ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ވަގުތީގޮތުން މަޑުޖައްސާލުމަށް އަމުރު ނެރެފައި ވަނީ އެމަނިކުފާނު ހުށަހެޅި މައްސަލަ ކޯޓަށް ބަލައިގަނެ ރަޖިސްޓްރީ ކުރުމަށް ފަހު ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ރަޖިސްޓްރީ ނުކުރަނީސް ވަގުތީ އަމުރު ނެރުނުކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވީނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު. އެ މައްސަލަ ކޯޓަށް ބަލައިގަންނަން ނިންމާފައިވާ ކަމަށާއި އަދި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ހަމަ އެ ދުވަހު ވަނީ މައްސަލަ ހުށަހެޅި ފަރާތަށް އަންގާފަ. މައްސަލައަށް އެފަރާތުން ފައިސާ ދެއްކީ ޖެހިގެން އައި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު. އޭގެފަހުން އަމުރު ނެރެފައި ވަނީ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސް ފަނޑިޔާރު އެކަނި ސޮއިކުރައްވައި ވަގުތީ އަމުރު ނެރުމަކީ އެއީ އާކަމެއް ނޫންކަމަށާއި މީގެ ކުރިންވެސް އެހެނިހެން މައްސަލަތަކުގައި އެފަދަ އަމުރުތައް ނެރެފައިވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ޝަރީއަތް ވަގުތީ ގޮތުން ހުއްޓާލުމަށް ހައިކޯޓުން އިއްޔެ އަމުރު ކޮށްފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ޚިލާފަށް އެކުލަވާލާފައިވާ ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅި މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ނިމެންދެނެވެ.