04 Apr 2013, 13:03
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރާ، އަރްމީނިއާގެ، އާތާ ބްރަދާސްއާ ބެހޭ މައުލޫމާތު ރާއްޖޭގެ އިންޓެލިޖެންސް އިން ވަނީ ހިއްސާކޮށްފައި ކަމަށާއި ނަމަވެސް އެއީ އެފަދަ ނުރައްކާތެރި ބައެއްކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ އެ މައުލޫމާތު އެނގިވަޑައިގެންފައިވާ ކަަމާއި އެހެން މީހުނަށް ވެސް އެނގިފައިވާ މިންވަރަށް ކަމަށާއި އެ މައުލޫމާތު ހިއްސާ ކޮށްފައި ވަނީ އިންޓެލިޖެންސުން ކަމަށެވެ.
"ތިޔަ ބަސް ވެސް އަދި ކިޔަން ނޭނގިގެން އަޅުގަނޑަށް މިއުޅެނީ. އަރުތޫރުތޯ އާރުތޫރުތޯ ދެން ކޮންމެއަކަސް އަޅުގަނޑަކަށް ވެސް ތިޔަ ބޭފުޅުންނަށް އެނގިގެން އުޅޭ މިންވަރަށް އެނގިގެން މި އުޅެނީ. އެބަޔަކު ރާއްޖޭގައި އެބަ އުޅޭކަން އެބަ އިނގޭ. އެހެންވީމާ އަޅުގަނޑު ވެސް މި ދަނީ އެކަން ބަލަމުން. ރާއްޖެ އިން ބޭރުގައި ހުއްޓާ ތިޔަ މައުލޫމާތު ނިކުންނަން ފެށީ،" މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުވޭތަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
އާތާސް ބްރަދާސްގެ މައުލޫމާތު އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައިނުވޭތޯ ސުވާލު ދެންނެވުމުން ވިދާޅުވީ އިންޓެލިޖެންސަށް އެނގިފައިވާ މިންވަރަށް ހިއްސާކޮށްފައިވާ ކަމަށާއި އާތާ ބްރާސް ދެ ބައިން އެއްވެސް ޣައިރުގާނޫނީ އަމަލެއް ހިންގާފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"އާންމުގޮތެއްގައި އިންޓެލިންސްގެ ފަރާތުން އަޅުގަނޑަށް މައުލޫމާތުލިބޭނެ. ރާއްޖޭގައި ހިނގާ ކަންކަމާ ބެހޭ ގޮތުން އިންޓެލިޖެންސް އަށް އެނގިފައިވާ މިންވަރަކަށް. އެ މޭރުމުން އަޅުގަނޑަކަށް އެނގޭ އެމީހުން ރާއްޖޭގައި ތިބިކަން. އެހެންނަމަވެސް އެމީހުންގެ ފަރާތުން އެއްވެސް ޣައިރު ގާނޫނީ އަމަލެއް ހިންގަމުންދާ ކަމެއް، [ނޭނގޭ]،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޓެލިޖެންސް އިން ލިބިވަޑައިގެންފައިވާ މައުލޫމާތުތަކުގައި "ކުއްލި ގޮތަކަށް" އެމީހުން ރާއްޖެ އިން ބޭރު ކޮށްލަން ޖެހޭ ފަދަ ނުކުރާތެރި ބައެއްކަން މިހާތަނަށް އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
"ތިޔަހާ ނުރައްކާތެރި ބައެއްކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް. އަޅުގަނޑަށް ލިބިފައިވާ މައުލޫމަތަކުންނެތް. މިހާރު ތިޔަ މައުލޫމާތުތައް ނިކުންނަމުން ތިޔަ ދަނީ. އަދި އަޅުގަނޑަށް އަދި ކުރިން އައިސްފައި ހުރި މައުލޫމާތަކުން ނެތް އެއީ ކުއްލިއަކަށް އެމީހުން ރާއްޖެ އިން ބޭރުކޮށްލަން ޖެހޭ ހިސާބަށް މައުލޫމާތު ލިބިފަ އެއް ނެތް،" ރައީސް ވިދާޅުވި އެވެ.
އާތާ ބްރަދާސް ދެބެއިން ކަމަށްވާ އާތާ ސާގްސްޔަން އާއި ފޮޑަޒިން ސާގްސްޔަން އަށް ރެސިޑެންސް އަށް ރާއްޖެ އިން ވިސާ ހޯދައިދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީ އިން އިމިގްރޭޝަނަށް ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ލީކްވެފައިވާ އިރު އެމީހުން ރާއްޖެ އައިސް އުޅޭ ކަމުގެ މައުލޫމާތު މިދިޔަ ޖެނުއަރީ މަހު ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަރްމީނިއާގެ ދެބެން ކަމަށްވާ އާތާ ބްރަދާސް ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ވެސް ގުޅުން ބޭއްވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވެސް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.