04 Apr 2013, 12:23
މޫސުމަށް އަންނަ ބަލުތައް ކުޑަކުރެވޭނީ ޗަސްބިންތަކާއި މޫދާއި ކުޅި އަދި މޫދާއި ގޮނޑުދޮށް ފަދަ ސަރަހައްދުތަކަކީ ކުނިގޮނޑުތަކެއް ކަމަށް ބެލުމުގެ ބަދަލުގައި އެތަންތަން ރައްކާތެރިކުރުމުގެ ވިސްނުން އަށަގަނެގެން ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިމޭރުމުން ޔޫރަޕިއަން ޔޫނިއަން އާއި ވޯލްޑްބޭންކާއި އޮސްޓްރޭލިއާ ސަރުކާރު އަދި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ ކްލައިމެޓް ޗޭންޖް ފަންޑަށް ޔޫރަޕިއަން ޔޫނިއަން އިން ދިން ހަތަރު މިލިޔަން ޔޫރޯ ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކާ މެދު ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ޓްރޭޑާސް ހޮޓަލުގައި މިހާރު ކުރިއަށްދާ ބައްދަލުވުން ފައްޓަވައި ދެއްވަމުންނެވެ.
އަތޮޅު ކައުންސިލްތަކާއި އެންވަޔަރްމެންޓް މިނިސްޓްރީ އަދި ޔޫރަޕިއަން ޔޫނިއަންގެ މަންދޫބުން ބައިވެރިވާ އެބައްދަލުވުން ފައްޓަވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއާ ދިމާއަށް މިސްރާބު ޖަހާއިރު ހަކަތަ ބޭނުންކުރުމުގަޔާއި ކުނި މެނޭޖްކުރުމުގަޔާއި ފެނާއި ނަރުދަމާގެ ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫއުތައް ރާވައި ހިންގަން ޖެހޭނީ މޫސުމަށް އަންނަ ބަދުލުތަކުގެ އަސަރު ކުޑަކުރެވޭނެ ގޮތަކަށް ކަމަށެވެ.
"... ދެމެހެއްޓެނިވި އިގުތިސާދެއް ބިނާކޮށް، ދެމެހެއްޓެނިވި ތަރައްގީއަކާ ދިމާލަށް އަޅުގަނޑުމެން މިސްރާބުޖަހަމުންދާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރުމަށްޓަކައި ހަކަތަ ބޭނުންކުރުމުގަޔާ، އަދި އަޅުގަނޑުމެން ބޭނުންކޮށްފައި އުކާލާ ކުނި މެނޭޖްކުރުމުގަޔާ، އަދި ފެނާ ނަރުދަމާގެ ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫއުތައް ރާވައި، އެއަށް އަމަލުކުރަން ޖެހޭނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުން ކުރާ އަސަކުޑަވާނޭ ގޮތަކަށް ވިސްނައިގެން އެކަމަށް އެކަށޭނަ ނިޒާމެއްގެ މަތިންކަން ހަމަ ޔަގީން، ޗަސްބިންތަކާއި ކުޅި، އަޅުގަނޑުމެންގެ ރީތި މޫދާ އަދި ގޮނޑުދޮށް ފަދަ ސަރަހައްދުތަކަކީ ކުނިގޮނޑުތަކެއް ކަމުގައި ބެލުމުގެ ބަދަލުގައި އެތަންތައް ރައްކާތެރި ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ ގައިގައި އަށަގަނެގެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަރުތަކުގެ މުހިއްމުކަމާއި ފަރުތަކާއި ގޮނޑުދޮށްތަކާއި ކުޅި ފަދަ ތަންތަން ފައިދާ ހުރި ގޮތުގައި ބޭނުންކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވި އެވެ.
ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުން މިހާރު ހިންގަމުންދާ ބައެއް މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް އެކަމަނާ ވާހަކަފުޅު ދެއްކެވި އެވެ.
ޔޫރަޕިއަން ޔޫނިއަންއާއި ވޯލްޑް ބޭންކާއި އޮސްޓްރޭލިއާ ސަރުކާރު އަދި ދިވެހި ސަރުކާރު ގުޅިގެން ކްލައިމެޓްޗޭންޖް ޓްރަސްޓްފަންޑް އުފެއްދީ 2010 ވަނަ އަހަރު އެވެ. އެ ފަންޑުގެ އެހީގައި ހިންގި ފުރަތަމަ ފޭސްގެ ގިނަ މަޝްރޫއުތަކެއް ނިމިފައިވާ އިރު ބައެއް މަޝްރޫއުތައް މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ.