އޭނާ އާ ގުޅޭ ވަރަށް ގިނަ ހަމަލާ ޕާޓީގެ އެތެރެއިންނާއި، ބޭރުން އަތުވެއްޖެ ކަމަށާއި، ނަމަވެސް އޭގެން އެއްވެސް ކަމެއް އޭނާގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގު ތުހުމަތު ތަކެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ ކާނިވާ ސްޓޭޖްގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ އޭނާ އަކީ ބޭރު ގައުމު ތަކުގައި ފްލެޓް އަޅައިގެން އުޅޭ މުއްސަންޖެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ގޭންގުތައް ގެންގުޅެ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހެއްވެސް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެ ފަދަ ކަމެއް އޭނާގެ ފުށުގައި އޮތް ނަމަ ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ނިކުމެވަޑައި ނުގަންނަވާނެ ކަމަށާއި، އޭނާ ހުންނެވީ އެއަށް ވުރެ މާ ސާބިތުކަންމަތީ ކަމަށެވެ.

"ތިޔަބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރައްވަން ވާނީ އަޅުގަނޑުގެ ގޮތް އެނގިގެން. އަޅުގަނޑާ ބެހޭ ލައްކަ ހަމަލާ ތައް އެތެރެއިންނާއި، ބޭރުން އައިސް ހިނގައްޖެ. އެކަމަކު ﷲ ގަންދީ މި ބުނަނީ އޭގެން އެއްވެސް ކަމަކީ އަޅުގަނޑުގެ މައްޗަށް ސާބިތު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑަކީ މުއްސަންޖެއް ނޫން. އަޅުގަނޑަކީ ބޭރުގައި ފްލެޓް ހުރި މީހެއް ނޫން. އަޅުގަނޑަކީ ގޭނގު ތައް ގެންގުޅޭ މީހެއް ނޫން. އަޅުގަނޑަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހެއް ނޫން. އަޅުގަނޑަކީ އަފްރާޝީމްގެ މަރާއި، ކުޑަ ގޮތަކަށް ވެސް ގާތް ކަމެއް އޮތް މީހެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޔާމީން އެ ތުހުމަތު ތައް ދޮގު ކުރެއްވި އިރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އޭނާ އާއި ވާދަ ކުރައްވައިގެން ބަލިވެ ވަޑައިގަތް އުމަރު ނަސީރު ވަނީ ޔާމީން އަކީ މަސްތުވާ ތަކެތި ގެންގުޅޭ ގޭނގު ގްރޫޕް ތަކާއި، ގުޅުން ބާއްވާ ބޭފުޅެއްގެ ގޮތުގައި ތުހުމަތު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ޔާމިން ވިދާޅުވީ ޕާޓީގެ މަސްލަހަތާއި ހަމަޖެހުމަށްޓަކައި އެފަދަ ހަގީގަތެއް ނެތް ވާހަކަ ތައް ދެއްކުމުން އެންމެން ވެސް ދުރަށް ދާން ޖެހޭ ކަމަށެވެ.

ރޭގެ ޖަލްސާގައި ޔާމިން ވަނީ އުމަރު ނަސީރު އޭނާއާ ގުޅިވަޑައިގަތުމަށް ގޮވައި ލައްވައިފަ އެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އަކީ ބަދަހި އަދި ވަރުގަދަ ޕާޓީ އަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގައި އުމަރަކީ ވަރަށް އިސް ދައުރެއް އަދާ ކުރައްވާ ބޭފުޅެއް ކަމަށާއި، އެހެން ކަމުން އޭނާ އާއި ގުޅިގެން ކުރިއަށް ވަޑައިގަތުމަށް ވަރަށް އިޚްލާސްތެރި ކަމާއި އެކު އުމަރު އަށާއި، އުމަރުގެ ޓީމަށް ދަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން މި ޕާޓީ ބަދަހި ކުރާން ކުރާ މަސައްކަތުގައި އުމަރަކީ ވަރަށް އިސް ދައުރެއް އަދާ ކުރައްވާ، އަދި އަދާ ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާތީ އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވައިގެން، އަޅުގަނޑާއި ގުޅިގެން، އުމަރާއި އުމަރުގެ ޓީމުން މަސައްކަތް ކޮށްދިނުމަށް އަޅުގަނޑު މިރޭ ވަރަށް އިޚްލާސްތެރި ކަމާއި އެކު އުމަރު އަށް ދަންނަވާލަން،" ޔާމިން ވިދާޅުވި އެވެ.

އެހެން ސިޔާސީ ޕާޓީ ތަކުން ޕީޕީއެމް އާ ގުޅިވަޑައިގަތުމަށް ގޮވައިލައްވާފައިވާ ގޮވައިލެއްވުން ތަކުރާރު ކުރައްވަމުން ޔާމިން ރޭ ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހައްގުގައި އެހެން ސިޔާސީ ޕާޓީ ތަކުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ އެ ޕާޓީ އާއި ގުޅުމަށް ޝައުގުވެރިކަން ހުރި ކޮންމެ ޕާޓީ އަކަށް ވެސް ކިތަންމެ ދަންވަރުގެ ވަގުތެއްގައި ވިޔަސް ޕީޕީއެމްގެ ދޮރުތައް ހުންނާނީ ހުޅުވާފައި ކަމަށެވެ.

ރޭގެ ޖަލްސާ އަށް ޕީޕީއެމް ގެ މެމްބަރުންނާއި، ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ހާޒިރުވި އެވެ. އަދި އުމަރު ނަސީރުގެ "ޓީމް އުމަރު" ގައި ހިމެނިވަޑައިގެންނެވި އިސް ބައެއް ބޭފުޅުންނާއި، އާއްމު މެމްބަރުންވެސް އެ ޖަލްސާ އަށް ހާޒިރުވި އެވެ.