ކުރިއަށް އޮތް ދިހަ ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑިން ސްކޮޑުން އާދިލް މުހައްމަދުގެ ނަން އުނިކޮށް މުބާރާތުގައި އޭނަ ބައިވެރި ނުކުރާން ނިންމައިފި އެވެ.

ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް ޖެހިޖެހިގެން ދެ ފަހަރު މަތިން ހޯދައިފައިވާ ކަސްޓަމްސްގެ އާދިލް މުހައްމަދު މިފަހަރުގެ މުބާރާތުގައި ބައިވެރިނުކުރާގޮތަށް ބޮޑީބިލްޑު ފެޑަރޭޝަނުން ނިންމާފައި ވަނީ ދާދި ފަހުން ރާއްޖެ ޓީވީގެ ކުޅިވަރު ޕްރޮގްރާމެއްގައި އޭނަ ދެއްކި ވާހަކައަކާ ހެދި އެފެޑަރޭޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.

ޕާކިސްތާންގެ ލާހޫރުގައި އަންނަ މަހުގެ 1- 3 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި މިހާރު ބައިވެރުކުރާ ގޮތަށް ބޮޑީބިލްޑު ފެޑަޜޭޝަނުން ނިންމާފައި ވަނީ ހަތަރު ބިލްޑަރުންގެ ސްކޮޑެކެވެ. އެގޮތުން 55 ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލީ މޫސާ އާއި 60 ކެޓަގަރީގައި ވާދަކުރާ އިބްރާހިމް ޝާނީޒް އާއި 65ގެ ކެޓަގަރީން ވާދަކުރާ އަލީ ޝަރީފް އަދި 70 ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލި މަނިކެވެ.

ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީން ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ގައުމީ ޗެމްޕިއަން އާދިލް ބައިވެރި ނުކުރާން ނިންމީ ދާދިފަހުން އެފެޑަރޭޝަންގެ އިސްވެރިންނަށް އަމާޒްކޮށް، ރާއްޖެ ޓީވީއަށް އަރާ ވާހަކަ ދެއްކުމުން ކަމަށާއި އަދި ފެޑަރޭޝަންގެ އިސްވެރިންނާ ބެހޭގޮތުން ތަފާތު އެކިއެކި ތަންތާގައި އެބޭފުޅުންގެ އަގު ވައްޓާލުމަށް ވާހަކަ ދައްކާފައި ވާތީވެ ކަމަށެވެ. އަދި އާދިލް ރާއްޖެ ޓީވީއަށް އަރާ އެދެއްކި ވާހަކަ ތަކުގެ މައްސަލަ މިހާރު ވެސް ފެޑަރޭޝަންގެ ޑިސިޕްލިނަރީ ކޮމެޓީން ބަލަމުން އަންނަ ކަމަށާއި އެހެން ކަމުން އެ ފެޑަރޭޝަންގެ ފަރާތުން މިއަހަރު ބާއްވާ އެއްވެސް މުބާރާތެއްގައި އާދިލް ބައިވެރި ކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، މުބާރާތުގައި ވާދަކުރާ ހަތަރު ބިލްޑަރުންނާ މެދު ވަރަށް ހިތް ހަމަޖެހޭ ކަމަށާއި އެހެން ކަމުން މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ރާއްޖޭގެ ބިލްޑަރުން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.