03 Apr 2013, 15:48
ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވި އުމަރު ނަސީރު އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ޖަލްސާއެއް ބާއްވާ އަދި އެޖަލްސާގައި ހަގީގަތާއި ޚިލާފް ވާހަކަތަކެއް ދައްކާފައިވާ ކަމަށްބުނެ އޭނާ ޕަބްލިކްގައި މާފަށް އެދުމަށް ދިން މުހުލަތު އަންނަ އާދިއްތަ ދުވަހަށް އިތުރުކޮށްފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު އަހްމަދު މަހްލޫފް ވިދާޅުވީ ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ކުރިން އާންމުކޮށް އެނގޭނެހެން މާފަށް އެދުމަށް އުމަރު ނަސީރަށް އެދުމަށް ކައުންސިލުން ފާސްކޮށްފައިވާކަން އޭނާއަށް އެންގާފައި ވަނީ ރޭ 9:20 ހާއިރު ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުގެ ކުރިން މާފަށް އެދުމަށް އެންގުމަށް ފާސްކުރީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޭ 9:20 ހާއިރު ކަމަށް އަޅުގަނޑުމެނަށް މި މައުލޫމާތު ލިބެނީ އުމަރު ނަސީރަށް ސިޓީ ރައްދު ކުރެވުނީ. ދެން ރޭގައި އުމަރު ނަސީރު ރާއްޖޭއިން ބޭރަށް ފުރާވަޑައިގަތުމާއި އަޅުގަނޑުމެންގެ ޖަލްސާ 9:45ގައި ފެށުނު ކަމުގައި ވީނަމަވެސް ލިބުނު ވަގުތުކޮޅު ވަރަށް ކުޑަ ކަމަށް އަޅުގަނޑިމެންގެ ކައުންސިލަށް ގަބޫލުކުރެވުނީ. އެހެންމީމަ މިއަދު ޕާޓީގެ ކައުންސިލުން ނިންމާފައި ވަނީ އާދިއްތަ ދުވަހުގެ 10:00 ކުރިން ހަމަ ބަޕްލިކް އެބޮލިޖީއެއް ދެއްވުން،" މަހުލޫފް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއި ބެހޭ ގޮތުން އުމަރު ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާއިރު މަހްލޫފް ވިދާޅުވީ "ހަމައެނި މާފަށް އެދެމޭ ބުންޏަސް" ނުފުދޭނެ ކަމަށެވެ. އެވާހަކަތަކީ ހަގީހަތާއި ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއްކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި އެއީކީ ތިމަންނަ ދެއްކި ވާހަކައަށް މާފަށް އެދެމޭ ހަމަކަނި ވިދާޅުމެއްވެސް ނޫން. އެ ދެއްކި ވާހަކަތައްކަށް ހަމަ ވަކި ވަކިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ޕާޓީގެ ކައުންސިލަށް އެބަ ގަބޫލުކުރެވޭ،" މަހުލޫފް ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހު އުމަރު ނަސީރު އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ޕްރައިމަރީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން ވޯޓު ފޮށި ނުބަހައްޓާ ރަށްރަށުގެ ނަތީޖާވެސް ނެރިފައިވާ ކަމަށާއި އޭނާ ވޯޓުދީފައިވާ ވޯޓުކަރުދާސްތައް ބައެއް ފޮށިތަކުން ނަގާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
އަދި އެހެންމެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވާހާރަ ކޮށްލުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ކުއްޖަކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމިން އަރިހުގައި ޕީޕީއެމް އޮފީހުގައި އިން ކަމަށް އުމަރު ވިދާޅުވެފައިވާކަން ޕީޕީއެމްގެ އިން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން ޔާމިން އާ އެކު ބޮޑެތި ގޭންގު ގުރޫޕްތައް އޮތްކަމަށްވެސް އުމަރު ތުހުމަތު ކުރައްވާފައިވެ އެވެ.
އުމަރު ދެއްކެވި އެވާހަކަތަކަށް އޭނާ މައާފަށް އެދިވަޑައިނުގެންފި ނަމަ އުމަރުގެ މައްސަލަ ސްލޫކު ކޮމެޓީއަށް ފޮނުއްވަން ނިންމާފައިވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.