16 Mar 2010, 16:24
19:00
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މުހައްމަދު ނޫޒު މަރުވީ ފުލުހުން އަނިޔާކޮށްގެން ކަމަށް ބުނާ ވާހަކަތަކަކީ ހަޤީޤަތެއް ނޫން ކަމަށާއި ނަމަވެސް އޭނާއަކީ ބަލި މީހެއްކަން މާލޭ ކަސްޓޯޑިއަލްގެ ފުލުހުންނަށް އެނގޭއިރު ވެސް އެކަށީގެންވާ ސިއްހީ ހިދުމަތް ފޯރުކޮށްދީފައިނުވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ގދ. ތިނަދޫ، އަންބަރީގޭ މުހައްމަދު ނޫޒުގެ މަރުގެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ތަހްޤީޤް ކުރުމަށްފަހު މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ފުލުހުން ނޫޒު ހައްޔަރުކޮށްފައި ވަނީ މި އަހަރު ޖެނުއަރީ 15 ގައި ވަންވޭއާ އިދިކޮޅަށް ސައިކަލް ދުއްވާފައި ދަނިކޮށް އޭނާ ހިފަހައްޓާ ޗެކްކުރި ޗެކްކުރުމުން އޭނާ ލައިގެން ހުރި ފަޓްލޫނުގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން ކަމަށާއި ނޫޒު ބަންދުގައި ހުއްޓާ ދުށް މީހުންގެ ބަޔާންތަކުން އޭނާ ފުރަތަމަ ގޮޅިއަށް ލީއިރު ބަލި ހާލަތު ގޯސް ނޫންކަން އެނގޭ ކަމަށެވެ.
ނޫޒު މާލޭ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި ހުރުމުގެ ތެރޭގައި ނޭވާހާސްވާތީ ގަޑިއެއްހާއިރަށް ގޮޅިން ބޭރަށް ނެރެފައިވާ ކަމަށާއި އޭނާ ޑޮކްޓަރަށް ދައްކާފައިވަނީ އޭގެ ފަހު ދުވަހު ގައިދީންގެ ސިއްހީ ޑޮކްޓަރު މާލޭ ކަސްޓޯޑިއަލަށް ދިއުމުން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދި އޭނާ އެންމެ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ 25 ޖެނުއަރީގައި ކަމަށާއި އެ ދުވަހު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ނުނިދާ ނުކައި އުޅޭތީ ކަމަށް ވެސް ފުލުހުން ބުނެފައިވާ ކަމަށާއި އަދި އެ ދުވަހު ޑޮކްޓަރުން އޭނާ ބެލުމަށް ފަހު ސައިކޭޓްރިސްޓަކަށް ނުވަތަ ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ދެއްކުމަށް ލަފާދީފައިވާ ކަމަށް ވެސް
އެ ބަޔާނުގައިވެ އެވެ. އަދި އެ ދުވަހު މާލޭ ކަސްޓޯޑިއަލަށް ނޫޒު ގެންދިއުމުން ވެސް އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް ފާހަގަކުރެވިގެން ސައިކޭޓްރިސްޓަކަށް ދައްކައި އެޑްމިޓްކުރުމަށް ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ސައިކޭޓްރިސްޓަކާއި ފިޒީޝަނަކާ ދައްކާފައިވާ ކަމަށާއި ނޫޒުގެ ބައްޔަކީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާތަނުން ދިމާވާ ކަމެއް ކަމަށް ބުނި ކަމަށާއި އޭނާގެ ސިއްހީ އެހެން އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ބެލި ޑޮކްޓަރުން ބުނެފައިވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ އެ ނޫސް ބަޔާނުގައިވެ އެވެ.
އަދި ހޮސްޕިޓަލްގައި އޮއްވައި ޖެނުއަރީ 26 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު ނޫޒުގެ ހާލަތު ގޯސްވެ، ތުރުތުރުއަޅާ ގޮތްވި ކަމަށާއި އެ މައްސަލަގައި ދެވަނަ ފަހަރަށް ނޫޒު ޓެސްޓްކޮށްގެން ބެލިއިރު ހާޓްއެޓޭކެއް ޖެހިފައިވާކަން ފާހަގަކުރެވިގެން އައިސީޔޫ އަށް ޓްރާންސްފާކޮށް އިންޓިއުބޭޓްކޮށްގެން މަސައްކަތް ކުރަމުން ދަނިކޮށް އޭނާ މަރުވީ 27 ޖެނުއަރީގެ ފަތިހުގެ ވަގުތެއްގައި ހިތުގެ ހިނގުމަށް މައްސަލަ ޖެހިގެން ކަމަށް ނޫޒު ބެލި ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެކަމަށް މަގުފަހިވެފައި ވަނީ ޑްރަގް ވިތްރޯވަލް ސިންޑްރޯމް ޑެލީރިއަމްގެ ސަބަބުން ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ވީމާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނޫޒު މަރުވީ އަނިޔާކޮށްގެން ކަމަށް އެކޮމިޝަނަށް ޤަބޫލްކުރެވެން ނެތް ކަމަށާއި އަދި އޭނާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށް އޭނާ ހިނެވި ޖަމާތްތެރިއަކު ބުނެފައި ވީނަމަވެސް އޭނާގެ ހަށިގަނޑު ސާފުކުރި ނަރުހުންގެ ބަޔާންތަކުން ވެސް އޭނާއަށް އަނިޔާއެއް ކޮށްފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށްވެސް އެބަޔާނުގައިވެ އެވެ. އަދި ތަޙްޤީޤަށް ބަޔާން ދިން އެއްވެސް މީހަކުވެސް އަދި މާލޭ ކަސްޓޯޑިއަލްގައި ތިބި އެއްވެސް ގައިދީއަކު ވެސް ފުލުހުން ނޫޒަށް އަނިޔާކުރި ކަމަށް ބުނެފައިވާނުވާ ކަމަށްވެސް އެބަޔާނުގައިވެ އެވެ. އަދި ޑޮކްޓަރުންގެ ރިޕޯޓްތަކުން ވެސް އޭނާގެ ހަށިގަނޑު އެއްވެސް އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށް ބުނެފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ އެބަޔާނުގައި ވަނީ މާލޭ ކަސްޓޯޑިއަލަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބިދޭންޖެހޭ ހާއްސަ ފަރުވާ ފޯރުކޮށްދެވޭ ފަދަ ގޮތަކަށް ހުރި ތަނެއް ކަމަށް އެ ކޮމިޝަނަށް ޤަބޫލްނުކުރެވޭ ކަމަށާއި އަދި ނޫޒު ނޭވާ ހިއްލާތީ ބޭރަށް ނެރެފައި ބައިންދާފައި އިނީ ބިޑި އަޅުވާފައި ކަމުން އެއީ ބަލި މީހުންނާ މެދު އަމަލްކުރުން އެކަށީގެންވާ ގޮތެއް ކަމަށް އެ ކޮމިޝަނަށް ޤަބޫލް ނުކުރެވޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ނޫޒުގެ މަރުގެ މައްސަލާގެ ތަހްޤީޤްގައި އެކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ރިޔާއަތްކޮށް، އެ ކަންކަމާ މެދު އަމަލްކުރަން އެ ކޮމިޝަނަށް ފެންނަ ގޮތުގެ ލަފާ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބަށް އަރުވާފައިވާނެ ކަމަށް ވެސް އެ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.