03 Apr 2013, 16:10
ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރެއްވުމުގެ ކުރިން ފޯމް ހުށަހަޅާފައިވާ އެއްވެސް ޕާޓީއެއްގެ ފޯމް ތަކެއް ބާތިލް ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މޯލްޑިވްސް ޑިވެލޮޕެމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު އެ ކޮމިޝަން މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީ އަށް ހާޒިރު ކުރުމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ތަސްދީގް ކުރެއްވުމުގެ ކުރިން އެމްޑީއޭ އާއި ގައުމީ އިއްތިހާދު ޕާޓީން 10،000 މެންބަރުން ހަމަކުރުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ފޯމް ތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފޯމްތަކާއި މެދު އެ ކޮމިޝަނުން ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ރައީސުލް ޖުމްހޫރީއްޔާ ތަސްދީގު ކުރެއްވުމުގެ ކުރިން އެމްޑީއޭ އާއި ގައުމީ އިއްތިހާދާއި ދެ ޕާޓީން ހުށަހަޅާފައިވޭ 16900ޖުމުލަ ފޯމް. އެއީ އެމްޑީއޭގެ 9082 އާއި ގައުމީ އިއްތިހާދު ޕާޓީން ހުށަހަޅާފައިވާ 7869 ފޯމް. އަޅުގަނޑުމެން އެ ފޯމް ތަކަށް އަދި ވަކި ގޮތެއް ނުނިންމަން. އެ ފޯމްތައް ވަނީ ހިފެހެއްޓިފަ. ބާތިލެއް ނުކުރަން." ފުއާދު ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރުން ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ތަސްދީގު ކުރި ހިސާބުން ފެށިގެން އެ ގާނޫނު ބުނާ ގޮތުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީތައް ކަމަށް ބެލެވޭނީ އެ ގާނޫނު ތަސްދީގު ކުރާއިރު 10،000 މެންބަރުން ހަމަވާ ޕާޓީތައް އެކަނި ކަމަށެވެ. އެހެން ކަމުން ގާނޫނު ތަސްދީގު ކުރި އިރު 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އެއީ އެ ކޮމިޝަންގެ ދަފުތަރުގައި ނުވަތަ އެ ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައި ނުވާ ޕާޓީ ތައް ކަމަށް އެ ކޮމިޝަނުން އޭރު ނިންމާފައިވާ ކަމަށެވެ.
"ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ބުނާ ގޮތުން އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ނުވަތަ ކޮމިޝަންގެ ރަޖިސްޓަރީ ކޮށްފައިވާ ޕާޓީ ތައް ކަމަށް ބެލެވޭނީ އެ ގާނޫނު ތަސްދީގު ކުރާ އިރު 10،000 މެންބަރުން ހަމަވާ ޕާޓީ ތައް. އެހެން ކަމުން ރައީސުލްޖުމްހޫރީއްޔާ ސިޔާސީ ޕާޓީ ތަކުގެ ގާނޫ ތަސްދީގު ކުރެއްވުމުން 10،000 މެންބަރުން ހަމަ ނުވާ ޕާޓީ ތައް އެއީ ދަފްތަރު ގައި ނުހިމެނޭ ނުވަތަ ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައި ނުވާ ޕާޓީތައް ކަމަށް އަޅުގަނޑުމެން އޭރު ނިންމީ. އެހެން ކަމުން ދަފްތަރު ގައި ނުހިމެނޭ ނުވަތަ އުވިގެން ދިޔަ ޕާޓީ ތަކަކަށް ފޯމް ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން އޭރު ގަބޫލު ކުރީ. އެހެން ނަމަވެސް މިހާރު އެ ފޯމް ތަކަށް ގޮތެއް ނުނިމިވާ ސަބަބަކީ ސްޕްރީމް ކޯޓުގެ ހުކުމް އޮތް ގޮތުން. އަދި އަޅުގަނޑުމެންގެ ގާނޫނީ ވަކީލުންގެ ލަފަޔާ ވެސް އެކު އެގޮތަށް ނިންމީ" ކޮމިޝަންގެ މެންބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ މެންބަރުން ވިދާޅުވީ އެމްޑީ އާއި ގައުމީ އިއްތިހާދު ޕާޓީގެ ފޯމް ތައް ޕްރޮސެސް ކޮށް ނިމޭ އިރު އެހެން ޕާޓީ ތަކުން ގިނަ އަދަދެއްގެ މެންބަރުން އުނިވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މިހާރު 10،000 މެންބަރުން ހަމަވާ ޕާޓީ ތައް އެ އަދަދަށް ވުރެ ދައްވެގެން ދިއުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ކޮމިޝަންގެ މެންބަރުން ވިދާޅުވި އެވެ. އެހެން ކަމުން ސްޕްރީމް ކޯޓުގެ ހުކުމުގައި އެއްވެސް ޕާޓީ އެއް އުވިގެންދާ ފަދަ ކަމެއް ނުކުރުމަށް އެ ކޮމިޝަންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށް މެންބަރުން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކޮމިޝަނުން ކޮންމެ ގޮތަކަށް އަމަލު ކުރި ނަމަވެސް ކޮންމެ ވެސް ޕާޓީއެއްގެ ހައްގު ގެއްލިގެންދާނެ ކަމަށާއި އެހެން ކަމުން ހައްގު ގެއްލޭ ޕާޓީ އަކުން އެ ކޮމިޝަން ގޮވައިގެން ކޯޓަށް ދާނެ ކަމަށް ކޮމިޝަންގެ މެންބަރުން ގަބޫލު ކުރައްވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އިތުރަށް ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީއާއި އެމްޑީއޭ އިން ފޯމް ތައް ހުށަހަޅާފައިވާ ވަގުތާއި ސިޔާސީ ޕާޓީ ތަކުގެ ގާނުނު ތަސްދީގް ކުރުމާއި ދެމެދު އެ ހުރިހައި ފޯމްތައް ބަލައި ޗެކް ކޮށް އެ ފޯމް ތަކުގެ ސައްހަކަން ބެލެމުށްޓަކައި އެ ކޮމިޝަނަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާ ކަމަށެވެ. ހަމަ އެހެންމެ އެހައި ގިނަ އަދަދެއްގެ ފޯމް ތަކެއް އެއް ދުވަސް ނުވަތަ ދެ ދުވަސް ތެރޭގައި އެންޓާ ކުރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި އެކަމަށްޓަކައި އިންތިގާލީ ނިޒާމް ތަކެއް ހަމަޖެހިފައިނެތް ކަން އެއީ އެ ކޮމިޝަނަށް އަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށް ވެސް ކޮމިޝަންގެ މެންބަރުން ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި ކޮމެޓީގެ މުގައްރިރު ކުޅުއްދުފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ އިލެކްޝަންސް ކޮމިޝަން އަށް ދެ ލިޔުމެއް އެ ކޮމެޓީ އަށް މާދަމާ ތިނެއް ޖެހުމުގެ ކުރިން ފޮނުވައި ދިނުމަަށް އެދިފަ އެވެ. އެއީ އެ ކޮމިޝަނުން ނިންމި ނިންމުން ތަކުގައި ހޯދާފައިވާ ގާނޫނީ ލަފާގެ ކޮޕީ އާއި އަދި ޕާޓީ ތަކުގެ ފޯމްތައް ޕްރޮސެސް ނުކުރުމަށް ނިންމި ނިންމުން ހިނގައި ދިޔަ ގޮތުގެ ޔައުމިއްޔާ ފޮނުވައި ދިނުމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މެންބަރުން ޖުމުލަ ގޮތެއްގައި ފާހަގަކުރެއްވި ނުކުތާ ތަކަށް ބަލާ އިރު، އެ ބޭފުޅުން ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ތަސްދީގު ކުރުމުގެ ކުރީން އިލެކްޝަންސް އަށް ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ނުކުރެވުމުގެ ޒިންމާ ޕާޓީ ތަކުން ނަގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ގޮތުން ގާނޫނު ގެޒެޓު ކުރުމުގެ ކުރީން މެންބަރުންގެ އަދަދު ހަމަކޮށް ހުށަހަޅާފައިވާ ޕާޓީ ތަކުގެ ފޯމުތައް ސާފު ކުރެވެން ޖެހޭނެ ކަމަށް މެންބަރުން ވިދާޅުވި އެވެ. އަދި އެ ފަދަ ޕާޓީތައް އުވިގެން ގޮސްގެން ނުވާނެ ކަމަށް މެންބަރުން ބުރަވެވަޑައިގެންނެވި އެވެ.
އެމްޑީއޭ އިން މިމައްސަލަ އިލެކްޝަނަށް ވައްދާފައިވާ އިރު، ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ތަސްދީގު ކުރުމުގެ ކުރީން 12700 ފޯމު އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.