ގެއިން ގިނަ އަދަދަކަށް ފެނުނެވެ. މީގެ އިތުރުން، އެ ދެ ބެއިން އެކި ނަންނަމުގައި ހައްދައިފައި ހުރި އެކި ގައުމުތަކުގެ ޕާސްޕޯޓުތަކާއި ދަތުރުވަރި ލިޔެކިޔުންތައް ވެސް ގިނަ އަދަދަކަށް އެ ގޭގައި ހުއްޓެވެ.
ހަގީގަތް އަނދިރީގެ ތެރޭގައި
އަރްތޫރް ދެ ބެއިންގެ ހަގީގަތް ހޯދާން މަސައްކަތް ކުރި ކެންޔާގެ ނޫސްވެރީންނަށް ވެސް އެ ދެ ބެއިންގެ އަސްލާ ބެހޭގޮތުން އެކަށީގެންވާ ފަދަ މައުލޫމާތެއް ނުލިބުނެވެ. އެމީހުންނަކީ ކޮން ގައުމެއްގެ ކޮން ބައެއް ކަމާއި، އެމީހުންގެ ޅައިރާއި ޒުވާން އުމުރުގެ ދިރިއުޅުން ހުރީ ކިހިނެއް ކަމާއި، އެމީހުންގެ ވިޔަފާރި އާއި މުއްސަނދިކަމުގެ ހަގީގީ ހިސާބުތައް ފަދަ އެއްވެސް މައުލޫމާތެއް ނޭނގެއެވެ. އަރްތޫރް މަރްގަރްޔާނާއި އަރްތޫރު ސަރްގަސްޔާން މިއީ އެ ދެމީހުންގެ އަސްލު ނަންތައް ކަން ވެސް ކަށަވަރެއް ނޫނެވެ.
އަރްތޫރް ދެ ބެއިން ބުނާގޮތުގައި، އެ މީހުންނަކީ އިރުމަތީ އޭޝިއާގެ ކްރިސްޓިއަން ޖުމްހޫރިއްޔާއެއް ކަމަށް ވާ އަރްމީނިއާއަށް ނިސްބަތް ވާ ބައެކެވެ."ސްޓޭންޑަރޑް މީޑިއާ ގްރޫޕު"ގެ އޮފީސްތަކަށް ދެވުނު ހަމަލާތަކަށް ފަހު، އެ ދެ ބެއިންނާ ބެހޭ ކަންތައްތައް ބެލުމަށް ޓަކައި، ކެންޔާގެ ބަރުލަމާނުން އެކުލަވައިލި ކޮމިޓީއަކަށް މައުލޫމާތު ދެއްވަމުން، ރައީސް ކިބާކީގެ އޮފީހުގެ އެސިސްޓެންޓް މިނިސްޓަރު މިރޫގީ ކަރިއުކީ ވިދާޅުވި ގޮތުގައި، އަރްތޫރް ދެ ބެއިންނަކީ އަރްމީނިއާއަށް ނިސްބަތްވާ ދެ މީހުންކަން އަރްމީނިޔާގެ ސަރުކާރުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި، މިނިސްޓަރު ކަރިއުކީ ހެއްދެވީ އިތުރުފުޅެވެ. އެ ދެ ބެއިންނަކީ އަރްމީނިޔާގެ ރައްޔިތުން ކަމަކަށެއް، އެގައުމުގެ ސަރުކާރުން އެއްވެސް އިރަކު ބުނެފައި އޮތް ކަމަކަށް ނުވެ އެވެ.
އަރްތޫރް ދެ ބެއިންނާއެކު އުޅޭ އެހެން މީހުންނަށް ބަލައިލާ އިރު، އެ މީހުންނަކީ މުޅީން ވެސް އިރުމަތީ ޔޫރަޕުގެ ގައުމުތަކަށް ނިސްބަތް ވާ މީހުންނެވެ. ރަޝިއާ އާއި ޔުކްރެއިން ފަދަ ގައުމުތަކުގެ މީހުންނެވެ. މިއިން ކޮންމެ މީހެއްގެ އަތުގައި ވެސް ވަގު ޕާސްޕޯޓުތަކާއި، ވަގު ދަތުރުވަރި ލިޔެކިޔުންތައް ހުރެ އެވެ. އެއިން ކޮންމެ މީހަކަށް ވެސް ދިހަބާރަ ފަނަރަ ނަން ކިޔަ އެވެ. އެހެންކަމުން އެއިން އެއްވެސް މީހެއްގެ ވެސް ހަގީގަތެއް ނޭނގެ އެވެ.
ސްޓޭންޑަރޑް މީޑިއާ ގްރޫޕުގެ ނޫސްވެރީންނަށް މައުލޫމާތު ދިން އެއް މަސްދަރަކުން ބުނާ ގޮތުގައި، އަރްތޫރް ދެ ބެއިންނަކީ ރަޝިއާގެ މާފިއާއާ ގުޅިފައިވާ ދެ މީހުންނެވެ. އެ ދެ މީހުންނަކީ ހަގީގަތުގައި ރަޝިއާ މީހުން ކަމަށާއި، އެމީހުންގެ މުއްސަނދިކަމުގެ އަސްލަކީ ލެޓިން އެމެރިކާގައި އެމީހުން ހިންގާ ބިލިއަން ޑޮލަރުގެ މަސްތުވާ ތަކެތީގެ ވިޔަފާރި ކަމަށް ވެސް މި މަޞްދަރުން މައުލޫމާތު ދެ އެވެ.
