ހއ. ދިއްދޫއާ ދިމާއިން ބޭރަށް ދޯންޏެއް އަޑިއަށް ދިޔުމާ ގުޅިގެން އެ ދޯނި ފުންކުރުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އަބްދުﷲ އަލީ ވިދާޅުވީ އެ ދޯނިން ދަތުރު ކުރި ހަތަރު މީހުން ކޯސްޑުކާޑުގެ އެހީތެރިކަމާ އެކު މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އެ ދޯނިން ދަތުރު ކުރީ ދިވެހި ހަތަރު ފިރިހެނުންނެވެ.

އޭނާ ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށާއި ނަމަވެސް އެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ އިރުއޮއްސި 6:30 ގައި ކަމަށެވެ.

ދޯނި އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު ލިބުމުން ކޯސްޑްގާޑުން ސިފައިން އެ ސަރަހައްދަށް ދިޔައިރު ޑިންގީއެއްގައި ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދޯންޏަކީ ކާޑުގެ ބާވަތްތަކާއި ގޭސްފުޅިތަކެއް ބަރުކޮށްގެން ހދ. ތީފަރިދޫން ހއ. ދިއްދޫއަށް ދިޔަ ދޯންޏެއްކަމަށާއި ސިފައިން އެސަރަހައްދަށް ދިޔައިރު އެ ދޯނި އަޑިޔަށް ގޮސްފައި ވާ ކަމަށާއި ދޯނީގެ ދިރުނބާ ކޮޅުން ގާތްގަނޑަކަށް ދެ ފޫޓު ނޫނީ އަޑިއަށް ގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެދޯނި ފުންކޮށް އޭގައި ތިބި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ސިފައިން ކުރަމުންގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.