އަމީނީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި 73 އަހަރުގެ މީހަކަށް އަނިޔާވެއްޖެ އެވެ.


މިރޭ 7:30 އެހާކަށްހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ގ. ރިމައިނޑް ހައުސް، އިބްރާހިމް އުމަރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓުވީ އޭނާ އިޝާ ނަމާދަށް ފަހު މިސްކިތުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގަ އެވެ.


އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ، އެމީހާގެ ނިއްކުރިމަތިން ފަޅައިގެންގޮސްފައިވާ ކަމަށާއި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި މިހާރު ވެސް ފަރުވާދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އިބްރާހިމް އުމަރު ބެއްލެވި ޑޮކްޓަރާ ހަވާލާދެއްވައި އައިޖީއެމްއެޗްގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ، މިރޭ 7:30 އެހާކަށްހާއިރު އަމީނީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އުމުރުން ދުވަސްވީ މީހަކަށް އަނިތޔާވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުވި ސައިކަލު ވަނީ އެތަނަށް މަޑުނުކޮށް ފިލައިފަ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް، ސައިކަލުގައި ތިބީ ކޮން އުމުރުފަރެއްގެ ކިތައް މީހުންނެއް ކަމަށް އޮފިޝަލު ވިދާޅުވެއް ނުވި އެވެ.


ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.