ގ. ވޭރު އަބްދުލް މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ދިފާއުވުމަށް ހެކި ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހްމަދު ނާސިހު ހުށަހަޅާފައި ވަނީ ދިފާއީ އެންމެ ހެއްކެކެވެ. އޭނާ ބުނީ ހެކި ހުށަހެޅީ މުހީތު މަރާލި ވަގުތު އޭނާ އެ ސަރަހައްދުގައި ނެތްކަން ސާބިތު ކުރުމަށް ކަމަށެވެ.

ދައުވާ ލިބޭ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫން ވެސް ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅީ އެންމެ މީހެކެވެ. ނަމަވެސް އެމީހާއާގެ ފުރިހަމަ ނަމެއް އޭނާއަކަށް ނޭނގެއެވެ. މައިމޫން ބުނީ އެމީހާއަށް ކިޔަނީ "އަންމަޑޭ" ކަމަށާއި މުހީތު މަރާލި ރޭ އޭނާ އެ ސަރަހަދަށް ނުދާކަން އެމީހާ ސާބިތުކޮށްދޭނެ ކަމަށެވެ.

ދައުވާ ލިބޭ ސ. މަރަދޫ ސަލްޓަންސްވިލާ އަލީ މުޝައްފައު ވަނީ ދިފާއީ ހެކީގެ ގޮތުގައި ފަސް މީހަކު ހުށަހަޅާފަ އެވެ. އޭނާ ހުށަހެޅި ހެކީގެ ތެރޭގައި ހިމެނެނީ އޭނާގެ މަންމަ އާއި ބައްޕަ އާއި ދައްތަގެ އިތުރުން މުހީތު މަރާލިރޭ އޭނާގެ ގޭގައި އުޅުނު މީހުންނެވެ.

އޭނާވެސް ބުނީ އެ ފަސް ހެކީން ހުށަހަޅާފައި ވަނީ މުހީތު މަރާލި ވަގުތު އޭނާ އެތަނުގައި ނޫޅޭކަން ސާބިތުކޮށް ދިނުމަށް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާ ލިބޭ މީހުންގެ ފޯންކޯލް ރެކޯޑިންތައް މެލެޝިޔާއަށް ފޮނުވައިގެން ހެދި ރިޕޯޓު މިހާރު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މުހުޖަތާއި މުޝައްފައުގެ ދިފާއީ ވަކީލު ވިދާޅުވީ އެ ރިޕޯޓު ތައްޔާރު ކުރި މެލޭޝިޔާގެ މީހާ ހާޒިރު ނުކުރެވޭނަމަ އެ ރިޕޯޓު ޝަރީއަތަށް ބަލައިގަނެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލު ވަނީ ދައުލަތުން ހުށަހަޅާފައިވާ ކްރައިމް ސީން އެގްޒަމިނޭޝަން ރިޕޯޓުތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކާފަ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ރިޕޯޓުތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް އެ މައްސަލަ ތަހުގީގުކުރި ދެ ފުލުހުން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް އެދޭކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވި އިރު އެ މައްސަލަ ދެން ތާވަލް ކުރެވިފައިވާ ދުވަހެއް ގާޒީ އިއުލާން ކުރައްވާފައެއް ނުވެއެވެ.

އެ ތިން މީހުންގެ ތެރެއިން މުހުޖަތާއި މުޝައްފައުގެ މައްޗަށް ދައުވާކޮށްފައި ވަނީ ތޫނުއެއްޗަކުން ހަމަލާދީ މުހީތު މަރާލި ކަމަށް ތުހުމަތު ކޮށެވެ. އަދި މައިމޫންގެ މައްޗަށް ދައުވާކޮށްފައި ވަނީ މުހީތު މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.

މުހީތުގެ މަރާ ގުޅިގެން 18 އަހަރުން ދަށުގެ ތިން ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ.