03 Apr 2013, 16:15
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ، އާތާ ބްރަދާސް އަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް ކުންފުއްޏެއް އުފެއްދުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީ އިން ނުދޭ ކަމަށާއި އެއީ ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތެއް ވެސް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) މިއަދު ވިދާޅުވީ ފޮރިން އިންވެސްޓްމެންޓްތަކަށް ހުއްދަދިނުމުގެ ބާރު ލިބިފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަށް ކަމަށާއި އެގޮތުން އާތާ ބުރަދާސް އިން އުފައްދާފައިވާ "އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑް" ކުންފުނި އުފެއްދުމުގެ ހުއްދަދިނީ ޓޫރިޒަމް މިނިސްޓްރީ އިން ކަމަށެވެ.
"ފޮރިންއިންވެސްޓްމަންޓް ގާނޫނުގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަކީ ވެސް ފޮރިން އިންވެސްޓްމަންޓް ހިންގުމަށް ހުއްދަދެވޭ މިނިސްޓްރީއެއް،" އިކޮނަމިކް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މިއަދު ސަން އޮންލައިނަށް ވިދާޅުވީ ފޮރިން އިންވެސްޓަރުނަށް އެބޭފުޅުން ޓޫރިޒަމް ދާއިރާ އިން އެފަރާތަތަކަށް ކުރާ ކަންތަކުގެ ތެރެއިން ބޭނުންވާ ކަމަކަށް އެދުމުން އެކަން ރާއްޖޭގައި ކުރެވޭނެ ކަމުގެ ހުއްދަ އެ މިނިސްޓްރީ އިން ދޭ ކަމަށާއި ނަމަވެސް ކުންފުނި އުފެއްދުމުގެ ހުއްދަޔަކީ އެ މިނިސްޓްރީ އިންދޭ ހުއްދައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އިން އާތާ ބްރަދާސް ހިއްސާވާ ކުންފުނި ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރުމުގެ ހުއްދަ ދީފައި ވާނީ ހ. އެވަޗާންސް، އިސްމާއިލް ވަސީމް އަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށެވެ.
"ފޮރިން އިންވެސްޓަރުން ޓޫރިޒަމަށް ވަންނަންޔާ މިކޮޅުން އިންނާނެ ނޯއޮބްޖެކްޝަން ލެޓައެއް ހޯދަންޖެހޭ، މިކޮޅަކުން ހުއްދައެއް ނުދެނޭނެ. ނޯއޮބްޖެކްޝަން ދޭނީ، އެކޮޅުން (އިކޮނޮމިކް މިނިސްޓްރީ އިން) ރަޖިސްޓްރީކުރާނީ. އަޅުގަނޑުމެން މިއީ ކުންފުނި ރަޖިސްޓުރީ ކުރާބައެއް ނޫން،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ނޯ އޮބްޖެކްޝަން ލެޓާ ދޫކުރުމުގެ ކުރިން ޝެއާ ހޯލްދަރުންނާއި އެމީހުންގެ ބެކްރައުންޑް ބެލުމަކީ ޓޫރިޒަމް މިނިސްޓުރީގެ މަސެއްކަތެއް ނޫން ކަމަށާއި އެއީ އިކޮނަމިކް މިނިސްޓްރީގެ ބައެއް ކަމަށެވެ. ޓޫރިޒަމް މިނިސްޓަރު އަދީބް ވިދާޅުވީ ގިނަ ޖަރީމާތަކެއްގެ ތުހުމަތު އެ މީހުންގެ މައްޗަށް ކުރެވޭ އަރުމީނީއާގެ ދެބެން ކަމަށްވާ އާތާ ބުރަދާސްއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.