ޑީއާރްޕީ އުފެއްދެވީ ރައީސް މައުމޫނެވެ. ޑީއާރްޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ޒައީމަކީ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމެވެ. އަދިވެސް އަސާސީ ގަވައިދު އޮތީ އެގޮތަށެވެ. އެހެންނަމަވެސް މިއަދު ރައީސް މައުމޫން ހުންނެވީ ޑީއާރްޕީއަކު ނޫނެވެ.

ޑީއާރްޕީ ދެ ފެކްޝަނަކަށް ބައިބައިވެ އެންމެ ފަހުން ރައީސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ޕީޕީއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިފަ އެވެ. ޑީއާރްޕީގައި ދެ ފެކްޝަން އުފެނު މައިގަނޑު ސަބަބަކަށްވީ ރިޔާސީ އިންތިހާބުގެ ޓިކެޓް ދޭނެ ގޮތަކާ މެދު އުފެދުނު ހިޔާލު ތަފާތުވުމެވެ. ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އުމަރު ނަސީރެވެ. ރައީސް މައުމޫނު ވެސް ތާއީދު ކުރެއްވީ އެގޮތަށެވެ.

ޕީޕީއެމް އުފެދުމާ އެކު ފެނިގެން ދިޔައީ މަޑުމަޑުން މެންބަރުން އިތުރުވަމުން ގޮސް ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށް އެ ޕާޓީ ވެގެންދިޔަ ތަނެވެ.

ޕާޓީ އުފެދުނުތާ ގާތްގަނޑަކަށް އަހަރެއް ފަހުން ވަނީ ޕާޓީގެ ކޮންގްރެސް ބާއްވައި އަސާސީ ގަވައިދެއް އެކުލަވާފަ އެވެ. ރައީސް މައުމޫން ވިދާޅުވާ ބޭފުޅަކަށް ރިޔާސީ ކެންޑިޑޭޓު ދިނުން ހުއްޓުވުމަށް އުމަރު ނަސީރު އިސްވެހުންނަވައި ކުރެއްވި މަސައްކަތްތަކުން އެއީ ޑިމޮކްރެޓިކް ގޮތެއް ނޫންކަމަށް ޕާޓީގެ އާންމު މެންބަރުނަށް ގަބޫލު ކުރެވި ޕްރައިމަރީއެއް ބާއްވައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ޕާޓީގެ އާންމު މެންބަރުން ކަނޑައަޅާ ގޮތަށް ހަމަޖެހިގެން ދިޔަ އެވެ. އެއަށް ފަހު ވާދަވެރި ކެންޕޭނަކަށް ފަހު ބޭއްވި ޕްރައިމަރީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރެއްވި އެވެ. އޭގޭފަހުން ފެންނަ ކަންކަމުން ޕީޕީއެމްގެ ތެރޭގައި މައްސަލަތަކެއް އުޅޭކަން ވަނީ ފާހަގަ ކުރެވޭން ފަށަފަ އެވެ.

ޕްރައިމަރީގައި ނާކާމިޔާބު ލިބިވަޑައިގެންނެވި އުމަރު ނަސީރު އޭނާގެ ސަޕޯޓަރުންނާ ބައްދަލު ކުރުމަށް ޖަލްސާއެއް ބާއްވާން އުޅުމުން މައުމޫން ވަނީ އެ ޖަލްސާ ނުބޭއްވުމަށް އުމަރަށް އަންގައިފަ އެވެ. މައުމޫން އެގޮތަށް އަންގަވައިފައި ވަނިކޮށް އުމަރު އޭނާގެ ސަޕޯޓަރުންނާ އެކު ބޭއްވި ޖަލްސާގައި ވިދާޅުވެފައި ވަނީ ޕާޓީ ދޫރައްވައި ވަޑައިނުގަންނަވާނެ ކަމަށާއި ޕީޕީއެމްއަށާއި ދިވެހި ގައުމަށް "ހުދު އިންގިލާބެއް" ގެނެސް ދެއްވާނެ ކަމަށެވެ. އަދި ހަމަ އެ ޖަލްސާގައި އުމަރު ވިދާޅުވެފައި ވަނީ ގައުމަށް ފައިދާ ހުރި ޓީމެއް ގޮވައިގެން ޔާމީން ވަޑައިގަންނަވަންޏާ ރިޔާސީ އިންތިޚާބުގައި އޭނާއަށް ތާއީދު ކުރައްވާނެ ކަމަށާއި، ނަމަވެސް ގައުމަށް ގެއްލުން ދީފާނެ ބަޔަކު ގޮވައިގެން ޔާމީން ކުރައްވާ ދަތުރެއްގައި ބައިވެރި ނުވާނެ ކަމަށެވެ.

އުމަރު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކޮށް ޖަލްސާ ބޭއްވި ރެއާ ޖެހިގެން އައި ރޭ މައުމޫން ބައިވެރިވެވަޑައިގަންނަވާ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާނެ ގަޑި އިއުލާންކޮށް އެ ޖަލްސާ ބޭއްވުމުގެ ކުރިން ޔާމީނާ ގުޅޭގޮތުން ދެއްކި ވާހަކަތަށް މައާފަށް އެދުމަށް ޕާޓީގެ ކައުންސިލުން ވަނީ އުމަރު ނަސީރަށް އަންގާފަ އެވެ.

