03 Apr 2013, 13:20
އާޓިފިޝަލް ބީޗް ސަރަހައްދު މަރާމާތު ކުރުމަށް ޓަކައި އެތަން ބަންދުކޮށްފައި ވާތީ އެތަނުގައި އެއްވެސް ހަރަކާތެއް ނުހުހިންގުމަށް މާލޭ ސިޓީ ކައުންސިލުން އަނެއްކާ ވެސް އިލްތިމާސްކޮށްފި އެވެ.
މާލޭ ސިޓީގެ މޭޔަރު މައިޒާން އަލި މަނިކު ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދުގައި އަޅާފައިވާ ގާތަށް ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ އެތަން މަރާމާތު ކުރުމަށް ސިޓީ ކައުންސިލު ކުރަމުން ގެންދާ މަސައްކަތަކަށް ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުގެ ސަބަބުން ހުއްޓިފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ މަރާމާތުކޮށް ނިމެންދެން އެ ސަރަހައްދު ބޭނުން ނުކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ލިޔުމުން އަދާލަތު ޕާޓީ އަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ އެ އެންގުމަށް އަމަލު ނުކޮށް ގައުމީ ހަރަކާތުގެ ފަރާތުން އެތަނުގައި ސިޔާސީ ހަރަކާތްތައް ހިންގަމުންދާތީ އެތަން މަރާމާތު ކުރެވޭނެ ގޮތެއް ނުވި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި ސިޔާސީ ފަރާތްތަކުން އެތަނުގައި ކެމްޕޭންގެ ހަރަކާތްތައް ބާއްވަން ބޭނުންވާނެތީ ވީހާ ވެސް އަވަހަކަށް އެތަން މަރާމާތުކޮށް ނިންމުމަށް ސިޓީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. އެހެންކަމުން އެތަން ބަންދުކުރެވިފައިވާ ކަމަށާއި މަރާމާތުކޮށް ނިމެންދެން އެ ސަރަހައްދު ބޭނުން ނުކުރުމަށް ދެވަނަ ފަހަރަށް އަދާލަތު ޕާޓީ އަށް އަންގާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ދެވަނަ ފަހަރަށް އެންގި އެންގުމަށް އެ ޕާޓީން އަމަލުކޮށްފައި ނުވާތީ އެކަން ހައްލުކޮށް ދިނުމަށް ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.
އާޓިފިޝަލް ސަރަހައްދު ބޭނުން ނުކުރުމަށް އަންގައި ސިޓީ ކައުންސިލުން ފޮނުވި ސިޓީގެ ރައްދުގައި އަދާލަތުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ސަރަހައްދަކީ ސިޔާސީ ހަރަކާތް ހިންގުމަށް ހައުސިން މިނިސްޓްރީން އެ ޕާޓީ އަށް ދޫކޮށްފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން އެ ޕާޓީން އެތަނުގައި ހިންގާ ހަރާކާތެއް ހިންގުން މަނާކުރުމަށް އެންގުމުގެ އިޚްތިޔާރު ސިޓީކައުންސިލަށް ލިބިގެން ނުވާ ކަމަށް ވެސް އަދާލަތުން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އަދާލަތު ޕާޓީން ބުނީ އާޓިފިޝަލް ބީޗްގައި އެޕާޓީން ސިޔާސީ ހަރަކާތް ހިންގިޔަސް އެތަން މަރާމާތު ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ނުދެކޭ ކަމަށެވެ.