ކުވައިތު ސަރުކާރުގެ އެހީގައި ރާއްޖޭގެ އެއްވެސް މީހަކު މިހާރު ތައުލީމު އުނގެނެމުން ނުދާ ކަމަށާއި ނަމަވެސް ކުއޭތުގެ ސަރުކާރުގެ ސްކޮލަޝިޕްތައް އަލުން ދާދި އަވަހަށް ލިބެން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ކުވައިތައް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ ކުއޭތު ސަރުކާރުން ރާއްޖެއަށް ސްކޮލަޝިޕްތައް ދިނުމާއި ބެހޭ ގޮތުން އެ ގައުމުގެ ސަރުކާރުގެ ތައުމީލީ ވުޒާރާއާ މަޝްވަރާ ކުރި ކަމަށާއި އަދި އެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުވައިތު ސަރުކާރުން ދޭ ސްކޮލިޝިޕްގެ ބޭނުން ކުރުމަށް ސަރުކާރުން ވިސްނާފައި ވަނީ މަތީ ތައުލީމަށާއި ވޮކޭޝަނަލް އެންޑް ޓެކްނިލް އެޑިއުކޭޝަން ދާއިރާ އަށް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ވާހަކަ ދައްކާ މި ހަމަ ޖެހެނީ އަނެއްކާ ވެސް ކުވައިތުގެ ސްކޮލަޝިޕް ދިވެހި ރާއްޖެއަށް ލިބޭ ގޮތަށް. އޭގައި އެހެންވީމަ އަޅުގަނޑުމެން އިސްކަން މި ދެނީ މަތީ ތައުލީމަށާއި ވޮކޭޝަނަލް އެންޑް ޓެކްނިލް އެޑިއުކޭޝަނަށް. އަޅުގަނޑުމެންގެ ސިޔާސަތުގައި މި އޮތީ މަތީ ތައުލީމަށް ދޭ ފުރުސަތަތަކީ އެއީ އަޅުގަނޑުމެންގެ ޔުނިވަސިޓީގައި ކޮލޮޖުތަކުގައި ކިޔާވާ ދެއްވަން މިހާރު އުޅުއްވާ ބޭފުޅުންގެ ފެންވަރު މައްޗަށް ގެނައުމަށް ޓަކައި، ލެކްޗަރުން ފެންވަރު ޕްރޮފެސަރުންގެ ފެންވަރަށް އަރާވަޑައިގެންނެވުމަށް ބޭނުންފުޅުވާ މަތީ ތައުލީމް ހޯދަދިނުން،"

ކުވައިތުގެ ސޮކޮލަޝިޕްތައް ދާދި އަވަހަށް ލިބެން ފަށާނެ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ކުވައިތު ސްކޮލިޝިލް ލިބެނުންދިޔަ އިރު ލިބެމުން ދިޔައީ އަހަރަކު ފަސް ސްކޮލަޝިޕް ކަމަށާއި ނަމަވެސް މިހާރު ރާއްޖެއަށް އެއަށް ވުރެ ގިނަ ފުރުސަތު ލިބޭނެ ކަމުގެ އުންމީދު ލިބިވަޑައިގެންފައިވާ ކަމަށެވެ.