އޭއެފްސީ ކަޕްގެ ގުރޫޕް އެފްގައި މިއަދު ހަވީރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އަތުން 2-0 ލަނޑުން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި ނިއު ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޔަންގޮން ޔުނައިޓެޑުން ޖަހާ މެޗުގެ ލީޑް ނެގީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އޭ ކެނޯއެވެ. މިއަދުގެ މެޗުގައި ނިއު ކޮޅަށް ޔަންގޮން ޔުނައިޓެޑުން ޖެހި ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަންގް މޮއޭ އެވެ.

މިއަދުގެ މެޗުން ނިއު ބަލިވުމުން އެޓީމް ވަނީ ގްރޫޕްގެ އެއް ވަނަ މަގާމް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފަ އެވެ. އެގޮތުން މިއަދުގެ ނަތީޖާއާ އެކު ގްރޫޕްގައި ނިއު ރޭޑިއަންޓު އޮތީ ހަ ޕޮއިންޓާއެކު ދެ ވަނަ މަގާމުގަ އެވެ. ގްރޫޕްގެ އެއްވަނަ މަގާމް ގައި ނުވަ ޕޮއިންޓާއެކު އޮތީ މިއަދު ނިއު އަތުން މޮޅުވި ޔަންގޮން ޔުނައިޓެޑެވެ. އަދި ގްރޫޕްގެ ތިން ވަނަ މަގާމްގައި އެއްޕޮއިންޓާއެކު ހޮންކޮންގުގެ ސަންހައި އޮތްއިރު ގްރޫޕްގެ އެންމެ ފުލުގައި އޮތް އިންޑޮނީޝިއާގެ ޕާސިބޯއަށް ވެސް ވަނީ އެއްޕޮއިންޓު ލިބިފައެވެ.

މިއަދުގެ މެޗުން ނިއު ބަލިވި ނަމަވެސް އެ ޓީމަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ނުގެއްލެ އެވެ. ނިއުގެ މުހިންމު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ) އަށް މިއަދުގެ މެޗުގައި ވަނީ އަނިޔާވެފަ އެވެ. ދަނގަޑޭގެ ފަޔަލަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ދަނގަޑޭ ވަނީ ދަނޑުން ބައިލައިފައެވެ.

އޭއެފްސީ ކަޕްގައި ނިއު ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ އަންގާރަ ދުވަހު ހަވީރު މާލޭގައެވެ. އެމެޗުގައި ނިއުއާ ދެކޮޅަށް ނިކުންނާނީ މިއަދުގެ މެޗުން މޮޅުވި ޔަންގޮން ޔުނައިޓެޑެއެވެ.