ކެރަމް ހޯލުގައި ކުރިއަށްދާ ތިންވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އަހްމަދު ހާމިދާއި މުހައްމަދު ހޯދައި، އަންހެން ޗެމްޕިއަންކަން ވިޝާމާއި މަރިޔަމް ނަދާ ހޯދައިފި އެވެ.

ފައިނަލްގައި އަނެއްކޮޅުން ވާދާކުރީ މުހައްމަދު އިބްރާހިމާއި އިބްރާހިމް މުހައްމަދުގެ ޕެއާ އެވެ. އެ އިވެންޓުގެ ތިން ވަނަ ހޯދީ ޝާފީ މުހައްމަދާއި ނާޒިމް ހަސަން އެވެ.

މި މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިމިނަތު ވިޝާމާއި އައިމިނަތު ނަދާ ހޯދިއިރު، ފައިނަލްގައި އަނެއްކޮޅުން ވާދަކުރީ އަފީފުއްނިސާއި ފާތިމަތު މޫސާގެ ޕެއާ އެވެ. އެ އިވެންޓުގެ ތިން ވަނަ މަގާމު ހޯދީ އައިމިނަތު ނިފާޝާއާއި ރިފްގާ މުހައްމަދެވެ.

އެ މުބާރާތުގައި ކުޅެވުނު މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހުސެއިން އަލީ އާއި އައިޝަތު ފައިނާޒެވެ. ފައިނަލްގައި އަނެއްކޮޅުން ވާދަކުރީ ހުސައިން ނީޝާމާއި ފާތިމަތު ރަޔާންގެ ޕެއާ އެވެ. މިކްސްޑް ޑަބަލްސް އިވެންޓުގެ ތިން ވަނަ ހޯދީ އަލީ ނިޔާޒު އާއި ރިފްގާ މުހައްމަދެވެ.

މިއަދަކީ މިމުބާރާތުގެ އެންމެ ފަހު ދުވަހެވެ. މިއަދު ހަވީރު މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް އަދި އަންހެން ސިންގަލްސް ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ މިމުބާރާތުގެ އޯޕަން ސިންގަލްސްގެ ފައިނަލް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ފިރިހެން ސިންގަލްސް ފައިނަލްގައި ބައްދަލު ކުރާނީ ޝާފީ މުހައްމަދާއި އަހުމަދު ހާމިދެވެ. އަންހެން ސިންގަލްސް ފައިނަލްގައި ބައްދަލުކުރާނީ އައިޝަތު ފައިނާޒު އާއި އަފީފުއްނިސާއެވެ. އަދި އޯޕަން ސިންގަލްސް ފައިނަލްގައި ބައްދަލުކުރާނީ ހުސެއިން ނީޝާމާއި ހުސެއިން އަލީއެވެ.

މިދިޔަ މަހުގެ 29 އިން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޖުލްމަ 168 ކުޅުންތެރިއަކު ވަނީ ބައިވެރިވެފަ އެވެ.