މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ އެކު ކޯލިޝަން ހެދުމަށް ގައުމީ ޕާޓީގެ ކައުންސިލުން ނިންމައިފި އެވެ. އަދި ކޯލިޝަން އެކުލަވައިލައި ވަރުގަދަ ކުރުމަށް ކުރަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ކޮމިޓީއެއް އެކުލަވައިލާން ވެސް ގައުމީ ޕާޓީގެ ނިންމި އެވެ.

ގައުމީ ޕާޓީން ޑރ. ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ނިންމީ މިރޭ އެ ޕާޓީގެ ކައުންސިލުން ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ގައުމީ އިއްތިހާދު ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ނިންމީ އެ ޕާޓީގެ ކައުންސިލުގެ އަޣުލަބިއްޔަތުން ކަމަށް ސަން އަށް ވަނީ އެނގިފައިވެ އެވެ. ނަމަވެސް ދެކޮޅަށް ވޯޓު ދެއްވީ ކޮން ބެފުޅުންނެއް ކަމެއް ނޭނގެ އެވެ.

ޑރ. ހަސަން ސައީދު ލީޑަރުކަން ކުރައްވާ ގައުމީ ޕާޓީން ރައީސް ވަހީދާ އެކު އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެެއްވުމަށް ނިންމި އިރު، ޑީއާރުޕީއާ އެކު ވެސް ގައުމީ ޕާޓީން ވަނީ ކޯލިޝަން ހަދައިފަ އެވެ. ނަމަވެސް އެ ކޯލިޝަން އުވާލިކަމަކަށް އެއްވެސް ފަރާތަކުން އަދި ރަސްމީކޮށް ބުނެފައެއް ނުވެ އެވެ. ގައުމީ ޕާޓީގެ ރޭގެ ކައުންސިލް ބައްދަލުވުމުގައި އެ ސުވާލު މެންބަރަކު ކުރިމަތި ކުރެއްވުމުން އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް ސަން އަށް ވަނީ ކަށަވަރުވެފަ އެވެ.

ގައުމީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ވަހީދާ އެކު ކޯލިޝަން ހެދުމަށް ނިންމައިފަ އެވެ. މިގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިދިޔަ ހަފްތާ ތެރޭގައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ތާއީދު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ކަމަށް ކަނޑައަޅައިފަ އެވެ.

ރައީސް ވަހީދާ އެކު ކޯލިޝަނަށް ދިއުމަށް ނިންމުގެ ކުރިން އަދާލަތު ޕާޓީން ހުށަހެޅުންތަކެއް ހުށަހެޅުއްވި ކަމަށާއި އަދި އެއްބަސްވުންތަކަކަށް އާދެވުނު ކަމަށް އަދާލަތުން ވަނީ ހާމަކޮށްފަ އެވެ. އެހެންނަމަވެސް ގައުމީ ޕާޓީން ރައީސް ވަހީދާ އެކު ކޯލިޝަން ހަދާން ނިންމި އިރު، މިފަދަ އެއްބަސްވުމެއް އޮތް ކަން ހާމަ ކޮށްފައެއް ނުވެ އެވެ.

އަދާލަތު ޕާޓީން ރައީސް ވަހީދާ އެކުވީ އެއްބަސްވުމުގެ ތަފްސީލެއް އެ ފަރާތުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.