03 Apr 2013, 14:20
ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދެއް އެކުލަވާލުމަކީ މީޑިއާ ކައުންސިލުގެ މަސައްކަތެއް ކަމަށް ކަނޑައެޅުމަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ވިލިފުށިދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބަލައިގަތީ 57 މެންބަރުންގެ ވޯޓާ އެކުގަ އެވެ. އެ އިސްލާހުގެ ބިލް މަޖިލީހުން ބަލައިގަތުމާ މެދު އެއްވެސް މެންބަރަކު ދެކޮޅު ހައްދަވާފައިނުވާއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވެ.
އެ ބިލް ބަލައިގަތުމާ އެކު އެބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ އަށް ފޮނުވާފައިވާ އިރު އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ ނޫސްވެރީން އެކްރެޑިޓް ކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދުތައް ހަދާނީ މީޑިއާ ކައުންސިލުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަޖިލީހުން ފާސްކުރި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަން ކަމުގެ ގާނޫނުގެ 54 މާއްދާގެ (ހ) ބުނެފައި ނޫސްވެރީން އެކްރެޑިޓް ކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދުތައް ހަދާނީ ބްރޯޑްކާސްޓިން ކޮމިޝަނުން ކަމަށެވެ. އަދި އެ ގަވާއިދުތައް އެކޮމިޝަނުން މިހާރު ވަނީ އެކުލަވާލެވިފައިވާ ކަމަށެވެ.
ނަމަވެސް އެ ކޮމިޝަނުން ވެސް ބުނެފަ ވަނީ އެ މަސައްކަތަކީ އެކޮމިޝަނަށް ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެކޮމިޝަނުން ވެސް ގަބޫލުނުކުރާ ކަމަށެވެ.