ސާކު ސަމިޓަށް އައްޑޫ ސިޓީގައި ގާއިމު ކުރެވުނު އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރާއި އެ ސެންޓަރު ބިނާކޮށްފައި ހުރި ބިމުގެ ސަރަހައްދު ތަރައްގީކޮށް ވިޔަފާރީގެ އުސޫލުން ހިންގުމަށް އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމައިފި އެވެ.

އިގްތިސާދީ ވުޒާރާގައި މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރާއި އަދި އެ ސަރަހައްދުން ކަނޑައެޅިފައިވާ އިމުގެ ތެރޭގައި އަމިއްލަ ފަރާތްތަކުން ޝައުގުވެރިވާ ގޮތަށް ބައްޓަން ކުރެވިފައިވާ ވިޔަފާރިއެއް 50 އަހަރުގެ ދިގު މުއްދަތަކަށް ހިންގުމަށް އެތަން ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ.

އަމީން ވިދާޅުވީ އިގްތިސާދީ ވުޒާރާއާއި ފަތުރުވެރިކަކުގެ ވުޒާރާއާ ގުޅިގެން އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ނިންމާފައި ވަނީ، ހޮޓަލެއް ހިންގަން، ނުވަތަ ތައުލީމުދޭ ތަނެއް ހިންގަން، ނުވަތަ ޞިއްހީ ހިދުމަތްދޭ ތަނެއް ހިންގަން ނުވަތަ ޝައުގުވެރިކަން ފާޅުކުރާ ފަރާތަކުން ބޭނުންވާ އެފަދަ ތަނެއް ހިންގުމަށް ކަމަށެވެ. އަދި އެތަން އެގޮތަށް އަމިއްލަފަރާތަކާ ހަވާލުކޮށްގެން ހިންގަން ސަރުކާރުން ނިންމީ އެތަނަކީ ދައުލަތުން ބޮޑު ހަރަދުތަކެއް ކޮށްގެން އިމާރާތް ކުރެވިފައިވާ ތަނަކަށް ވުމާއި އަދި އެތަން އެގޮތަށް ހުރެ ހަލާކުވެގެން ދިއުމުގެ ބަދަލުގައި އެތަން އައްޑޫގެ ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތެއްގައި ތަރައްގީކޮށް ބޭނުން ކުރެވޭނޭ ގޮތެއް ހެދުމަށްޓަކައި ކަމަށެވެ. އެގޮތުން މިހާރުވާނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މިއަދު އޮތް އެ ބައްދަލުވުމުގައި އިގްތިސާދީ ވަޒީރު އަހުމަފު މުހައްމަދު ވިދާޅުވީ، ކޮންވެންޝަން ސެންޓަރު ހިންގުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެތަން ހިންގަން ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވާދަވެރި ބީލަމެއްގެ ތެރެއިން ރަނގަޅަށް އިވެލުއޭޓް ކުރެވިގެން ކަމަށެވެ.

އައްޑޫ ސިޓީގައި ގާއިމު ކުރެވުނު އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރާއި އެސެންޓަރު ބިނާކޮށްފައި ހުރި ބިމުގެ ސަރަހައްދު ތަރައްގީކޮށް ވިޔަފާރީގެ އުސޫލުން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ލިޔުން ހުށަހެޅުމަށް މި މަހުގެ ދެވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ މިމަހުގެ 30 ވަނަ ދުވަހުގެ 2:00އަށެވެ.

އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު ކުއްޔަށް ދިނުމަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ވެސް މަސައްކަތް ކޮށްފައިވެ އެވެ.