ޖިނާއީ މައްސަލަތަކުގައި އެހެން ގައުމުތަކާ އެކު ރާއްޖެއިން މަސައްކަތް ކުރުމަށް ޓަކައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ހުށަހެޅުއްވި އެ ބިލް މިއަދު މަޖިލީހުން ބަލައިގެންފައިވަނީ މަޖިލީހުގައި އޭރު ތިއްބެވި 57 މެންބަރުން ވޯޓު ދެއްވައިގެން އިއްތިފާގުންނެވެ. އެބިލް މަޖިލީހަށް ބަލައިގަތުމުން އެބިލް ވަނީ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވުމަށް ފާސްވެފަ އެވެ.

އެ ބިލްގައި ބޭރު ގައުމެއްގައި ހިނގާ ޝަރީއަތަކަށް ނުވަތަ ތަހުގީގަކަށް ދިވެއްސަކު ހެކި ދިނުމަށް ޓަކައި އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

އެ ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ކުށްކޮށްގެން ހޯދާފައިވާ މުދާ ރާއްޖެއިން ހިފެހެއްޓުމާއި އެފަދަ މުދަލުން މުއާމަލާތް ކުރުން ހުއްޓުވުމަށް ބޭރު ގައުމުތަކުން ނެރޭ އަމުރުތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ބޭރު ގައުމުތަކުން ހުށަހަޅާ ހުށަހެޅުން ރާއްޖެއިން ތަފީޒު ކުރާނެ ގޮތް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލަކީ 55 މާއްދާއެއްގެ މައްޗަށް އެކުލެވޭ ބިލެކެވެ.

އެ ބިލަކީ ބޭރުގައުމުތަކުގެ މީހުންނާ ގުޅިގެން ދިވެހީން ހިންގާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފަހި މަގެއް ހުޅުވައިދޭނެ ބިލެއް ކަމަށް އެ ބިލްގެ ބަހުސް މަރުހަލާގައި މެންބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލެއް ސަރުކާރުން ހުށަހަޅާފައިވާ އިރު، ބައިނަލްއަގުވާމީ ފެންވަރުގައި ދުރާލައި ރޭވިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތައް ހުއްޓުވުމަށް ޓަކައި އެފަދަ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް އދ. އިން އެކުލަވާލައިވާ ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސްގައި ރާއްޖެއިން ވަނީ މި އަހަރު ސޮއިކޮށްފަ އެވެ.