ރޭ ކާނިވާ ސްޓޭޖްގައި ޕީޕީއެމުން ބޭއްވި އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޯޓިޒަމްއާ ގުޅޭ ގޮތުން މާނަ އޮޅޭ ފަދަ އެއްވެސް ވާހަކަފުޅެއް ދެއްކެވިފައިވާ ނަމަ އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޔާމިން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި "ބޮޑު އެއްވުމުގައި" އޯޓިޒަމްއާ ގުޅޭ ގޮތުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް އެ ވާހަކަ ސޯޝަލް މީޑިއާތަކުގައި ވާދަވެރި ސިޔާސީ ފަރާތްތަކުން ފަތުރަމުން ގެންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި އަދި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.

ޔާމިން ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ އޯޓިސްޓިކް މީހެއް ނޫން ނަމަ ބަލައިލި ކޮންމެ ދިމާލަކުން 30 އަހަރުގެ ތަރައްގީ އެހެރީ ފެންނާން ކަމަށެވެ.

ޔާމީންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އޭނާ އަކީ އޯޓިސްޓިކް ނުވަތަ އެހެންވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ މެދު އިހާނާތްތެރި ވާނޭ ބޭފުޅެއް ނޫން ކަމަށެވެ. އަދި ހަމަ އެހެންމެ އެފަދަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ ވެސް މުޖުތަމައުގައި ހަރުދަނާކަމާ އެކު އެހެން މީހުންނާ އެއް ހަމައެއްގައި އުޅެވޭނެ ބަޔަކަށް ހެދުމަށް އެ ފަރާތްތަކުގެ އަޑު އަހައި ކޮށްދެއްވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށެވެ.

އަދި ސިޔާސީ ފަރާތްތަކުން ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ޓަކައި އެފަދަ އިޖުތިމާއީ މައްސަލަތަކުގެ މާނަ އޮޅުވާލައިގެން ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.