މިފަދަ އިން ޕީޕީއެމްގެ ތެރޭގައި ކަންތައް ވަމުންދާއިރު ޑީއާރްޕީގެ ތެރޭގައި ތަސްމީން ފެކްޝަނަކާއި މައުމޫން ފެކްޝަނެއް އުފެދުނު ހެން ޕީޕީއެމްގެ ތެރޭގައި ވެސް އެފަދައިން ދެ ފެކްޝަނެއް އުފެދިދާނެ ހެން ފެންނަ މަންޒަރުތަކުން ހީވެއެވެ.

ޕީޕީއެމްގެ ތެރޭގައި ހިނގަމުންދާ ޚިޔާލުތަފާތު ވުންތަކާ ގުޅޭގޮތުން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ލީޑަރު އަދި މައުމޫނުގެ ވެރިކަމުގައި ވަޒީރުކަން ކުރައްވައިފައިވާ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި އުމަރު ނަސީރު އުޅުއްވަމުން ގެންދަވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދަސްކޮށްދެއްވި ގޮތަށެވެ.

"އުމަރު ނަސީރަށް ދަރިވަރު ކުރެއްވީ ޑީއާރްޕިގެ ކުރީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް. ބައިބައި ކުރަން އުމަރަށް ދަސްކޮށްދެއްވީ މައުމޫން. ކުއްޖަކު ދަރިވަރު ކުރީމަ ދެން ހުންނާނީ ދަސްވެފަ ނޫންތޯ،" މައުސޫމް ވިދާޅުވި އެވެ.

ޑީއާރްޕީ ބައިބައިވެ ދެ ފެކްޝަނަކަށް ބެހިގެން ދިޔަކަން ފާޅުކަން ބޮޑުގޮތަކަށް އެނގިގެން ދިޔައީ އެ ޕާޓީގެ ޒައީމްގެ ގޮތުގައި ހުންނަވައި، ލީޑަރު އަހްމަދު ތަސްމީން އަލީ އަކީ އިޚުލާސްތެރި ބޭފުޅެއް ނޫންކަމަށް ވިދާޅުވެ މައުމޫން ވާހަކަދެއްކެވި ހިސާބުންނެވެ. އޭގެފަހުން ޒެޑް ޑީއާރްޕީ އަކާއި ތަސްމީނުގެ ފެކްޝަނެއް އުފެދިގެން ދިޔައިރު ޒެޑް ޑީއާރްޕީގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އުމަރު ނަސީރާއި ޕީޕީއެމްގެ ނާއިބް ރައީސް އިލްހާމް އަހްމަދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފްގެ އިތުރުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު އެވެ. ނަމަވެސް އެކުއެކީގައި އުޅުއްވި އެބޭފުޅުންގެ ވެސް މިހާރު ވަނީ ޚިޔާލު ތަފާތު ވެފަ އެވެ. އިލްހާމް ތާއީދު ކުރައްވަނީ އުމަރު ނަސީރަށެވެ. އަދި އޭނާ ވަނީ ޕްރައިމަރީގައި އުމަރަށް ތާއީދު ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފަ އެވެ. މަހުލޫފާއި ނިހާން ގެންދެވީ އުމަރަށް ފާޑުވިދާޅުވެ ޕްރައިމަރީގައި ޔާމީނަށް ކާމިޔަބު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އުމަރު ނަސީރުގެ ކެންޕޭން މެނޭޖަރުގެ ގޮތުގައި ހަރަކާތްތެރިވި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވި ގޮތުގައި ޕާޓީގެ ތެރޭގައި މިހާރު ހިނގަމުންދާ ކަންތައްތަކުން ޕާޓީ ދެ ފެކްޝަނަކަށް ބެހި ރޫޅިގެން ނުދާނެ އެވެ. ޕާޓީ ބައިބައި ވުމަކީ އޭނާ ވެސް އަދި އުމަރު ނަސީރު ވެސް އެދޭ ކަމެއް ނޫން ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ހުންނެވިހާ ދުވަހަކު އެ ޕާޓީ ބައިބައި ވެގެންނެއް ނުދާނެ އެވެ. އަދި އުމަރު މިހާރު ކުރައްވަމުން ގެންދަވާ ކަމަކީ ޕާޓީގެ ތެރޭގައި ހުރި މައްސަލަތައް އާންމު މެންބަރުންނާ ހަމައަށް ގެނެސްދީ ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި މައްސަލަތަކެއް ހުއްޓައި، އެކަން ފޮރުވައިގެން ހައްލު ނުކޮށް ތިބެއްޖެ ނަމަ ފަހުން ލިބޭނެ ގެއްލުން މާ ބޮޑު ވާނެ އެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މައްސަލައެއް އުޅޭ ނަމަ އަވަހަށް އެކަމާ ވާހަކަ ދައްކައި އެ މައްސަލަ ހައްލު ކުރުމެވެ. އަދި ގޯސް ކަމެއް ހުރިއްޔާ އަވަހަށް އެކަމެއް ރަނގަޅު ކުރުމެވެ.

މިހާރު މަންޒަރު ފެންނަ ގޮތުން މާޒް ސަލީމް އެ ވިދާޅުވި ގޮތަށް ކަންތައް ހިނގައިދާނެ ކަމަކަށް ނުބެލެވެ އެވެ. ޑީއާރްޕީގައި ޒައީމަށް ތާއީދު ކުރާ ޒެޑް ފެކްޝަނެއް އުފެދުނު ގޮތަށް ޕީޕީއެމްގައި އުމަރަށް ތާއީދު ކުރާ ޔޫ ފެކްޝަނެއް އުފެދިދާނެ ކަމުގެ ކޮޅުމަތި މިހާރު ދަނީ ފެންނަމުންނެވެ.