19 Oct 2010, 04:19
ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރަކު ޖުމްހޫރީ ޕާޓީ އާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި އެ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ޤާސިމް ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެ ޕާޓީއާ ގުޅުމަށް ޝައުގުވެރިކަން ފާޅުކޮށް ވަރަށް ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އޭނާ އާ ބައްދަލު ކުރައްވާފައިވާކަމަށެވެ.
"އެ ބޭފުޅުން އަމިއްލައަށް އަޅުގަނޑުމެން ގެއަށް އައިސް އަޅުގަނޑާ ބައްދަލު ކުރީ. އޭގެ ތެރޭގައި ވަރަށް ގިނަ ޒުވާނުންނާއި މަޖިލީސް މެންބަރުން ވެސް ހިމެނޭ. އެ ބޭފުޅުން ބުނަނީ އެމްޑީޕީ ސަރުކާރަށް ވެސް އެ ބޭފުޅުން ބޭނުންވާ ބަދަލު ގެނެވިފައި ނުވާކަމަށް. ޑީއާރުޕީ އަށް ވެސް އެ ބޭފުޅުން ބޭނުންވާ ބަދަލެއް މިހާތަނަކަށް ނުގެނެވުނު ކަމަށް. އަންނަ ނޮވެންބަރު 11 ވަނަ ދުވަހު އެ ބޭފުޅުން ބޭނުން ވަނީ ބޮޑު ބައްދަލުވުމެއް ބާއްވައި މި ޕާޓީއާ ގުޅެން" ޤާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަހުމަދު ނާޝިދު އެމްޑީޕީގެ ޖަލްސާތަކުގައި ބައިވެރިވެވަޑައި ގަންނަވާތީ އެކަމަށް ވެސް ޤާސިމް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ޕާޓީގެ ބައެއް މެންބަރުން އެކަމާ ކަންބޮޑުވުން ފާޅުޅުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑެއް ނުބުނަން އެހެން ތަންތަނަކަށް ނުދާށެކޭ. އެކަމަކު ޕާޓީގެ ގައުމީ ކޮމެޓީގެ ބައްދަލުވުމެއް މިހާ މަދުން އޮންނައިރު އަމިއްލަ ޕާޓީގެ ބައްދަލުވުމަށް ވަޑައިނުގެން އެހެން ޕާޓީތަކުގެ ބައްދަލުވުންތަކުގެ އިސް ސަފުގައި އިންނަވާތީ އަޅުގަނޑުގެ މައްސަލައަކީ. އެމްޑީޕީގެ ޖަލްސާތަކުން އެ ބޭފުޅާ ފެންނާތީ ވަރަށް ގިނަ ބޭފުޅުން ޝަކުވާ ކުރަމުން ގެންދޭ،"
ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި އެ ޕާޓީގެ ނުވަ ކައުންސިލެއް ހެދުމަށް ރޭ ގަވައިދެއް ފާސް ކޮށްފައިވެ އެވެ. ކައުންސިލުތަކުގެ ގަވައިދަކީ އެ ޕާޓީގެ އާންމު ގަވައިދުގެ 28 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
‹އެ ބޭފުޅުން އަމިއްލައަށް އަޅުގަނޑުމެން ގެއަށް އައިސް އަޅުގަނޑާ ބައްދަލު ކުރީ. އޭގެ ތެރޭގައި ވަރަށް ގިނަ ޒުވާނުންނާއި މަޖިލީސް މެންބަރުން ވެސް ހިމެނޭ›
އެ ކައުންސިލްތައް ހެދުމުގެ ބޭނުމަކީ ޕާޓީގެ ހަރަކާތްތައް މިހާރަށް ވުރެ އިތުރު ކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ ޝަރީފް ވިދާޅުވި އެވެ.
"ކުރިން އަޅުގަނޑުމެންގެ ޤައުމީ ކޮމެޓީގައި ސައުވީސް މެންބަރުން ތިބި ނަމަވެސް މިހާރު މި ތިބީ ނުވަ މެންބަރުން. ކައުންސިލްތަކުގެ މަގުސަދަކަށް ވާނީ ސަރުކާރު ޒިންމާ ދާރު ކުރުވުން. އެ ކައުންސިލްތަކުން ތަފާތު ކަންތައްތަކަށް ރިޕޯޓު ހަދައި ޤައުމީ މަޖިލީހަށް ފޮނުވާނެ" ޝަރީފް ވިދާޅުވި އެވެ.
ރޭ އުފެއްދި ނުވަ ކައުންސިލަކީ ދަނޑުވެރިކަމާ ބެހޭ ކައުންސިލާއި މަސްވެރިކަމާ ބެހޭ ކައުންސިލާއި ވިޔަފާރިއާ ބެހޭ ކައުންސިލާއި އިގްތިސާދާ ބެހޭ ކައުންސިލާއި ފަތުރުވެރިކަމާ ބެހޭ ކައުންސިލާއި ސިއްހީ ކައުންސިލާއި ތައުލީމާ ބެހޭ ކައުންސިލާއި ދަތުރު ފަތުރާ ބެހޭ ކައުންސިލަކާއި އިންޕޯޓް އެކްސްޕޯޓާ ބެހޭ ކައުންސިލެވެ.
ކައުންސިލްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތައް ހޯދުމަށް މާދަމާ އިއުލާނު ކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ކޮންމެ ކައުންސިލެއްގައި ހިމެނޭނީ ފަސްމެންބަރުން. އެއީ ރައީސް، ނައިބު ރައީސް ސެކްރެޓަރީ، ދެން އާންމު ދެ މެންބަރުން."
ޖުމްހޫރީ ޕާޓީން މިދިޔަ ބުދަ ދުވަހު އެ ޕާޓީގެ ވެބްސައިޓު ވެސް އާންމުކޮށް ހުޅުވާ ލާފައިވެ އެވެ. އެ ޕާޓީން ފަހަކަށް އައިސް އަންނަނީ އެ ޕާޓީގެ ހަރަކާތްތައް އިތުރުކުރަމުންނެވެ.