18 Oct 2010, 19:11
ކުރިއަށް އޮތް ލޯކަލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެނަމަ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި އެކަމުގެ ސަބަބަބުން ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމަށް ފިޝަރީޒް އެންޑް އެގްރީކަލްޗަރު މިނިސްޓަރ ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި ވާހަކުފުޅު ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރަންޖެހޭ ކަމަށެވެ.
ޑީޑީގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ވެސް ފާޑު ވިދާޅުވި އެވެ. ޑރ.ޑީޑީ ވިދާޅުވީ، މާލިއްޔަތު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހަކީ ސަރުކާރުން ރައްޔިތުންނަށްދޭ ހިދުމަތްތައް ހުއްޓުވާލާފަދަ އިސްލާހެއް ކަމަށާއި އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އަމިއްލަ މަސްލަހަތައްޓަކައި ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. ބޭނުމަކީ ރާއްޖޭން ބޭރުން އެތައް މިލިޔަން ޑޮލަރުގެ ލޯނެއް ނެގުމަށް ގާސިމަށް ބޭނުންވާ އެޕްރޫވަލް ކަމާބެހޭ ފަރާތުން ނުދިނުމުން އެކަމުގެ ބަދަލުގައި އިސްލާހެއް ގެނައުން ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވި އެވެ.
ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު މިހާރު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ވެސް ގާސިމް އިބުރާހިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި، ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް ގާސިމް ހޮއްވެވުމަށް ބުރަ މަސައްކަތްތަކެއްކުރެއްވި ޒާހިރު އާދަމް ވިދާޅުވީ، މުއްސަނދިކަން ބޭނުން ކުރައްވައިގެން ގާސިމް އިބުރާހިމް އެކި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލަށް ވަންނަވަމުން ގެންދަވާ ކަމަށާއި އެއީ އެންމެ މުއްސަނދި މީހާ ކަމަށާއި އަދި އެންމެ ބޮޑު ދަރަނިވެރިޔާ ވެސް ކަމަށެވެ.