ވިލާ ކޮލެޖުން އަންނަ އަހަރުން ފެށިގެން ބެޗްލާސް އޮފް ނާސިން އަށް ކިޔަވައިދިނުމަށް ނިންމައިފި އެވެ.

ވިލާކޮލެޖުން އިއްޔެ ވަނީ ބެޗްލާސް އޮފް ނާސިން އަށް ކިޔަވައިދިނުމަށް ފެއްޓުމުގެ ގޮތުން މެލޭޝިއާގެ އޯޕަން ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ވިލާ ކޮލެޖުގެ ޑިރެކްޓާ ޑިވެލޮޕްމެންޓް އެންޑް އެންޓަޕުރައިސް މުހައްމަދު އަޒީމް ހާރޫން، މެލޭޝިއާގައި ހުންނަވާ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ކޮލެޖުގައި އޯޕަން ޔުނިވާސިޓީއާ ގުޅިގެން ބެޗްލާސް އޮފް ނާސިން އަށް ކިޔަވައިދިނުމަށް ފެއްޓުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ އެއްބަސްވުމުގައި އިއްޔެ އޯޕަން ޔުނިވާސިޓީއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

"އޯޕަން ޔުނިވާސިޓީ ވަރަށް ބޮޑެތި އެހީތެރިކަމެއް އަޅުގަނޑުމެނަށް ފޯރުކޮށްދޭނެ ބެޗްލާސް އޮފް ނާސިން އަށް ކިޔަވައިދިނުމަށް، އެގޮތުން އެބޭފުޅުންގެ ޓީޗަރުންވެސް ކިޔަވައިދޭނެ، ދެން ހަމައެއާއެކު ހުރިހާ ޓެކްނިކަލް އެހީތެރިކަމެއް ވެސް ފޯރުކޮށްދޭނެ،" އަޒީމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ހަތަރު އަހަރު ދުވަހުން ލިބޭ ބެޗްލާސް އޮފް ނާސިން ގެ ސެޓްފިކެޓަކީ އޯޕަން ޔުނިވާސިޓީއިން އެވޯޑް ކުރާ ސެޓްފިކެޓެއް ކަމަށެވެ. އަދި ވިދާޅުވީ ފުރަތަމަ ބެޗްގައި 30 ކުދިން ނެގުމަށް ނިންމާފައިވާއިރު މިއަހަރުގެ ސެޕުޓެމްބަރު މަހުގެ ތެރޭގައި ކުދިން ނެގުމަށް އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެކޯހުގެ އަގުތަށް ވަނީ އަދި ސާފްވާގޮތް ނުވެފަ އެވެ.