އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލި އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މީހުންގެ ތަހްގީގު ނިންމުމަށް ރައްޔިތުންގެ ގައުމީ ހަރަކާތުން ސަރުކާރަށް ތިން ހަފްތާގެ މުހުލަތެއް ދީފި އެވެ.

މިރޭ އާޓިފިޝަލްގައި ބޭއްވި އެ ހަރަކާތުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އަދި ގައުމީ ހަރަކާތުގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި، އޭނާގެ ގާތިލުން ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ކަށަވަރުކޮށް އެ މީހުންނަށް ހައްގު އަދަބު ނުދީފި ނަމަ މަގުމަށްޗަށް ނުކުމެ އިހްތިޖާޖުކޮށް "ބޮޑު ހުކުރެއް" ގެންނާނެ ކަމަށެވެ. އަދި ޑރ. އަފްރާޝީމް ނިމި ދިޔަ ގޮތަށް ނިމި ދާން ވެސް އެ ހަރަކާތުގެ ބައިވެރީން ތިބީ ތައްޔާރަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައީސް ވަހީދު އަށް، ކޮމިޝަނަރު އަބްދުﷲ ރިޔާޒު އަށް ވެސް މި ދަންނަވަނީ ކުރިއަށް އޮތް ތިން ހަފާތާގެ ތެރޭގައި ޑރ. އަފްރާޝީމްގެ ތަހްގީގު ނިންމައި އެކަން ކުރި މީހުންނާ މެދު ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު ނާލައިފި ނަމަ މަގުމަށްޗަށް ނުކުންނާނަން. އެކަން ނުކޮށްފި ނަމަ "ބޮޑު ހުކުރު"ގެ ނަމުގައި ވަރުގަދަ ހުކުރެއް ގެންނާނަން. އަޅުގަނޑުމެން ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން މިތިބީ ތައްޔާރަށް. އެކަމަށް މުޅި ރާއްޖެ އޮތީ ތައްޔާރަށް،" އިމްރާން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހަށް ވެސް އިމްރާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އިމްރާންގެ އިތުރުން އެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުން ވެސް މަޖިލީހަށް މިރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި އެވެ.