ކާބުލް (މާޗް 4) : އަފްޣާނިސްތާނުގެ ޝަރުޢީ ކޯޓަކަށް ތާލިބާނުން އިއްޔެ ދިން ވަރުގަދަ ހަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 54 އަށް އަރާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

އަފްޣާން ދާޚިލީ ވުޒާރާގެ ތަރްޖަމާން ނަޖީބް ދާނިޝް ވިދާޅުވި ގޮތުގައި ތާލިބާން ހަނގުރާމަވެރިންގެ އެތައް ބަޔަކު ބަޑިންނާއި އެނޫން ވެސް ހަތިޔާރު ބޭނުންކޮށްގެން އެގައުމުގެ ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ފަރާގެ ކޯޓަކަށް އިއްޔެ މެންދުރު ފަހު ކުއްލި ޙަމަލާތަކެއް ދީފައި ވަނީ އެކޯޓުގައި ޝަރީޢަތުގެ މަޖިލީހެއް ހިނގަމުން ދަނިކޮށެވެ. މިޙަމަލާތަކުގައި މަރުވި 54 މީހުންގެ ތެރެއިން 34 މީހުންނަކީ ޝަރީޢަތް އަޑުއަހަން ގޮސްތިބި އާންމުންނާއި ކޯޓުގެ މުވައްޒަފުންކަމަށާއި މީގެ އިތުރުން އަފްޣާން ސަލާމަތީ ބާރުތަކުގެ 12 މީހަކު ވެސް މަރުވެފައިވަ ކަމަށާއި ޒަޚަމްވީ މީހުންގެ ޢަދަދު ވެސް 100 އަށް އަރާކަމަށް ދާނިޝް ވިދާޅުވި އެވެ. ނަމަވެސް ކޯޓުގެ ފަނޑިޔާރަކު މަރުވިކަން ނުވަތަ ނޫންކަން އޭނާ ކަށަވަރުކޮށެއް ނުދެ އެވެ.

ފަރާ ކައުންޓީގެ ކޯޓަށް ތާލިބާނުން ޙަމަލާދިނީ ތާލިބާނުންގެ ބައެއް ހަނގުރާމަވެރިންގެ މައްޗަށް އެކޯޓުގައި ޝަރީޢަތް ހިންގަމުންގެންދާތީ އެ މީހުން މިނިވަންކުރުމުގެ ބޭނުމުގައި ކަމަށް ބެލެވޭކަމަށް ވެސް އަފްޣާން ދާޚިލިއްޔާގެ ތަރްޖަމާން ވިދާޅުވި އެވެ. މިހަމަލާތައް ދިނުމުގައި ބައިވެރިވި ތާލިބާން ހަނގުރާމަވެރިންގެ ތެރެއިން އަށް މީހުން މަރާލެވުނު ކަމަށާއި އެ މީހުންގެ ހަށިތައް ފެނިފައިވާ ކަމަށް ކަމަށްފަރާ ކައުންޓީގެ ގަވަރނަރު އަކްރަމް ޚަބްލުވާކް ވިދާޅުވި އެވެ.

ތާލިބާނުންވެސްވަނީ އަފްޣާނިސްތާނުގެ ހުޅަނގުގެ ކައުންޓީއެއް ކަމަށްވާ ފަރާގެ ކޯޓަކަށް ބަޑިންނާއި އަތުބޮމުން ވަރުގަދަ ޙަމަލާތަކެއްދިންކަމަށް އެއްބަސްވެ އެކަމުގެ ޒިންމާ އުފުލާފަ އެވެ. ޙަމަލާދިންތަންތަނުގެ ތެރޭގައި ސަރުކާރުގެ އެތައް ޢިމާރާތެއް ހިމެނޭކަމަށް ވެސް ތާލިބާނުން ބުނެފައިވެ އެވެ. ނަމަވެސް މިޙަމަލާތަކުގައި މަރުވީ ތާލިބާނުންގެ އެންމެ ދެ މީހުން ކަމަށާއި ތާލިބާނުންގެ ޙަމަލާތަކުގައި މަރުވެފައި ވަނީ އަފްޣާން ފުލުހުންނާއި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ މީހުން ކަމަށްވެސް އެޖަމާއަތުން ބުނެފައިވެ އެވެ.

ފަރާގެ ކޯޓަށް މިޙަމަލާތައް ދިނުމުގެ ކުރިން ކޯޓު އިމާރާތުގެ ކުރިމަތީގައި ކާރުބޮމެއް ގޮއްވާލާފައިވާ ކަމަށް ވެސް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)