އެމްޑީޕީގެ ވެރިކަމުގައި މާލެ އަތޮޅުގެ އަތޮޅުވެރިކަން ތުލުސްދޫން އެ އަތޮޅު މާފުއްޓަށް ބަދަލުކުރުމަށް މަސައްކަތް ކުރުމުން ތުލުސްދޫ ރައްޔިތުންނާ "މޫނު ކެނޑޭން ޖެހުނު" ކަމަށާއި އެހެންކަމުން އެކަމާ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ ތުލުސްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކ. އަތޮޅުގެ ވެރިކަން ކުރާ ރަށް މާފުއްޓަށް ބަދަލު ކުރާން މަސައްކަތް ކުރީ އެއްވެސް ހާލެއްގައި ތުލުސްދޫގެ ރައްޔިތުންނަށް އަދި އެހެން ބަޔަކަށް ވެސް ދެރައެއް ދިނުމުގެ ގޮތުން ނޫން ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ތުލުސްދޫގެ ރައްޔިތުންނާއި އެމްޑީޕީ ސަރުކާރާ "މޫނު ކެނޑޭ ގޮތްވި" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މިރޭ ތުލުސްދޫ ރައްޔިތުންނަށް ދަންނަވާން ބޭނުން އަދި އަޅުގަނޑު ހިތުލައިގެން މިހުރީ އަޅުގަނޑުމެނަށް ތުލުސްދޫއާ ގުޅޭ ގޮތުން އަޅުގަނޑުމެންގެ ސަރުކާރުގައި ވަކިން ޚާއްސަކޮށް ތުލުސްދޫގައި ހުރި އަތޮޅުގެ ބަދަލު ކުރުމުގެ ތެރޭގައި ތުލުސްދޫގެ ވަރަށް ގިނަ ރައްޔިތުންނާއި އަޅުގަނޑުމެންގެ ސަރުކާރާ މޫނު ކެނޑޭ ގޮތް ވި. ދެބަސްވުންވި. އަޅުގަނޑު ފުރަތަމަ ކަމަކަށް އެކަމަށްޓަކައި ތުލުސްދޫގެ އެންމެހައި ރައްޔިތުންގެ ކިބައިން މާފަށް އެދެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން އެގޮތަށް ކަންތައް ކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި އަތޮޅުވެރިން ކަން ހިންގުމަކީ ލާމަރުކަޒީ ނިޒާމްގެ ދަށުން ކޮންމެހެން ބޭނުން ކަމެއް ކަމަށް ނުފެންނާތީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އޭރު އެމްޑީޕީގެ ވިސްނުން ހުރީ ރާއްޖޭގެ ރަށްތައް އަތޮޅުވެރި ކަމުގެ ދަށުން ހިންގުމުގެ ބަދުލުގައި ޕްރޮވިންސްތަކަށް ބަހައިލައިގެން ހިންގުމަށް ކަމަށާއި ނަމަވެސް އެ އުސޫލަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ އުސޫލެއް ނޫން ކަން މިހާރު އެނގިވަޑައިގެންފި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ޕްރޮވިންސް ހެދުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީން އޭރު މަސައްކަތް ކުރަމުން ގެންދިޔައީ އަތޮޅު ވެރިކަމަށްވުރެ ބޮޑަށް ޕްރޮވިންސްގެ އުސޫލުން ރާއްޖެ ހިންގުމަށް. އަދި ވަކިތަނަކަށް އަތޮޅުވެރިކަމުގެ ބާރުތައް ޖަމާކޮށްގެން ވެރިކަން ކުރުމަކީ ލާމަރުކަޒީ ވެރިކަމެއްގައި މުހިއްމުކަމެއް ކަމުގައި އަޅުގަނޑުމެން ނުދެކެން. ޕްރޮވިންސް އުސޫލުން ގައުމު ހިންގުމަކީ އެމްޑީޕީގެ ވިސްނުމެއް. އެއީ އެމްޑީޕީގެ މެނިފެސްޓޯގައި އޮތް ގޮތް. ނަމަވެސް އެކަން ތަންފީޒް ކުރަން ފެށުމުން ރައްޔިތުން އެކަމަށް ބޭނުން ނުވާކަން އެނގުމުން އަޅުގަނޑުމެން އެ ވިސްނުން ބަދަލު ކުރިން އަދި އެކަމަށްޓަކައި މަސައްކަތް ކުރިން. އަޅުގަނޑުމެން މިހާރު ތައްޔާރުކުރާ މެނިފެސްޓޯގައި ޕްރޮވިންސްގެ ބަދަލުގައި އަތޮޅުތަކަށް އިސްކަން ދީގެން ވެރިކަން ހިންގާނީ. އެއީ ރައްޔިތުން ބޭނުންވާ ގޮތްކަން މިހާރު އަޅުގަނޑަށް އެނގޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ތުލުސްދޫގެ ތަރައްޤީއަށް އިސްކަމެއް ދެއްވާނެކަމުގައެވެ. އަދި ތުލުސްދޫގެ ލާބައާއި މަންފާއަށް މިސަރުކާރުން ކުރާ ކޮންމެ ކަމެއްގައިވެސް އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މަޖިލީހުގައި ތުލުސްދޫއަށްޓަކައި ކުރައްވާ ކޮންމެ ކަމެއްގައިވެސް އެމްޑީޕީގެ އެހީތެރިކަން ލިބިގެން ދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.