04 Apr 2013, 09:11
ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ގެ މެޖޯރިޓީ ހިއްސާދާރު ކަމަށްވާ ކޭބަލް އެންޑް ވަޔަލެސް ކޮމިއުނިކޭޝަން ޕަބްލިކް ލިމިޓެޑް (ސީޑަބްލިޔުސީ)ގެ މެޖޯރިޓީ އެސެޓްސް ހިމެނޭ "މޮނާކޯ އެންޑް އައިލެންޑްސް ބިޒްނަސް ޔުނިޓް" ބަހްރެއިން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ) އަށް ވިއްކާލައިފި އެވެ.
ސީޑަބްލިޔުސީގެ މެޖޯރިޓީ އެސެޓްސް ހިމެނޭ "މޮނާކޯ އެންޑް އައިލެންޑްސް ބިޒްނަސް ޔުނިޓް" ބަޓެލްކޯ އަށް ވިއްކާލުމާ ގުޅިގެން މިހާރު ދިރާގުގެ 52 އިންސައްތަ ހިއްސާ ދާރަކީ ބަހްރެއިން ޓެލެ ކޮމިއުނިކޭޝަންސް ކޮމްޕެނީ އެވެ. އެގޮތުން ބަޓެލްކޯގެ ބައި ގިނަ ހިއްސާއާ އެކު ދިރާގުގެ ޑިރެކްޓަރުންގެ އާ ބޯޑެއްވެސް ވަނީ އިއްޔެ ވަނީ އެކުލަވާލާފަ އެވެ.
ދިރާގުގެ އަލަށް އެކުލަވައިލި ބޯޑުގެ ޗެއާޕާސަން އެންޑް ގަވަމަންޓް ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ އިބްރާހީމް އާތިފު ޝަކޫރު އެވެ. އަދި ސަރުކާރުގެ އަނެއް ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އިދްހާމް ހުސައިން އެވެ. ބަޓެލްކޯގެ ފަރާތުން އައްޔަން ކޮށްފައިވާ ތިން ޑައިރެކްޓަރުންނަކީ، ޝެއިހު މުޙައްމަދު ބިން އީސާ އަލްޚަލީފާއާއި މާކޯ ރެނިއާއާއި ޑރ. ޣައްސާން މުރާދު އެވެ. އަދި އިންޑިޕެންޑެންޓް ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އިބްރާހީމް ޝަރީފް މުޙައްމަދު އެވެ. ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ މިހާރު ވެސް އެމަގާމުގައި ހުންނެވި އިސްމާއީލު ވަހީދު އެވެ.
ކޭބަލް އެންޑް ވަޔަލެސް ކޮމިއުނިކޭޝަން އާއި ބަހްރެއިން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީއާ ދެމެދު ހިންގުނު ވިޔަފާރީގެ އެ މުއާމަލާތަށް ފަހު ބަޓެލްކޯ ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝައިޚް މުޙައްމަދު ބިން ޢީސާ އަލްޚަލީފާ ވިދާޅުވި ގޮތުގައި އެކުންފުންޏަށް ދިރާގުގެ ބައި ގިނަ ހިއްސާދާރެއްގެ ގޮތުން ދިވެހި ރާއްޖޭގެ މުވާސަލާތީ ހިދުމަތްދިނުމުގައި ދިރާގުން ހޯދާފައިވާ ކާމިޔާބުތައް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ގިނަގުނަ ފުރުސަތުތަކެއް ތަނަވަސްވެގެން ދާނެ އެވެ. އަދި އޭނާ ދެކޭ ގޮތުގައި ދިރާގަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާ އަދާކުރުމުގަޔާއި ކުންފުނީގެ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކަސްޓަމަރުންގެ އަޑުއަހައި އެފަރާތްތަށް ބޭނުންވާ ގޮތަށް އާ ޓެކްނޮލޮޖީތައް މެދުވެރިކޮށް އީޖާދީ ހިދުމަތްތައް މުޖުތައުއަށް ފޯރުކޮށްދޭ ކުންފުންޏަކަށް ވާނޭކަމުގަ އެވެ.