ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންގެ މެދުގައި ހިއުމަން ރައިޓްސްއަށް އަހުލުވެރިކުރުމުގެ ގޮތުން އެދާއިރާއިން ތަމްރީނު ފޯރުކޮށްދޭނެ މުދައްރިބުން ތަމްރީނު ކުރުމަށްޓަކައި ޔޫއެން ކޮންސަލްޓަންޓް ޑރ. އޭރީ ބްލޯއީޑް ގެ އެހީގައި ފުލުހުންނަށް "ޓްރެއިންގ އޮފް ޓްރެއިނަރސް" (ޓީއޯޓީ) ޕްރޮގްރާމެއް ހިންގަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ކްލާސް ރޫމުގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ފުލުހުންގެ ޑިވިޒަނަލް އޮޕަރޭޝަންސް ކޮމާންޑް (ޑީއޯސީ) އަދި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް (ސީއޯސީ) އަދި އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.

ޔޫއެންގެ އިންޓެގްރޭޓެޑް ގަވާނަންސް ޕްރޮގްރާމުގެ ދަށުން ޔޫއެންގެ ކޮންސަލްޓަންޓް ޑރ. އޭރީ ބްލޯއީޑް ރާއްޖެ ވަޑައިގެން ފުލުހުންގެ މަސައްކަތްތައް ދިރާސާކުރެއްވުމަށްފަހު ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެކުލަވާލެއްވި ސިލަބަހެއްގެ މައްޗަށް ކިޔަވައިދޭ އެ ތަމްރީނު ޕްރޮގްރާމުގައި އެކިއެކި ހަމަނުޖެހުންތަކުގައި މީހުން ހައްޔަރުކުރުމުގައި އިންސާނީ ކަރާމަތަށް ހުރުމަތްތެރިކޮށް ހިތުމާއި އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭއިރުގައާއި ތަހުގީގީ މަރުހަލާގައިވެސް އިންސާނީ ކަރާމަތަށް ހުރުމަތްތެރިކޮށް ހިތުމަށް އަހުލުވެރި ކުރެވޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖޭގައި މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި އެހެނިހެން އިންތިޚާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފުލުހުން ހިއުމަން ރައިޓްސްއަށް އަހުލުވެރިކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ފުލުހުންނަށް ހިންގާ އެ ތަމްރީނު ޕްރޮގްރާމު ރަސްމީ ގޮތުން އިފްތިތާހްކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ. އެ ކޯސް ރަސްމީކޮށް އިފްތިތާހްކުރުމަށް ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އާއި ފުލުހުންގެ އިސް ބައެއް ވެރިންވެސް މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. އޭރީ ބްލޯއީޑް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައިވެސް މިފަދަ ތަމްރީނު ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އޭނާއަކީ މީގެ ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައިވެސް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ރާއްޖޭގައި ހަރަކާތްތެރި ވެވަޑައިގެންފައިވާ ބޭފުޅެކެވެ.