03 Apr 2013, 14:03
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިރު އެ ބިލް ރައީސް ތަސްދީގް ކުރައްވާ ހިސާބުން ފެށިގެން އެ ދާއިރާގެ ވިޔަފާރިތަކަށް ކުރިއަރަން ބޮޑެތި ފުރުސަތުތަކެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ބިލް ރައްޔިތުން މަޖިލީހުން ފާސްވުމާ އެކު އެގާނޫނުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުން އެ ވިޔަފާރިތަކަށް ކޮންމެ އަހަރަކު 50 ބިލިއަން ރުފިޔާގެ ލޯނު ލިބިގެންދާ އިރު މިހާރު ގެންގުލޭ ލޯނު ސުކީމްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
"ލޯނު ދޫކުރަން ސަރުކާރުގެ ބަޖެޓުން އަޅުގަނޑުމެނަށް ލިބޭ ފައިސާ އިން ލޯނު ދޫކުރާ އިރު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް އަޅުގަނޑުމެން ދޫކުރާ ލޯންތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދުކުރަނީ. އެހެންނަމަވެސް އިންޓަރެސްޓް ރޭޓެއް ހިމެނުމަކީ މުހިންމުކަމެއް،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެ ބިލް ތަސްދީގް ކުރުން ރަނގަޅުކަމަށް ރައީސް ޖުމްހޫރިއްޔާ އަށް ދަންނަވާފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ބިލަށް އިކޮނޮމިކް މިނިސްޓްރީ އިން ހިމަނަން ބޭނުންވި ބައެއް ކަންތައްތައް ނުހިމެނިވާ ކަމަށާއި ނަމަވެސް އެ ބިލާ މެދު ޖުމުލަގޮތެއްގައި ހިތްހަމަޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.