04 Apr 2013, 12:50
ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން ސާވިސް ޗާޖުގެ ގޮތުގައި 30 ޑޮލަރު ނެގުމަށް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
"ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގަނޫނަ"ށް ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލުގައި ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 30 އެމެރިކާ ޑޮލަރު (462.6ރ.) ނެގުމަށް ބުނެފައިވީ ނަމަވެސް، ސާވިސް ޗާޖުން ދިވެހިން އިސްތިސްނާވެގެންވެ އެވެ.
ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ބުނެފައި ވަނީ ދެ އަހަރު ނުވާ ދިވެހި ކުއްޖަކު ފިޔަވައި، އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު (185.04ރ.) ނަގަން ޖެހޭނެ ކަމަށެވެ. އަދި ބިދޭސީ ފަސިންޖަރެއްގެ އަތުން 18.5 ޑޮލަރު (285.27ރ.) ނަގަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. އެއާޕޯޓުން ފުރާ މީހުންގެ ސާވިސް ޗާޖުގެ އަގުތައް ކަނޑައަޅާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހަށް ހުށަހަޅައި ފާސް ކުރި އިސްލާހުތަކާއެކުގަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގެ ފުރަތަމަ ދައުރު 1978ގައި އުފެއްދި ގަނޫނުގައި ކުރިން ކަނޑައަޅާފައި ވަނީ ރާއްޖޭގެ އެއާޕޯޓަރުން ފުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރު ނަގަންޖެހޭނެ ކަމަށެވެ.
ގާނޫނަށް ސަރުކަރުން ހުށަހެޅި އިސްލާހު ފާސްވެއްޖެ ނަމަ ރާއްޖޭގެ ތިން އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ސާވިސް ޖާޗު ނަގާނެ އެވެ. އެއީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަން އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް 30 ޑޮލަރުގެ ސާވިސް ޗާޖު ނަގާނެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ހިންގި އިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ކޮންމެ ފަސިންޖަރެއްގެ އަތުން ދިޔައީ 25 ޑޮލަރު ނަގަމުންނެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާބެހޭ ގަނޫނާ ހިލާފަށް 25 ޑޮލަރު ނުނެގޭނެ ކަމަށެވެ. ގާނޫނުގައި ބުނަނީ ބިދޭސީންގެ އަތުން 18.5 ޑޮލަރު ނެގުމަށާއި ދެ އަހަރު ވެފައިވާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނެގުމަށެވެ.