އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ވާނީ ދިވެހި ސަރުކާރު އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުން ކަމަށާއި ސަރުކާރުގެ ބާރު ނޯންނަ ގޮތަކަށް އެއާޕޯޓްގެ އެއްވެސް އެއްޗެއް ކުއްޔަންދީގެން ނުވާނެ ކަމަށް ބަޔަނާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ހުޅުލޭގައި އޮންނަ ދިވެހި ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިމާޔަތްކުރުމުގެ ބިލުގެ ނަމުގައި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލް މަޖިލީހުން ބޭރުކޮށްލީ 31 މެންބަރުން ވޯޓު ދެއްވައިގެނެވެ. ޕީޕީއެމް ޕާލަމަންޓްރީ ގުރޫޕްގެ މެންބަރު ހުށަހެޅުއްވި އެ ބިލް ބަލައިގަތުމަށް ފެންނަ ކަމަށް 26 މެންބަރުންވަނީ ވޯޓުދެއްވާފަ އެވެ.

މަޖިލީހަށް އެ ބިލް ވެއްދާފައި ވަނީ އިންޑިއާގެ ޖީއެމްއާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން ގެންދިޔަ ދުވަސްވަރުގަ އެވެ. ނަމަވެސް އެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ އެ ބިލުގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓްތަކަކީ ވެސް ދިވެހި އަޣުލަބިއްޔަތު އޮންނަ ކުންފުނިތަކުން ހިންގާ އެއާޕޯޓްތަކަށް ހެދުން ކަމަށެވެ.

އެ ބިލުގެ ފަސް ވަނަ މާއްދާގައި ބުނެފައި ވަނީ އެއާޕޯޓްގެ މުވައްޒިފުންގެ 65 ޕަސެންޓަކީ ދިވެހިން ކަމުގައިވާން ޖެހޭނެ ކަމަށާއި އެއާޕޯޓް ހިންގަމުން ދަނީ ގާނޫނާއި ގަވާއިދާއެއްގޮތަށްތޯ ޓްރާސްޕޯޓް މިނިސްޓްރީން ބަލަންޖެހޭނެ ކަމަށެވެ. އަދި އަހަރަކު އެއްފަހަރު އެއާޕޯޓްގެ އޮޑިޓެއްކޮށް ކަމާބެހޭ މިނިސްޓްރީތަކަށް ރިޕޯޓް ފޮނުވަން ޖެހޭ ގޮތަށް އޮޑިޓާ ޖެނަރަލްގެ މައްޗަށް ލާޒިމްކޮށްފައިވެ އެވެ.