ހަމައެހެންމެ، އެމީހުން ނިސްބަތް ވަނީ އިރުމަތީ ޔޫރަޕުގެ ގައުމެއް ކަމަށްވާ މޮލްޑޯވިއާއަށް ކަމަށާއި މެދުތެރޭ ޔޫރަޕުގެ ގައުމެއް ކަމަށްވާ "ޗެކް ރިޕަބްލިކް" އަށް ކަމަށް ވެސް ބުނެވެ އެވެ. އެ ދެ މީހުންގެ ޖިސްމާނީ ސިފަގަނޑުން އެނގޭ މިންވަރަކީ އެމީހުންނަކީ އިރުމަތީ ޔޫރަޕާއި ރަޝިއާގައި ގިނަ އަދަދަކަށް ދިރިއުޅޭ ސްލާވިކް ނަސްލުގެ ސިފަގަނޑާއި، އަރްމީނިއާ އާއި ޖޯރޖިއާ ފަދަ ގައުމުތަކުގައި އުޅޭ މީހުންގެ ވައްތަރުގަނޑު ހުރި ދެ މީހުން ކަމެވެ.
އަރްތޫރް ދެ ބެއިންގެ ވިޔަފާރިއާ ބެހޭގޮތުން ވެސް ދެކެވޭ ވާހަކަތަކުގެ ތެދުކަން ކަށަވަރު ކުރާކަށް އެހާ ފަސޭހައެއް ނޫނެވެ. "އާރތަރ ބްރަދަރޒް ހޯލްޑިންގސް" މި ނަމުގައި ހިންގާ ވެބްސައިޓެއްގައި އޮންނަ ގޮތުން، އެ ކުންފުނީގެ ވެރީންނަކީ އަރްތޫރް ދެ ބެއިންނެވެ. ކުންފުނީގެ ރައީސަކީ އަރްތޫރް މަރްގަރްޔާނެވެ. ނާއިބު ރައީސަކީ އަރްތޫރް ސަރްގްސްޔާނެވެ. އެ ކުންފުންޏަކީ އިމާރާތް ކުރުމާއި، ނުއުފުލޭ މުދާ ތަރައްގީ ކުރުމާއި، ފަތުރުވެރިކަމާއި، ވަޒީފާގެ ބާޒާރުގެ ވިޔަފާރި އާއި، އަމިއްލަ ފަރުދުންނަށް ސެކިޔުރިޓީގެ ޚިދުމަތް ފޯރު ކޮށްދިނުމުގެ ވިޔަފާރި އާއި، ސައިފަތް އުފެއްދުމުގެ ވިޔަފާރި އާއި، ބޭހުގެ ބާވަތްތައް އުފެއްދުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އަދި، އެ ކުންފުންޏަކީ މެދުއިރުމައްޗާއި، ކުރީގެ ރޫސީ ވިލާތް ރޫޅިގެން ދިޔުމުން އުފެދުނު ޖުމްހޫރިއްޔާތަކުގައި ވިޔަފާރި ކުރުމުގައި 25 އަހަރުގެ ދިގު މުއްދަތެއް ހޭދަ ކޮށްފައިވާ ކުންފުންޏެކެވެ. މި ވެބްސައިޓުގައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި، އެ ކުންފުނީގެ ވިޔަފާރި މި ސަރަހައްދުގައި އެންމެ ބޮޑަށް ހިނގަމުން ދަނީ އަވައްޓެރި ސްރީ ލަންކާގައެވެ. އިވޭ އަޑުތަކުން އެނގޭ ގޮތުގައި، މިހާރު އެ ދެ ބެއިންގެ ހަރަކާތްތައް އެންމެ ބޮޑަށް ހިނގަމުންދާ އެއް ގައުމަކީ ވެސް ސްރީ ލަންކާއެވެ.
ނަމަވެސް އަރްތޫރް ދެ ބެއިންގެ އަސްލާ ބެހޭގޮތުން ވެސް، އަދި އެ ދެ ބެއިންގެ ވިޔަފާރިތަކާއި މަސައްކަތްތަކާ ބެހޭގޮތުން ދެކެވެމުންދާ ތަފާތު އެކި ވާހަކަތަކުގެ ތެދުދޮގު ކަށަވަރު ކޮށްދޭ ފަދަ ވަރުގަދަ ހެކިތަކެއް ފެންނާކަށެއް ނެތެވެ.
ޚުދު ސްޓޭންޑަރޑް މީޑިއާ ގްރޫޕުން ހާމަ ކޮށްފައިވާ މައުލޫމާތާއި، ވިކިލީކްސްގެ ލިޔެކިޔުންތަކުން އެނގޭ މައުލޫމާތު ވެސް ވަނީ އެކަށީގެންވާ ފަދަ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވިފައޭ ނުދެންނެވޭނެއެވެ. އެހެންކަމުން އަރްތޫރް ދެ ބެއިންގެ ހަގީގަތް ވަނީ ޝައްކުތަކާއި، ވަހުމުތަކާއި ޒައްނުތަކުގެ އަނދިރި ވިލާތަކެއްގެ ތެރޭގައި ފޮރުވިފަ އެވެ. އެއްގޮތަކުން ވިސްނާ އިރު، މިއީ އެމީހުންގެ ނުރައްކައުތެރިކަން ބޮޑުވާ ސަބަބެކެވެ.
ަމަޢުލޫމާތު ނެގީ "ސްޓޭންޑަރޑް ޑިޖިޓަލް" (ކެންޔާ)؛ ބީބީސީ އޮންލައިން (ޔޫކޭ)؛ ދި އިންޑިޕެންޑެންޓް (ޔޫކޭ)؛ އާރތަރ ބްރަދަރޒް ހޯލްޑިންގސް ގެ ވެބްސައިޓް.