ޣައްޒާ (މާޗް 4): އިސްރާއީލުން ފަލަސްތީނުގެ އަސީރުންގެ ހައްޤުތައް އަރައިގަނެ އެމީހުން މަރަމުން ގެންދާތަން ބަލަންނުތިބޭނެ ކަމަށާ އެކަމުގެ ރައްދު ވަރަށް ވޭންދެނިވި ގޮތަކަށް އިސްރާއީލަށް ދޭނެކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފި އެވެ.

އިސްރާއީލުގެ އިސްތިއްމާރާއި އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުންގެންދާ ފަލަސްތީނުގެ ޖަމާއަތްތަކުންބުނީ އިސްރާއީލުން ފަލަސްތީނުގެ އަސީރުންގެ ހައްގުތައް އަރައިގަނެ އަސީރުން މަރަމުން ގެންދާ ކަމަށާއި މިދިޔަ ހޯމަ ދުވަހު މަރުވި ފަލަސްތީނުގެ އަސީރު މައިސަރާ އަބޫ ޙަމްދިއްޔާގެ މަރަށް ބަދަލުހުފާނެ ކަމުގަ އެވެ. މައިސަރާ މަރުވެފައި ވަނީ އޭނާ އަށް ކެންސަރު ބަލި ޖެހުމުން އިސްރާއީލުން އޭނާ އަށް ފަރުވާނުދީ ބެހެއްޓުމުން ކަމަށް މެޑިކަލް ރިޕޯޓްތައް ބުނެ އެވެ. މައިސަރާގެ ކުރިން މިދިޔަ މަހު ވެސް ފަލަސްތީނުގެ އަސީރަކު ވަނީ މަރުވެފަ އެވެ.

މައި ސަރާގެ މަރަށް ފަހު ފަލަސްތީނުގެ ރައްޔިތުން ވަނީ ހުޅަނގު އައްސޭރީގެ ރައްތަކުގައި އިސްރާއީލާދެކޮޅަށް އިޙްތިޖާޖްތައް ކުރަންފަށާފަ އެވެ. މިއިޙްތިޖާޖްތަކާ ދެކޮޅަށް އިސްރާއީލުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ފަލަސްތީނުގެ ޒުވާނަކު އިއްޔެ ޝަހީދުވެފައިވެ އެވެ. މައިސަރާގެ މަރަށް ފަހު ފަލަސްތީނުގެ ޖަމާއަތްތަކުން ގައްޒާ އިން ވަނީ އިސްރާއީލަށް ރޮކެޓް ޙަމަލާތަކެއްދީފަ އެވެ. މިހަލަމާތަކަށް ފަހު އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާ އަށް ބޮމުގެ އެތައް ޙަމަލާތަކެއްދީފަ އެވެ. ނަމަވެސް މިޙަމަލާތަކުގައި މީހަކަށް ގެއްލުން ލިބިފައިނުވާކަން އެނގިފައެއްނުވެ އެވެ.

މިހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ދިފާއީ ވަޒީރު މޯޝޭ ޔަޢްލޫން ވަނީ ޣައްޒާއިން އިސްރާއީލަށްދޭ ރޮކެޓް ޙަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ ހަމާސް ޖަމާއަތުން ކަމަށް ވިދާޅުވެ ޣައްޒާއިން އިސްރާއީލަށް ދޭ ޙަމަލާތައް ހުއްޓުވުމަށް ޙަމާސް ޖަމާއަތަށް ގޮވާލައްވާފަ އެވެ. މޯޝޭ ޔައުލޫން ވިދާޅުވީ ފަލަސްތީނުގެ ޖަމާއަތްތަކަށް ނިސްބަތްވާ ފިދާއީން ޣައްޒާގެ ތެރެއިން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާ ތަކަށް އިސްރާއީލުން ހަރުކަށިކޮށް ރައްދުދޭނެ ކަމަށާ މިއީ ޙަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއްކަމުގަ އެވެ.

މިދިޔަ އަހަރު އިސްރާއީލާއި ޙަމާސް ޖަމާއަތާ ދެމެދު ހިނގި ހަނގުރާމައަށް ފަހު މިސްރު މެދުވެރިއަކަށްވެގެން ދެފަރާތުން ވަނީ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފަ އެވެ. (ނޫސްއެޖެންސީތައް)