"ޕައިރަސީ އާއި އެއާ ގުޅޭ އެހެން ކުށްތަކުގެ ބިލް" ގެ ނަމުގައި ސަރުކާރުގެ ފަރާތުން މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލް މެންބަރުންގެ އަޣުލަބިއްޔަތުން ބަލައިގެންފި އެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ ބިލު ބަލައިގަތުމަށް ޖަލްސާއަށް ހާޒިރުވެ ތިއްބެވި 58 މެންބަރު ވަނީ ވޯޓު ދެއްވާފަ އެވެ.

ގާސިމް އިބްރާހީމް ހުށަހެޅުއްވި އެ ބިލްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގަ އާއި އެހެން ގައުމެއްގެ ސަރަހައްދުގެ ގޮތުގައި ނުހިމެނޭ ކަނޑުތަކުގައި ހިންގާ ޕައިރަސީގެ ކުށްތައް ހުއްޓުވުމާއި އަދަބު ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައިވާ ގޮތުން ޕައިރަސީގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 25 އަހަރަށް ޖަލަށް ލުމެވެ. އަދި ޕައިރަސީ ކުށުގެ ތެރޭގައި މީހަކު މަރުވެއްޖެ ނަމަ، އެ އަމަލު ހިންގި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބުގެ އިތުރަށް 30 އަހަރަށް ޖަލަށްލުން ކަމަށް އެ ބިލްގައި ބުނެފައި ވެއެވެ.

ޕައިރަސީގެ އަމަލެއްގައި މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމެއް ކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށާއި ޕައިރެސީ އަމަލުތައް ހިންގުމަށް ރާވައި އެހީތެރިވެއްޖެ މީހަކު 10 އަހަރަށް ޖަލަށްލެވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެއެވެ.

އާމްޑް ރޮބަރީގެ އަމަލެއް ހިންގައި، އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 30 އަހަރަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެ އެވެ. އަދި އާމްޑް ރޮބަރީ އަމަލެއްގައި މީހަކު މަރުވެއްޖެ ނަމަ އިސްމާލީ ޝަރީތުގައިވާ އަދަބުގެ، އިތުރަށް އެމީހަކު 30 އަހަރަށް ޖަލަށްލެވޭނެ ކަމަށް ވެސް އެ ބިލްގައި ބުނެފައި ވެއެވެ.

އާމްޑް ރޮބަރީގެ އަމަލެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެ އަމަލެއް ހިންގި މީހަކު 25 އަހަރުގެ ޖަލުހުކުމެއް ތަންޒީފު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައި އެވެ.

އެ ބިލުގައިވާ ގޮތުން ޕައިރަސީގެ އަމަލުތައް ހުއްޓުވުމުގެ ބާރާއި އެފަދަ މީހުން ހައްޔަރު ކުރުމާއި ޕައިރޭޓުންގެ އުޅަނދުތައް ހިފަހައްޓައި ބެލުމުގެ ބާރު ލިބިދީފައި ވަނީ ގައުމީ ދިފާއީ ބާރަށާއި ފުލުހުންނަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ނުވަތަ އެއްވެސް ގައުމެއްގެ ސަރަހައްދެއް ކަމުގައި ނުވާ ސަރަހައްދަކުން ޕައިރަސީގެ ކުށުގެއްގެ ތުހުމަތެއް ކުރެވޭ މީހަކު ހައްޔަރު ކުރުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކުރެވޭނަމަ، އެ މީހަކު ހައްޔަރު ކުރިތާ 24 ގަޑިއިރު ތެރޭގައި އޯޑިއޯ ނުވަތަ ވީޑިއޯގެ ޒަރިއްޔާއިން އެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ އަރިހުން އެދެންވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި އެވެ. އަދި ކަނޑުފޭރުމުގެ މައްސަލަތަކުގައި ސިފައިން ހައްޔަރު ކުރާ މީހުން ހަވާލު ކުރަންޖެހޭނީ ފުލުހުންނާ ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެއެވެ.

އެ ބިލުގައި ބުނާ ގޮތުން އެއްވެސް ބާވަތެއްގެ ބިރެއް ދައްކައިގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން، އޭނާގެ ބާރުގެ ދަށަށް އުޅަނދެއް ގެނެސްފިނަމަ އެއީ ރަހީނު ކުރުން ކަމަށް ބެލެވޭނެ އެވެ. އަދި އުނޅަދެއް އެއްތަނުން އަނެއްތަނަށް ދިއުމަށް ހުރަސްއެޅުމަކީ ކުށެއް ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އަދި އެފަދަ ކުށުގެ އަދަބެއްގެ ގޮތުން އެ އަމަލު ހިންގި މީހަކު 15 އަހަރަށް ޖަލަށް ލެވޭނެ ކަމަށާއި ރަހީނު ކުރުމާއި އުނޅަދަކަށް ގެއްލުން ދިން މީހެއްގެ އަތުން ބަދަލު ނެގޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެއެވެ.

އެ ބިލް މަޖިލީހުން ބަލައިގަތުމާއެކު ބިލް ދިރާސާކުރުމަށް ގައުމީ ސަލާމަތު ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.