04 Apr 2013, 10:23
އުތުރު ކޮރެއާއިން ދެމުންދާ އިންޒާރުތަކާ ގުޅިގެން ގުއާމްގައި އެޑްވާންސްޑް މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
ހަނގުރާމަ ފަށާނެ ކަމަށް ބުނެ އުތުރު ކޮރެއާއިން ދެމުންދާ އިންޒާރުތައް ގިނަވެފައިވާއިރު، އެންމެ ފަހުން އުތުރު ކޮރެއާއިން ދިން އިންޒާރުގައި ބުނެފައި ވަނީ ނިއުކްލިއާ ހަމަލާއެއް ލޯންޗުކުރުމުގެ އެންމެ ފަހުގެ ހުއްދަ އަސްކަރިއްޔާއަށް ދީފައިވާ ކަމަށެވެ.
އެމެރިކާގެ ޑިިޕާޓްމަންޓް އޮފް ޑިފެންސުން ބުދަ ދުވަހު ބުނީ ބެލިސްޓިކް ނިޒާމެއް ކަމަށްވާ ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް (ތާޑު) ގުއާމްގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ތާޑު ސިސްޓަމުގައި ހިމެނެނީ ޓްރަކެއްގައި ހަރުކޮށްފައި ހުންނަ ލޯންޗަރަކާއި އިންޓާސެޕްޓާ މިސައިލްސްއާއި ޓްރެކިންގް ރާޑަރެއްގެ މައްޗަށް އެކުލެވޭ ނިޒާމެކެވެ. މޯބައިލް ނިޒާމެއްގެ ގޮތުގައި އެމެރިކާއިން ގެންގުޅޭ މިސައިލުން ދިފާއުވާ ނިޒާމު މަސައްކަތްކުރަނީ ކޮންޓްރޯލް ސިސްޓަމެއްގެ އެހީގަ އެވެ.
ޕެންޓަގަނުން ބުނީ ތާޑު ސިސްޓަމް ގުއާމްގައި ހަރުކުރުމުން އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލްތަކުން ރައްކާތެރިވުމުގެ ގާބިލްކަން ގުއާމަށް ލިބިގެންދާނެ ކަމަށެވެ.
ޕެސިފިކް ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ގުއާމްއަކީ އެމެރިކާއިން އަސްކަރީ މަރުކަޒެއް ގާއިމްކޮށް، އެމެރިކާގެ އަސްކަރިއްޔާގެ ގިނަ ޔުނިޓްތަކެއް މަސައްކަތްކުރާ ޖަޒީރާއެކެވެ.