04 Apr 2013, 11:45
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ތުރުކީގެ ގަލަތަސަރާއީ އަތުން 3-0 ލަނޑުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ނުވަ މިނެޓުގައި ޖަހައި، ރެއާލްއަށް ލީޑް ނަގައި ދިނީ ހުނަރުވެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ރެއާލްގެ ދެވަނަ ލަނޑު - މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ.
ދެ ލަނޑުގެ ލީޑަކާއެކު އޮވެ ރެއާލްއިން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމައިލިއިރު، އިދިކޮޅު ގަލަތަސަރާއީއަށް ވެސް ލަނޑު ޖަހައި، ރެއާލްއާ ނަތީޖާ ހަމަހަމަ ކުރުމަށް ދެތިން ފުރުސަތެއް ލިބުނުކަން ފާހަގަ ކޮށްލެވެއެވެ.
ރޭގެ މެޗުގައި ރެއާލްގެ ތިންވަނަ ލަނޑު، ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ހިގައިން އެވެ.
ރޭގެ މެޗަށް ފަހު ރެއާލްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ، މުބާރަތުގެ ސެމީ ފައިނަލުގެ އުންމީދު އާވުމުން އުފާވާ ކަމަށާއި އެގޮތުން ރޭގެ މެޗުގައި ރެއާލްގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހުރިހާ ކުޅުންތެރިންގެ ފަރާތުން ކުރި މަސައްކަތަށް މަރުހަބާ ކިޔާ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.
ގަލަތަސަރާއީގެ ކޯޗު ފާތިހު ޓެރިމް ބުނީ، މެޗުގައި ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކުރާން ފުރުސަތު ލިބުނު ކަމަކު، އެފުރުސަތުތަކުގެ ބޭނުން ޓީމުގެ ކުޅުންތެރީންނަށް ނުހިފުނު ކަމަށެވެ. އަދި މެޗުގައި ރެފްރީގެ ނިންމުންތައް ހުރި ގޮތުން އޭގެ އަސަރު ކުޅުންތެރީންނަށް ކުރިކަމަށް އޭނަ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް ދެން ކުޅޭ މެޗް އޮންނާނީ އަންނަ ހަފްތާގައި ގަލަތަސަރާއީގެ ދަނޑުގައެވެ.