ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިޙާރު ކުރިއަށްގެންދާ 19 ވަނަ އެސޯސިއޭޝަން ޓެނިސް ޗެޕްޕިއަންޝިޕްސްގެ 16 އަހަރުން ދަށުގެ ފިރިހެން އުމުރުފުރައިގެ ޗެމްޕިއަންކަން އިޒްދިޔާން މައުމޫން ހޯދާފައިވާއިރު 14 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ރާކިން ޔޫސުފް ރިޒާ އާއި ޔޫހާން އާތިފް ހޯދައިފިއެވެ.

ފިރިހެން ކުދިންގެ 16 އަހަރުން ދަށުގެ އުމުރުފުރައިގެ ފައިނަލުގައި ރާކިން ޔޫސުފް ރިޒާއާ ވާދަކޮށް އިޒްދިޔާން މެޗު ކާމިޔާބު ކުރީ ހައެއް ތިނެއް، ހައެއް ތިނަކުންނެވެ. އަދި 14 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ރާކީންއާއި ޔޫހާން ހޯދީ ފައިނަލުގައި ދާއޫދު ފަޒީލުއާއި ރާހިން ޝާމްއާ ބައްދަލުކޮށް ހައެއް ހަތަރެއް، ހަތެއް ފަހަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

އެ މުބާރާތުގައި އިއްޔެ ވަނީ ފައިނަލުގެ އިތުރު ހަތަރު މެޗަކާއި ސެމީފައިނަލުގެ ދެމެޗެއްވެސް ކުޅެފައެވެ. އެގޮތުން 10 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގައި ނާމިގް ޝާހިދު އަދި އިމްރާން ނަޒީރު އާއި މޫސާ ޒައިނާން ހަމްދޫން އަދި ރާއިން މައުމޫން ބައްދަލު ކުރިމެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ޒައިނާންން އަދި ރާއިންއެވެ. އެ އުމުރުފުރައިގެ އަންހެން ޑަބަލްސްގައި ސާރާ އަކްރަމް އަދި މަލްސާ މައުމޫން އާއި އީމާން ޖަލީލު އަދި އީޝާ ޝަރާ ބައްދަލު ކުރި ފަނަލްމެޗު ކާމިޔާބުކުރީ ސާރާއާއި މަލްސާއެވެ.

ބާރަ އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި ޔޫސުފް އަކްރަމްއާއި ދާއިން އަމީން ވާދަކުރި މެޗް ކާމިޔާބު ކުރީ ޔޫސުފް އަކްރަމް އެވެ. އަދި އެ އުމުރުފުރައިގެ ފިރިހެން ޑަބަލްސްގައި ދާއިން އަމީން އަދި ޔޫސުފް އަކްރަމް އާއި ހުމައިދު ލަތީފް އަދި ޔޫނުސް އަސްލަމް ވާދަކުރި މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ދާއިންއާއި ޔޫސުފްއެވެ.

މުބާރާތުގެ ސެމީފައިނަލުގައި ކުޅުނު މެޗުތަކަށް ބަލާއިރު މިކްސްޑް ޑަބަލްސްގައި އިސްމާއީލް ޖަޒްލާން އަދި އާމިނަތު އިރުފާ އާއި ރާޔާ މަންސޫރު އަދި ސާއީ ވަހީދު ކުޅުނު މެޗު ހައެއް ތިނެއް ހައެއް އެކަކުން ކާމިޔާބުކޮށް ފައިންލުން ޖާގަހޯދީ ރާޔާއާއި ސާއީއެވެ. އަދި ފިރިހެން ޑަބަލްސްގެ ސެމީގައި އަހްމަދު މުސްތަފާއާއި އިގްނާޒު މަންސޫރުގެ ޕެއާ ފާރިޒް ފަޒީލްއާއި ފާއިޒް ފަޒީލްގެ ޕެއާއާ ވާދަކޮށް ހައެއް ހަތަރެއް ހައެއް އެކަކުން މެޗުކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ، މުސްތަފާއާއި އިގްނާޒުއެވެ.

އެކި އުމުރު ފުރައަށް ބަހާލައިގެން 54 ފިރިހެން ކުޅުންތެރިންނާއި 29 އަންހެން ކުޅުންތެރިން ބައިވެރިވެފައިވާ 19 ވަނަ އެސޯސިއޭޝަން ޓެނިސް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަނީ ހުސްވިމަހު 22ން ފެށިގެން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ން ފެށިގެން މާލޭ ޓެނިން ސެންޓަރުގައެވެ.