04 Apr 2013, 13:19
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ސިޔާސަތުތައް ކަނޑައަޅާ މެނިފެސްޓޯ އޮގަސްޓް މަހު އިފްތިތާހު ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ގައުމީ ފެންވަރެއްގައި ފެށުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރަސްމީއްޔާތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޓަކައި މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ މިފަހަރު އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރަމުން ދަނީ ފަސް ދާއިރާއަކުން ހަތް ސިޔާސަތުގެ މައްޗަށް ކަމަށެވެ. އެ ގޮތުން އެ ޕާޓީގެ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު ކަމަށްވާ ގެސްޓް ހައުސް ވިޔަފާރި ތަރައްގީ ކުރުމުގެ ސިޔާސަތު މި މަހުގެ ހަ ވަނަ ދުވަހު ލ. އަތޮޅުގައި އޮންނާނެ ކަމަށެވެ.
"މި މަހުގެ ހަ ވަނަ ދުވަހު އަޅުގަނޑުމެންގެ ރިޔާސީ ކެމްޕެއިން ގައުމީ ފެންވަރެއްގައި ފެށިގެން ދާނެ. އެގޮތުން ހޮނިހިރު ދުވަހު ލ. އަތޮޅުގައި ބާއްވާ ހާއްސަ ރަސްމީއްޔާތެއްގައި އަޅުގަނޑުމެންގެ މެނިފެސްޓޯގެ މުހިންމު އެއް ސިޔާސަތު ގެސްޓްހައުސް ވިޔަފާރީ ތަރައްގީ ކުރުމުގެ ސިޔާސަތު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ގައުމީ ފެންވަރުގައި އިފްތިތާހުކޮށް ދެއްވާނެ." މޫސަ ވިދާޅުވި އެވެ.
މޫސާ އިތުރަށް ވިދާޅުވީ ހަމަ އެ ދުވަހު، އެ ވަގުތުގެ ގާތްގަނޑަކަށް 15 މިނެޓް ފަހުން ރާއްޖޭގެ ވިހި ސަރަހައްދެއްގައި އެއްފަހަރާ ބާއްވާ ހަފްލާތަކެއްގައި ގެސްޓްހައުސް ސިޔާސަތު އިފްތިތާހު ކުރާނެ ކަމަށެވެ.
"އެމްޑީޕީ މެނިފެސްޓޯ ތަޢާރަފް ކުރެވޭނީ އެގޮތަށް، މުހިންމު ސިޔާސަތުތައް އެއްފަހަރާ މުޅި ރާއްޖޭގައާއި މާލޭގައި އިފްތިތާހްކުރެވޭނީ. އެފަދަ ހަތެއް ނުވަތަ އަށް ބުރުން، އަދި މުޅި މެނިފެސްޓޯ އެގޮތަށް އެކުލަވާލެވިގެން ގައުމީ ފެންވަރުގައި ތަޢާރަފް ކުރެވޭނީ އެގޮތަށް،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި އިސް ސަފުގައި ތިއްބަވާނީ އެމްޑީޕީ ސަރުކާރުގެ ވަޒީރުންނާއި މަޖިލީސް މެމްބަރުން ކަމަށް މޫސަ ވިދާޅުވި އެވެ.