ގައުމީ އިދާރާތަކުގެ ތެރެއިން މ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ފ. އަތޮޅު ހިންގުމަށް އުފައްދާފައިވާ މެދު ސަރަހައްދުގެ ގައުމީ އިދާރާގައި 2009 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުގެ ކެއުމުގެ ހަރަދަށް ގަވައިދާ ހިލާފަށް ދައުލަތުގެ ބަޖެޓުން 133864ރ. ހަރަދުކޮށްފައިވާ ކަމަށް އެ އިދާރާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާޖެނެރަލް އިއްޔެ ނެރުއްވާފައިވާ މެދު ސަރަހައްދުގެ ގައުމީ އިދާރާގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ އިދާރާގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުން ކެއުމުގެ ހަރަދުގެ ގޮތުގައި ގަވައިދާ ހިލާފަށް ދައުލަތުގެ ބަޖެޓުން 2009 ވަނަ އަހަރު 38429ރ. އަދި 2010 ވަނަ އަހަރުގައި 60175ރ. އަދި 2011 ވަނަ އަހަރުގައި 35260ރ. ހަރަދުކުރައްވާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެގޮތަށް ކޮށްފައިވާ ހަރަދުތަކަކީ އެ ދާއިރާގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ހިއްޕަވައިގެން ދައުލަތުގެ ފައިސާ އިން ނަހަމަގޮތުގައި ބޭނުންކުރެއްވުން ކަމަށް ދެކޭ ކަމަށެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތަކުގެ ތެރޭގައި އެ ދާއިރާގެ ސްޓޭޓް މިނިސްޓާރާއި ސްޓޭޓް މިނިސްޓަރުގެ ނައިބް ފެންވަރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް ލިވިން އެލަވަންސްގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައިވާ އިރު އެ މީހުންގެ އެކޮމެޑޭޝަންއާއި ކެއުމުގެ ކަންތައްތައް ދައުލަތުގެ ބަޖެޓުން ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެއީ އެ ދާއިރާގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ހިއްޕަވައިގެން ދައުލަތުގެ ފައިސާ އިން ނަހަމަގޮތުގައި ބޭނުންކުރެއްވުން ކަމަށް ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެރިޕޯޓްގައި ބުނެފައި ވަނީ މެދު ސަރަހައްދުގެ ގައުމީ އިދާރާ އިން މާލިއްޔަތު ގާނޫނާ ހިލާފަށް ހާއްސަ އެހީގެގޮތުގައި އަމިއްލަ ފަރާތްތަކަކަށް ޖުމުލަ 44000ރ. ދީފައިވާ ކަމަށެވެ. އަދި އެ އިދާރާ އިން ބަލަހައްޓާ އަތޮޅުތެރެއަށް ހޯދާފައިވާ ބައެއް ތަކެއްޗަށް އޮފީހުގެ މުވައްޒަފަކު އަމިއްލަ އަށް ހަރަދުކޮށްގެން ފައިސާ ދައްކާފައިވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް ހުށައެޅުމުން އެތަކެތި ހޯދިކަން އެނގެންނެތި އެ މުވައްޒިފަށް ފައިސާ ދީވާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ރަސްމީ ދަތުރެއްކަން އެގެންނެތް ދަތުރުތަކަށް ދަތުރު އެލަވަންސް ދިނުމާއި ދ. ކުޑަހުވަދޫގައި ހުންނަ ރެސިޑެންޝިއަލް ލާނިން ސެންޓަރުގެ އާމްދަނީގެ ފައިސާގެ ތެރެއިން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ބަލައިގެންފައިވާ ފައިސާގެ ތެރެއިން 24500ރ. ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ކަމާއި އަދި ކުރި މަސައްކަތުގެ ތަފްސީލެއް އެނގެންނެތި ފައިސާ ދެއްވާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެއޮޑިޓް ރިޕޯޓުގައި ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންތައްތައް ފާހަގަކޮށް އޮޑިޓާ ޖެނެރަލް ވަނީ އެކަންތައްތައް އިސްލާހުކުރުމަށާއި އަދި ފައިސާ އަށް ހިޔާނަތްވި ފަރާތްތަކާއި އެކަންކަމަށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ލަފާއަރުވާފަ އެވެ.

ގައުމީ އިދާރާތަކަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އުފައްދާފައިވާ އިދާރާއެކެވެ. އަދި 2013 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު މިހާރުގެ ސަރުކާރުން ވަނީ އެއިދާރާތައް އުވާލާފަ އެވެ.